29 Aug 2017, 09:04
އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސްގެ ނަމުން ނަންދީފައިވާ ހަނގުރާމަވެރި ޖަމާއަތަކީ ފަހުގެ ތާރީޚުގައި އިސްލާމީ ދުނިޔޭގައި އުފެދުނު އެންމެ ހަރުކަށި އެންމެ މުއްސަނދި އަދި ނުރައްކާތެރި ޖަމާއަތެވެ. މިޖަމާއަތް 2012 ވަނަ އަހަރު އާދަޔާ ޚިލާފު ބާރުމިނެއްގައި ކުރިއަރަމުން ގޮސް 2014 ވަނަ އަހަރުވަނީ އިރާގާއި ސޫރިޔާގެ ބޮޑުބައި ހިފައި އިސްލާމީ ޚިލާފަތުގެ ނަމުގައި ތަކްފީރީ ވިސްނުމުގެ ވެރިކަމެއް ވެސް އިއްލާންކޮށްފައެވެ. ނަމަވެސް 2016 ވަނައަހަރުން ފެށިގެން އެޖަމާއަތާ ދެކޮޅަށް އިރާގުން ފެށި ގަދަފަދަ ހަނގުރާމައާ ގުޅިގެން އެ ޖަމާއަތްވަނީ ބަލިކަށިވާން ފަށާފައެވެ.
ދެހާސްފަނަރަ ވަނައަހަރު އިރާގުން އެގައުމުގެ ބޮޑު ސިޓީއެއް ކަމަށްވާ ރަމާދީ އައިއެސްގެ އަތްދަށުން މިނިވަންކޮށްފައިވާއިރު 2016 ވަނަ އަހަރު ވަނީ ފައްލޫޖާ މިނިވަންކޮށް މޫސަލް މިނިވަންކުރުމުގެ ހަނގުރާމަ ފަށާފައެވެ. ދޮޅު އަހަރުގެ މި ހަނގުރާމައިގާ މީގެ ދޮޅުމަހެއްހާ ދުވަސްކުރިން އިރާގު ސިފައިން ވަނީ މޫސަލް މިނިވަންކޮށް އެ ރަށުގައި އައިއެސްއިން ގާއިމުކުރި ޚިލާފަތުގެ އިދާރީ މަރުކަޒުތަކާ ފައިސާ އާއި އިންފްރާސްޓްރަކްޗާގެ ވަސީލަތްތައް ބިމާ ހަމަކޮށްލާފައެވެ.
އެއަށްފަހު މިދިޔަ ހަފްތާގައި އިރާގުން ފެށީ ތެލަޢްފަރު ސިޓީވެސް އައިއެސް ގެ އަތްދަށުން މިނިވަން ކުރުމުގެ ހަނގުރާމައެވެ. އަށް ދުވަހުގެ ތެރޭގައި މިހަނގުރާމަ ކަމިޔާބުކޮށް ތެލަޢްފަރު ސިޓީވެސް މިވަނީ އައިއެސްގެ އަތްދަށުން މިނިވަންކޮށް އިރާގުގެ ސިޔާދަތުގެ ދަށަށް އެސިޓީ ގެނަސްފައެވެ. މިއާއެކު ސޫރިޔާގެ ކުރުދީ ބާރުތައް އެމެރިކާއާ ގުޅިގެން ގެންދަނީ ސޫރިޔާގައިވާ އައިއެސްގެ މައި މަރުކަޒުކަމަށްވާ ރިއްޤާ ގެ ބޮޑުބައިވެސް މިނިވަންކޮށްފައެވެ. އައިއެސް އަށް ކުރިމަތިވި މި ނާކާމިޔާބީތަކާއެކު އެޖަމާއަތުގެ ވުޖޫދު އިރާގާއި ސޫރިޔާއިން މިވަނީ ގާތްގަނޑަކަށް ގެއްލިފައެވެ. ތިރީގައި މިބަލާލަނީ އައިއެސް ކުރިއަރައިގެން އައި ގޮތާއި ފަސްއަހަރު ތެރޭގައި އެޖަމާއަތް އޮއްސިގެންދާ ގޮތުގެ މައްޗަށެވެ.
އައިއެސް ޖަމާއަތް އުފެދުން
މިއީ ތަކްފީރީ ފިކުރުގެ ހައްދު ފަހަނަޅާފައިވާ ޖަމާއަތެކެވެ. ތަކްފީރީ ފިކުރަކީ ފިގުހީ އަދި މަޛްހަބީ ކަންކަމުގައި އެބަޔަކު ގެންގުޅޭ ފިކުރާ ވިސްނުން ފިޔަވައި އެހެން ވިސްނުމެއް ގެންގުޅޭ ކޮންމެ މީހަކީ ނުވަތަ ބަޔަކީ ކާފަރުން ކަމަށް ނިންމައި އެމީހުންގެ ލޭ ހުއްދަވާނެކަމަށް ދެކޭ ފިކުރެވެ. ފިގުހީ ކަންކަމުގައި އޮންނަންވާނީ ހަމައެކަނި ތިމާގެ ޚިޔާލާއި ފިކުރުއެކަނި ކަމަށްދެކެ އެ ފިކުރާއި ޚިޔާލާ ތަފާތުވާ ކޮންމެ ފަރާތަކީ ކާފަރެއް ކަމަށް ނިންމައި އެފަރާތެއް މަރާލަންޖެހޭކަމަށް ދެކޭ ފިކުރެވެ. އައިއެސްއިން ވަނީ 2014 ވަނަ އަހަރު އިސްލާމީ ޚިލާފަތުގެ ނަމުގައި އެޖަމާއަތުގެ ހަރުކަށި ތަކްފީރީ ފިކުރުތަކުގެ އަސާސްގެ މަތީގައި ދައުލަތެއްވެސް އުފައްދައި އިޢްލާންކޮށްފައެވެ.
އައިއެސް ގެ ލީޑަރު އަބޫބަކުރު ޢަލްބަޣްދާދީވަނީ އިރާގުގެ މޫސަލް ގެ ނޫރީ މިސްކިތުގައި 2014 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު އިސްލާމީ ޚިލާފަތެއް އިޢްލާންކޮށް އޭނާއަކީ މުސްލިމުންގެ ޚަލީފާކަމަށާއި ދުނިޔޭގެ ކަންކޮޅުތަކުގެ މުސްލިމުން އެ ދައުލަތަށް ހިޖުރަކުރުމަށާއި މުދަލާއި ނަފްސާ އަދި ދުޢާޢިން އެދައުލަތަށް ވާގިވުމަށް ގޮވާލާފައެވެ.
އައިއެސް ޖަމާއަތް އުފެދުނީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ އެމެރިކާއިން ބޮޑެތި ދޮގުތަކެއް ހެދުމަށްފަހު 2003 ވަނަ އަހަރު އެމެރިކާ އިރާގާ ދެކޮޅަށް އުދުވާނީ ހަނގުރާމައެއް އިއުލާންކޮށް އިރާގަށް އަރައިގަނެ އެގައުމުގެ އާންމުންގެ އެތަށް ލައްކަ ބަޔަކު މަރައި މުޅި ގައުމު ތަޅައި ސުންނާފަތިކޮށްލުމާ ގުޅިގެން އެކަމަށް ބަދަލުހިފުމުގެ ގޮތުން ނުކުތް ހަނގުރާމަވެރިންގެ ތެރެއިންނެވެ.
އަބޫމުސްއަބް އައްޒަރްގާވީ
އެދުވަސްވަރު އެމެރިކާއާ ދެކޮޅަށް ޖިހާދު ކުރުމަށް އުފެދުނު ލީޑަރުންގެ ތެރެއިން އުރުދުންގެ ރައްޔިތެއް ކަމަށްވާ އަބޫމުޞްޢަބު އައްޒަރްޤާވީގެ ޒަޢާމަތުގެ ދަށުން ޙަރަކާތްތެރިވަމުންދިޔަ "ޖަމާޢަތުއް ތަވްޙީދު ވަލްޖިހާދު" ޖަމާއަތް، ފަހުން އައިއެސް ޖަމާއަތަށް ބަދަލުވެގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އައިއެސް އުފެދުނީ އިރާގަށް އަރައިގަތް އެމެރިކާ ސިފައިންނާ ދެކޮޅަށް ކަމަށްވިޔަސް ފަހުން އެޖަމާއަތުގެ އަމާޒަކަށްވީ އެމެރިކާ ސިފައިންނެއްނޫނެވެ. އިރާގުގެ ރައްޔިތުންނެވެ. ޝިޔައީންނާއި ސުންނީންނެވެ. މައިގަނޑު ގޮތެއްގައި އައިއެސްގެ ހަމަލާތައް އަމާޒުކުރަނީ އިރާގުގެ ޝިޔައީންނަށް ކަމަށްވިޔަސް އެޖަމާއަތުގެ ހަމަލާތައް ސުންނީންނަށްވެސް އަމާޒުކުރެއެވެ. ޝިޔައީން ކާފަރުކުރާގޮތަށް އައިއެސްއިން ސުންނީންވެސް ކާފަރުކުރެއެވެ. މިގޮތުން އައިއެސްގެ ފިކުރާ އިދިކޮޅު ސުންނީންނާމެދުވެސް އެޖަމާއަތުން ދެކެނީ ކާފަރުންގެ ގޮތުގައެވެ.

