28 Aug 2017, 22:28
ރާއްޖެ އިން ހައްޖަށް ގޮސްފައިވާ ހައްޖުވެރިންނާ އަމީރުލް ހައްޖު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުން އޮތީ މިއަދު މައްކާގެ ރިފާއުއް ސައްދު ހޮޓަލްގައެވެ.

އަމީރުލް ހައްޖު އަދި މިނިސްޓަރު ސައީދު ހައްޖުވެރިންނާ ބައްދަލުކުރައްވަނީ ---
މި އަހަރު ރާއްޖެއިން 1،300 އަށްވުރެ ގިނަ މީހުން ވަނީ ހައްޖަށް ގޮސްފައެވެ. އެނެމް ފުރަތަމަ ހައްޖަށް ދާން ރާއްޖެއަށް ލިބުނީ 1000 ޖާގައެވެ. ފަހުން ސައުދީން ވަނީ އިތުރު 500 ޖާގަދީފައެވެ. ނަމަވެސް ވަގުތު ކުޑަތަން ވުމުން އެ 500 ޖާގައިގެ ތެރެއިން ހައްޖަށް ދެވިފައިވަނީ 300 މީހުނަށެވެ.
ރާއްޖޭން މިފަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައި ވަނީ ޒައީ ގްރޫޕާއި ސިސިލްފަރާއި ހަރަމައިންގެ އިތުރުން ހައްޖު ކޯޕަރޭޝަނަށެވެ.
އެ ގްރޫޕްތަކުގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު 693 މީހުން ހައްޖަށްދާއިރު، ހަރަމައިން ގްރޫޕުން 98 މީހުން، ސިސިލްފަރުން 96 އަދި ޒައީ ގްރޫޕުން 97 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ދާނެއެވެ. އަދި ފަހުން ހައްޖަށް ދިޔަ 300 މީހުން ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައެވެ.