ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާއެކު ބްރެޒިލް ތަރި ނޭމާ ހޭދަކުރާ ފުރަތަމަ ސީޒަނުގައި އޭނާއަށް އެ ކްލަބަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިދިނުމުގައި އިސްދައުރެއް އަދާ ކުރެވިދާނެ ކަމަށް ޕީއެސްޖީގެ ކުރީގެ ފޯވަޑް ނެނޭ ބުނެފިއެވެ.

ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް ފީއަކަށް ޕީއެސްޖީއާ ގުޅުމަށްފަހު ނޭމާ ދަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. 222 މިލިއަން ޔޫރޯގެ އަގަކަށް ޕީއެސްޖީއާ ގުޅުނު ނޭމާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު ލީގު މެޗުތަކުން ތިން ގޯލާއި ތިން އެސިސްޓް ހަމަކޮށްފައެވެ.

ޕީއެސްޖީއަށް މިސީޒަނުގެ ފްރާންސް ލީގު ހޯދޭނެ ކަމަށް ގިނަބަޔަކު ގަބޫލުކުރާއިރު، އެ ޓީމުން އެންމެ އިސްކަމެއް ދެނީ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމަށެވެ.

ނޭމާގެ ގާތް އެކުވެރިއެއް ކަމަށްވާ ނެނޭ ބުނީ، ޕީއެސްޖީއާ ގުޅުމަށް ހިޔާލު ދިނުމަށް ނޭމާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި ދިހަ ނަންބަރުގެ ޖާޒީގައި ނޭމާ ފެންނާތީ ވަރަށް އުފާކުރާ ކަމަށެވެ. ޕީއެސްޖީއަށް ނެނޭ ކުޅުނުއިރު އޭނާ ވެސް ބޭނުން ކުރަމުންދިޔައީ ދިހަ ނަންބަރު ޖާޒީއެވެ.

"ނޭމާއަކީ ވަރަށް ރަނގަޅު އެކުވެރިއެއް. އަހަރެންގެ ކުރީގެ ޓީމުގައި އަހަރެންގެ ޖާޒީގައި އޭނާ ފެންނާތީ ވަރަށް އުފާކުރަން. ޕީއެސްޖީއާ ނޭމާ ގުޅުމުގެ ކުރިން އަހަރެން އޭނާއާ ވާހަކަ ދެއްކިން. ޕީއެސްޖީއަކީ އެންމެ ރަނގަޅު ކްލަބު ކަމަށް ބުނެ، އަހަރެން އޭނާއަށް ހިޔާލު ދިނިން. އޭނާއަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، އޭނާގެ ވާހަކަ ލިޔުމަށް އެންމެ ރަނގަޅު ކްލަބަކީ ޕީއެސްޖީ. އެ ކްލަބަށް ޗެމްޕިއަންސް ލީގު ހޯދުމަށް ނޭމާއަށް އިސް ދައުރެއް އަދާކޮށްދެވިދާނެ،" މިހާރު ބްރެޒިލްގެ ވަސްކޯ ޑަ ގަމާއަށް ކުޅެމުންދާ އުމުރުން 36 އަހަރުގެ ނެނޭ ބުންޏެވެ.

ނެނޭ ބުނީ، ޕީއެސްޖީގެ ތާރީހުގައި އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައި ނުވުމުން އެ މުބާރާތް ކާމިޔާބު ކުރުމަކީ އެ ކްލަބަށް އޮތް ޗެލެންޖެއް ކަމަށާއި ޕީއެސްޖީއަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭ ފެންވަރު ހުރި ޓީމެއްކަން ފާއިތުވެދިޔަ ސީޒަންތަކުގައި އެ ކްލަބުން ސާބިތުކޮށްދީފައިވާ ކަމަށެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި 4-0 ލަނޑުން ބާސާގެ މައްޗަށް ޕީއެސްޖީން ހޯދި މޮޅު ވެސް އޭނާ ފާހަގަކުރިއެވެ.