އަބޫމުސްއަބް އައްޒަރްގާވީ
އަބޫމުޞްޢަބު އައްޒަރްޤާވީގެ ޒަޢާމަތުގެ ދަށުން ހަރަކާތްތެރިވަމުންދިޔަ ޖަމާޢަތުއް ތަވްޙީދު ވަލްޖިހާދުގެ ހަނގުރާމަވެރިންނަކީ އަލްގާއިދާއަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ. ޒަރުޤާވީއަކީ ކުރީގެ ސޮވިއެޓް ޔޫނިއަން އާ ދެކޮޅަށް އެމެރިކާގެ އެހީގައި އަފްޣާން މުޖާހިދުންގެ ނަމުގައި އެމެރިކާއިން ސިޔާސީ ބޭނުމަކަށް އަފްޣާނިސްތާނުގައި ހަރަކާތް ކުރުވި މުސްލިމް ހަނގުރާމަވެރިންގެ ތެރޭގައި ހިމެނިގެން ހަނގުރާމައިގެ އުކުޅުތަކާއި ހުނަރުތައް ވަރަށް ރަނގަނޅަށް ދަސްކޮށް އެކަމުގައި އަރާހުރި މީހެކެވެ. ޒަރުޤާވީ އަލްޤައިދާއަށް ބައިޢަތުހިފައި އިރާގުގައި އެމެރިކާގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދު ކުރުމަށް އޭނާ އުފެއްދި ޖަމާއަތް ކަމަށްވާ ޖަމާޢަތުއް ތަވްޙީދު ވަލްޖިހާދުގެ ނަން "ތަންޒީމުލްޤާއިދާ ފީ ބިލާދިއްރާފިދައިން" މިނަމަށް ބަދަލުކުރީ 2006 ވަނަ އަހަރުގައެވެ.
މިއީ އިރާގުގައި އުފެއްދި އަލްގާއިދާގެ އިރާގުގެ ގޮތްޕެވެ. ޒަރުޤާވީގެ ކޮމާންޑްގެ ދަށުން އޭނާގެ ޖަމާއަތުގެ ހަނގުރާމަވެރިން އެމެރިކާ ސިފައިންނާ ދެކޮޅަށްކުރި ޖިހާދުގައި ތިން އަހަރު ތެރޭގައި އެމެރިކާ ސިފައިންގެ ތިންހާހަށްވުރެ ގިނަ މީހުން މަރާލައި ވިހި ހާހަށްވުރެ ގިނަ އެމެރިކާ ސިފައިން ޒަޚަމްކޮށްލިއެވެ. އަދި އެމެރިކާގެ އަސްކަރީ އާލާތްތައްވެސް ވަރަށް ބޮޑަށް ހަލާކުކޮށް އެމެރިކާ ސިފައިންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި އެމީހުން ނަފްސާނީ ގޮތުން ބަލިކޮށްލިއެވެ.
އެމެރިކާ ސިފައިން ވަނީ 2006 ވަނަ އަހަރުގެ ކުރީކޮޅު ޒަރްގާވީ މަރާލައިފައެވެ. އެމެރިކާ ސިފައިންނަށް ޒަރްގާވީ މަރާލެވުނީ އެކަމަށް މަސައްކަތްކުރާތާ ތިންއަހަރު ފަހުންނެވެ. ޒަރްގާވީގެ މައުލޫމާތު ދޭ ފަރާތްތަކަށް އެތަށް މިލިޔަން ޑޮލަރެއް އެމެރިކާ ހުށަހަށައިގެން ކުރި ދިގުމުއްދަތުގެ މަސައްކަތްތަކެއް ގެ ނަތީޖާއެއްގެ ގޮތުންނެވެ. ޒަރުޤާވީ އަށްފަހު އެޖަމާއަތުގެ ވެރިކަމާ ހަވާލުވީ އަލްގާއިދާއަށް ނިސްބަތްވާ އެހެން މީހެއްކަމަށްވާ އަބޫ ޢުމަރު އަލްބަޣްދާދީއެވެ. އޭނާގެ ޒަޢާމަތުގައި "ޖަމާޢަތުއް ތަވްޙީދު ވަލްޖިހާދު" ގެ ނަން "އިސްލާމިކް ސްޓޭޓް އޮފް އިރާޤް" އަށް ބަދަލު ކުރިއެވެ.
އެއަށްފަހު 2010 ވަނަ އަހަރު އެމެރިކާގެ ޙަމަލާއެއްގައި އަބޫ ޢުމަރުލްބަޣްދާދީ މަރާލުމާ ގުޅިގެން އިސްލާމިކް ސްޓޭޓް އޮފް އިރާޤްގެ ޒަޢާމަތާ ޙަވާލުވީ އައިއެސް ގެ މިހާރުގެ ލީޑަރު އަބޫބަކުރުލް ބަޣްދާދީއެވެ. ބަޣްދާދީގެ ވެރިކަމުގައި އިސްލާމިކް ސްޓޭޓް އޮފް އިރާޤު ޖަމާއަތް ވަރުގަދަކޮށް އެޖަމާއަތުގެ ޙަމަލާތައް ފުޅާކުރިއެވެ. އަދި އިސްލާމިކް ސްޓޭޓް އޮފް އިރާޤުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް އެޖަމާޢަތް އޭނާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައެވެ.
އެއީ 2011 ވަނައަހަރު ފެށުނު އަރަބި ރަބީއުގެ ތެރެއިން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް އެގައުމުގައި މުޒާހަރާތައް ފެށުނު ދުވަސްވަރެވެ. މިއާއެކު އިސްލާމިކް ސްޓޭޓް އޮފް އިރާޤު ޖަމާއަތުގެ ގޮތްޕެއް ސޫރިޔާގައި އުފައްދަން ބަޣްދާދީ މަސައްކަތްފެށިއެވެ. އެއީ ބައްޝާރުގެ ވެރިކަން ވައްޓާލައި ސޫރިޔާގެ ވެރިކަމަށް އަތްގަދަ ކުރުމުގެ ބޭނުމުގައެވެ. މިކަމުގައި ގަލްފުގެ ބައެއް އަރަބި ގައުމުތަކުގެ މާލީ އެހީތެރިކަމާއި ތުރުކީގެ އަސްކަރީ އެހީތެރިކަން ބަޣްދާދީއަށް ލިބުނެވެ.
އަބޫ މުހައްމަދުލްޖޫލާނީ އާއި ޖަބްހަތުއްނުސްރާ
ސޫރިޔާގައި އެޖަމާއަތުގެ ގޮތްޕެއް އުފެއްދުމުގެ މަސައްކަތް ބަޣްދާދީ ހަވާލުކުރީ ގަތަރާއި ގަލްފުގެ އެހެން ބައެއް އަރަބި ގައުމުތަކުގެ ތާއީދު ލިބިފައިވާ ސޫރިޔާގެ ޒުވާނެއް ކަމަށްވާ އަބޫ މުޙައްމަދުލް ޖޫލާނީއާއެވެ. ޖޫލާނީއޭރު ހުރީ އިސްލާމިކް ސްޓޭޓް އޮފް އިރާޤު ޖަމާއަތުގެ ޝަރުޢީ ކަންކަމާބެހޭ މަގާމެއް ގައެވެ.

އަބޫމުހައްމަދުލް ޖޫލާނީ
ޖޫލާނީ ސޫރިޔާއަށް ދިޔައީ އިސްލާމިކް ސްޓޭޓް އޮފް އިރާޤު ޖަމާއަތުގެ ގޮތްޕެއް ސޫރިޔާގައި އުފެއްދުމުގެ މަސައްކަތް ބަޣްދާދީ، ޖޫލާނީ އާ ހަވާލުކުރުމުން 2011 ވަނައަހަރުގެ ފަހުކޮޅުގައެވެ. އޭނާ ސޫރިޔާއަށް ގޮސް ސޫރިޔާގެ ޒުވާނުން ބައްޝާރާ ދެކޮޅަށް ޖިހާދުކުރުމުގެ ނަމުގައި ދީން ހަތިޔާރަކަށް ހަދައިގެން އެޖަމާއަތަށް ވައްދަން މަސައްކަތްކުރިއެވެ. މިކަންކުރީ ގަތަރުފަދަ ގަލްފުގެ ބައެއް އަރަބި ގައުމުތަކުގެ ފައިސާގެ އެހީގައެވެ. ޖޫލާނީ، އަބޫބަކުރު އަލްބަޣްދާދީއަށް ކިޔަމަންވެ ވަކިވެ ނުގަތުމަށް ﷲ ގަންދީ ހުވާކުރިކަމަށްވެސް ވެއެވެ. މިއާއެކު އިސްލާމިކް ސްޓޭޓް އޮފް އިރާގު ޖަމާއަތުގެ ބައެއް ކޮމާންޑަރުންނާއެކު އޭނާ ސޫރިޔާއަށް ގޮސް "ޖަބްހަތުއްނުސްރާ" ޖަމާއަތް އުފައްދައި ސޫރިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ފެށިއެވެ.
ގަތަރާއި ގަލްފުގެ ބައެއް އަރަބި ގައުމުތަކުން ދިން ފައިސާގެ އިތުރުން އިސްލާމިކް ސްޓޭޓްގެ ޚަޒާނާގައިވާ ފައިސާގެ ތެރެއިންވެސް އެތަށް މިލިޔަން ޑޮލަރެއް ޖޫލާނީ، ބަޣްދާދީ އަށް ދިންކަމަށްވެއެވެ. މިފައިސާގެ އެހީއާއި ދީނުގެ ނަމުގައި ތަކްފިރީ ވިސްނުމުގެ މީހުން ދެމުން ގެންދިޔަ ޖިހާދުގެ ފަތުވާތަކާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޖަބްހަތުއް ނުޞްރާ ކުރިއަރައި ފުޅާވެ ސޫރިޔާގެ އެތަށް ސަރަޙައްދުތަކެއް ހިފިއެވެ. ޖަބްހަތުއް ނުޞްރާ އަށް ދުނިޔޭގެ ކަންކޮޅުތަކުން ހަނގުރާމަވެރިން ދިޔުމުގެ ކަންތަކުގައި ތުރުކީންވެސް އަދި އެމެރިކާއިން ވެސް ސިއްރިޔާތުގައި އެހީތެރިކަން ދިނެވެ. އެއީ އެޖަމާއަތް ދެކެ ލޯބިވާތީ އެއްނޫނެވެ. ބައްޝާރުގެ ވެރިކަން ވައްޓާލަން ސޫރިޔާގެ ވެރިކަމަށް އެމެރިކާއާއި ތުރުކީއާއި ގަލްފުގެ ގައުމުތައް ބޭނުންވާ ބަޔަކު ގެންނަން ބޭނުންވާތީ އެކަމަށް ބާރުއެޅުމުގެ ގޮތުންނެވެ.
ނަމަވެސް ދުވަސްކޮޅަކަށްފަހު ޖަބްހަތުއް ނުޞްރާގެ ބާރުގަދަވެ އެޖަމާއަތަށް ލިބޭ ފައިސާ ގިނަވެ މާބޮޑަށް މުއްސަނދިވުމުން ޖޫލާނީގެ ވިސްނުން ބަދަލުވެގެންދިޔައެވެ. މިގޮތުން ޖަބްހަތުއް ނުޞްރާ ގެ ކަންކަން ބަޣްދާދީއާ މަޝްވަރާނުކޮށް ޖޫލާނީ އަށް ފެންނަގޮތަށް ގެންދަންފެށިއެވެ. މިކަންއެނގުމުން ބަޣްދާދީ ރުޅިގަދަވެ ޖޫލާނީ ވަކިކުރުމަށް މަސައްކަތްކުރި ނަމަވެސް ޖަބްހަތުއް ނުޞްރާގެ ހަނގުރާމަވެރިންގެ މެދުގައި ޖޫލާނީ މަގްބޫލުކަން ބޮޑުވުމުން ބަޣްދާދީއަށް އެކަން ކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް ޖަބްހަތުއް ނުޞްރާއަކީ އިސްލާމިކް ސްޓޭޓް އޮފް ޢިރާޤުގެ ސޫރިޔާ ގޮފިކަމަށް އިޢުލާންކޮށް ބަޣްދާދީގެ އިސްލާމިކް ސްޓޭޓް އޮފް އިރާޤް ނަން އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސޫރިޔާ ނުވަތަ އައިސިސްގެ ނަމަށް ބަޣްދާދީ ބަދަލުކުރިއެވެ. އެއީވެސް ޖަބްހަތުއް ނުޞްރާ ވަކި ޖަމާއަތެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ.
ބަޣްދާދީ އެގޮތަށް ހެދުމުން ޖޫލާނީވަނީ އެކަން ގަބޫލުނުކޮށް އެކަމާދެކޮޅުހަދައި އަލްޤައިދާގެ ލީޑަރު އައިމަނު އައްޒަވާހިރީއަށް ބައިޢަތު ހިފާފައެވެ. އަދި އެންމެފަހުން ޖަބްހަތުއް ނުޞްރާއަކީ ސޫރިޔާގައިވާ އަލްގާއިދާގެ ގޮފިކަމަށް އިޢްލާންކޮށް ބަޣްދާދީގެ ޖަމާއަތާ ގުޅުންތައް މުޅިން ކަނޑާލައި ބަޣްދާދީ އަކީ ކާފަރެއްކަމަށް ނިންމައި ބަޣްދާދީގެ ޖަމާއަތުގެ އެންމެ ބޮޑު ދުޝްމަނަށް ޖަބްހަތުއް ނުޞްރާ ވެގެންދިޔައެވެ.
ސޫރިޔާގައި ޖިހާދުގެ ނަމުގައި ޖަބްހަތުއް ނުޞްރާއިންވެސް ހިންގީ އައިއެސް އިން އިރާގާއި ސޫރިޔާގައި ހިންގި ބާވަތުގެ ތަކްފީރީ އަދި އަނިޔާވެރި އަމަލުތަކެވެ. ދުޝްމަން ހަނގުރާމަވެރިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށް އެމީހުންގެ ކަރު ބުރިކުރުމާއި އެމީހުންގެ ބޯކަނޑައިގެންނާއި އާންމު ތަންތަނުގައ ދަންޖައްސައިގެންނާއި ދިރިތިއްބައި އަލިފާނަށް ލައި އަންދައިގެން އިދިކޮޅު ކޮންމެ މީހަކު މެރުންފަދަ ލާއިންސާނީ ޢަމަލުތަކެވެ. އަންހެނުން ރޭޕްކުރުމާއި އެމީހުން އަޅުވެތިކުރުމުގެ އަމަލުތަކެވެ. ސޫރިޔާ ސިފައިންނާ އަދި ފަހުން ސޫރިޔާއަށް ވަން އައިސިސް ޖަމާއަތުގެ ހަނގުރާމަވެރިންނާމެދުވެސް ޖަބްހަތުއް ނުޞްރާއިން އަމަލުކުރަމުން ދިޔައީ މިގޮތަށެވެ. ނުޞްރާ އާއެކު އައިސިސް ޖަމާއަތްވެސް ސޫރިޔާގައި ދިޔައީ ބޮޑުވެ ފުޅާވަމުންނެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ އެގައުމުގެ ތެލުގެ ސަރަހައްދުވެސް ހިމެނޭގޮތަށް ބޮޑު ސަރަޙައްދެއް އައިސިސް އިން ހިފިއެވެ. ކަޅުބާޒާރުގައި ތެޔޮ ވިއްކައިގެންނާއި ސޫރިޔާގެ ބޭންކްތަކާއި މާލީ މުއައްސަސާތައް ލޫޓުވައިގެންނާއި އެ ޖަމާޢަތުން ކޮންޓްރޯލްކުރާ ސަރަޙައްދުތަކުގައި ހިންގާ ވިޔަފާރިތަކުން ޓެކްސް ނަގައިގެން ޖަބްހަތުއް ނުޞްރާއާ އެކީގައި އައިސިސް ޖަމާއަތްވެސް ސޫރިޔާގައި ވަރަށް ބޮޑަށް މުއްސަނދިވަމުން ދިޔައެވެ. މީގެ އިތުރުން އައިސިސް ވަނީ އެދުވަސްވަރު އިރާޤުގެ ބޮޑު ތިން ސިޓީ ކަމަށްވާ ފައްލޫޖާއާއި ރަމާދީ އާއި މޫސަލް ވެސް ހިފާފައެވެ. މިއާއެކު ޢިރާޤުގެ އެންމެ ތެލުގެ އެންމެބޮޑު ރިފައިނަރީ ކަމަށްވާ ބީޖީ ރިފައިނަރީ ވެސް އައިސިސް އިން ހިފިއެވެ. މިތަނުން ސާފުކުރާ ތެޔޮ ވިއްކައިގެން ބޮޑު އާމްދަނީއެއް އައިސިސް އަށް ލިބެމުން ދިޔައެވެ.
އައިއެސް ޖަމާއަތުގެ "ޚިލާފަތު" އިޢްލާންކުރުން
29 ޖޫން 2014 ވީ ހުކުދުވަހު އަބޫބަކުރުލް ބަޣްދާދީ މޫސަލްގެ ނޫރީ މިސްކިތުގައިހުރެ، އައިސިސް ޖަމާޢަތުގެ ނަން "އިސްލާމިކް ސްޓޭޓް" ނުވަތަ އައިއެސް ގެ ނަމަށް ބަދަލުކޮށް އޭނާގެ ޒަޢާމަތުގެ ދަށުން އިރާގާއި ސޫރިޔާގައި އިސްލާމީ ޚިލާފަތެއް ގާއިމްކުރިކަން އިއްލާންކުރިއެވެ. އޭނާ އެކަން އިއްލާންކުރީ ނޫރީ މިސްކިތުގެ މިންބަރުގައި ހުރެގެން އެދުވަހު ދިން ހުކުރު ޚުތުބާގައެވެ. އެޚުތުބާގައި އަބޫބަކުރުލްބަޣްދާދީ ވަނީ އޭނާއަކީ މުސްލިމުންގެ ޚަލީފާކަމާއި ހުރިހާ މުސްލިމުން އޭނާއަށް ތަބާވުމަކީ ވާޖިބެއްކަމަށްވެސް ބުނެއަންގާފައެވެ.

އަބޫބަކްރުލް ބަޣްދާދީ
ނަމަވެސް ބަޣްދާދީގެ އިސްލާމީ ޚިލާފަތް އޭނާގެ އައިއެސް ޖަމާއަތުގެ މީހުންނާއި އެޖަމާއަތުގެ ތަކްފީރީ ފިކުރަށް ތާއީދުކުރާމީހުން ނޫނީ ގަބޫލުކޮށްފައެއް ނުވެއެވެ. އެހެން މުސްލިމުން ގެންދިޔައީ ބަޣްދާދީގެ ޖަމާއަތާ ހަނގުރާމަކޮށް އެޖަމާއަތް ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް އެޖަމާއަތުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެފައިވާ އިރާގާއި ސޫރިޔާއިންނެވެ. ތަކްފީރީ ވިސްނުމުގެ އެހެން ޖަމާއަތްތައް ކަމަށްވާ ތާލިބާނުންނާއި އަލްގާއިދާއާއި ޖަބްހަތުއްނުސްރާފަދަ ޖަމާއަތްތައްވެސް ބަޣްދާދީގެ ޚިލާފަތު ގަބޫލެއް ނުކުރިއެވެ. އޭގެ ބަދަލުގައި އެހުރިހާ ޖަމާއަތްތަކުންވެސް ގެންދިޔައީ އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.
އައިއެސް ޖަމާއަތް ބަލިކަށިވުން
އިރާގު ސިފައިން 2016 ވަނަ އަހަރުން ފެށިގެން އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމަތަކުގައި އެޖަމާއަތުގެ މައްޗަށް ހޯދާ ކާމިޔާބީތަކާ ގުޅިގެން އައިއެސްވަނީ ތިންއަހަރު ތެރޭގައި އިރާގުގައި ބަލިކަށިވެ އިނދަޖެހިފައެވެ. އިރާގުގެ ރަމާދީ އާއި ފައްލޫޖާއާއި މޫސަލް އާއި އަދި އެންމެފަހުން ތެލަޢްފަރުވެސް އިރާގު ސިފައިން މިވަނީ އައިއެސްގެ ވަކިތަކުން މިނިވަން ކޮށްފައެވެ.
ސޫރިޔާއަށް ބަލާއިރު އައިއެސްގެ މައިމަރުކަޒުކަމަށްވާ ރިއްޤާގެ ބޮޑުބައިވަނީ އެގައުމުގެ ކުރުދީ ބާރުތަކުގެ އަތްދަށުގައެވެ. ފަސްއަހަރު ތެރޭގައި އައިއެސް ވަރަށް ބާރަށް ކުރިއެރުމަށްފަހު އޮއްސުމުގެ މަގުމަތީގައެވެ. ޚާއްސަކޮށް އެޖަމާއަތުގެ ވުޖޫދު އިރާގާއި ސޫރިޔާއިން މިވަނީ ގާތްގަނޑަކަށް ގެއްލިފައެވެ.
އެހެން ގައުމުތަކަށް ބަލާއިރުވެސް އަފްޣާނިސްތާނުގެ ތާލިބާނުން ގެންދަނީ އެގައުމުގައި އައިއެސް ޖަމާއަތާ ހަނގުރާމަ ކުރަމުންނެވެ. ފިލިޕީންސްގައިވެސް އައިއެސް ބާރުގަދަކޮށްފާނެތީ ފިލިޕީންސްގެ އިސްލާމީ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ މޯރޯ އިސްލާމިކް ލިބަރޭޝަން ފަރްންޓް ގެންދަނީ ފިލިޕީންސް ސަރުކާރާ ގުޅިގެން އައިއެސް އާ ހަނގުރާމަ ކުރަމުންނެވެ.
އެހެންކަމުން އިރާގާއި ސޫރިޔާގައި އޮތް ހާލަތުން އެޑްވާންޓޭޖް ނަގައިގެން އައިއެސް އެދެގައުމުގައި ކުއްލިއަކަށް ކުރިއެރިގޮތަށް އެހެން ގައުމެއްގައި ކުރިއަރައިގެން ގޮސްފާނެތޯ ނުވަތަ ނޫންތޯ މިވަނީ ސުވާލު އުފެދިފައެވެ. އައިއެސް ބަލި ކަށިވުމުގައި އެޖަމާއަތަށް ފައިސާ ޚަރަދު ކުރިކަމަށް ތުހުމަތު ކުރެވޭ ގަލްފުގެ އަރަބި ގައުމުތަކުގެ މެދުގައި މައްސަލަޖެހި އެގައުމުތައް އެއްބަޔަކު އަނެއްބަޔަކާ ދުޝްމަން ވެގެންދިޔަ ދިޔުންވެސް ހިމެނޭކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
އައިއެސް ފަދަ ޖަމާއަތްތައް އުފެދެނީ ބަދަލުހިފުމުގެ ރޫހުގެ ތެރެއިންނެވެ. ހައްގުތައް ނުލިބުމާއި ވަކި މަޛްހަބެއްގެ ނޫނީ ވަކިނަސްލެއްގެ ބަޔަކަށްވާތީ ތަފާރުކުރުމާއި ނިކަމެތިކޮށްލަމުންދާތީ އެކަންކަމަށް ބަދަލުހިފުމުގެ ބޭނުމުގައެވެ. ދީނުގެ ކަމެއްގައެއްނޫނެވެ. އިރާގަށް ބަލާއިރު ސުންނީން ވެރިކަންކުރިއިރު ޝިޔައީންނަށް އަނިޔާވެރިވެފައި ޝިޔައީން ވެރިކަން ކުރާއިރު ސުންނީންނަށް އަނިޔާވެރިވެ ތަފާތުކޮށް ނިކަމެތިކޮށްލާތީއެވެ.
އައިއެސް އުފެދުނީ އިރާގަށް އަރައިގަތް އެމެރިކާ ސިފައިންނާ ދެކޮޅަށް ކަމަށްވިޔަސް އެޖަމާއަތުގެ އަމާޒަކަށް ފަހުން އެމެރިކާ ސިފައިނެއް ނުވެއެވެ. އައިއެސްގެ ހަމަލާތައް އަމާޒުކުރަނީ އިރާގާއި ސޫރިޔާއާއި އެނޫންވެސް އިސްލާމީ ގައުމުތަކުގެ އާންމުންނަށެވެ. އެމެރިކާ ސިފައިންނަކަށް ނޫނެވެ. މައިގަނޑު ގޮތެއްގައި އައިއެސްގެ ހަމަލާތަކުގެ ޝިކާރައަކަށްވެފައިވަނީވެސް ޔޫރަޕާއި އެމެރިކާއަށްވުރެ ބޮޑަށް އިސްލާމީ ގައުމުތަކެވެ. އިރާގަށް ބަލާއިރު އެގައުމުގެ ޝިޔައީންނަށް ބޮޑަށް ހަމަލާތައް އަމާޒުކުރިޔަސް އެޖަމާއަތުގެ ހަމަލާތައް އިރާގުގެ ސުންނީންނަށްވެސް އަމާޒުކުރެއެވެ. ޝިޔައީން ކާފަރުކުރާގޮތަށް އައިއެސްއިން ސުންނީންވެސް ކާފަރުކުރެއެވެ. އައިއެސްގެ ފިކުރާ އިދިކޮޅު ސުންނީންނާމެދުވެސް އެޖަމާއަތުން ދެކެނީ ކާފަރުންގެ ގޮތުގައެވެ.
މިއީ ބަދަލުހިފުމުގެ ގޮތުން ދޭ ހަމަލާތަކެކެވެ. ޝިޔައީންނަށް ހަމަލާދެނީ އައިއެސްގައި ގިނައިން ހަރަކާތްތެރިވަނީ ސުންނީން ކަމަށްވެފައި އިރާގުގައި އޮންނަ ޝިޔައީންގެ ސަރުކާރުން އެގައުމުގެ ސުންނީންނަށް އިހާނާތްތެރިކޮށް ހަދާތީ އެކަމާދެކޮޅަށް ބަދަލުހިފުމުގެ ގޮތުންނެވެ. އެހެންކަމުން އައިއެސްގެ ހަރަކާތްތަކާ އިސްލާމްދީނާ އެއްވެސް ގުޅުމެއް ނުވެއެވެ.