29 Aug 2017, 09:06
އިންޑޮނީޝިއާއިން މި ފަހަރު އައި ހައްޖާޖީންގެ ތެރެއިން އެންމެ ދުވަސްވީ މީހާ ހައްޖުގެ އަޅުކަން އަދާކުރުމަށް ޖިއްދާއަށް ގޮސްފިއެވެ.
އުމުރުން 104 އަހަރުގެ މާރިއާ މަރްގާނީ މުހައްމަދަކީ މިއަހަރު ހައްޖުގެ އަޅުކަން ކުރަން އައި މީހުންގެ ތެރެއިން އެންމެ ދުވަސްވީ މީހާގެ ގޮތުގައި ވަނީ ބެލެވިފައެވެ.
މާރިއާ ޖިއްދާއަށް އައިއިރު އޭނާއަށް މަރުހަބާ ކިޔުމަށް ސަައުދީގެ އޮފިޝަލުންނާއި ޓީވީ ޗެނަލްތަކުން އެއާޕޯޓުގައި ގޮސްތިއްބެވެ.
މާރިއާ ބުނީ އޭނާއަށް ހައްޖަށް އާދެވުނީތީ ވަރަށް އުފާވާ ކަމަށާއި އަދި އުމުރުން ދުވަސްވީ މީހުންނާ ދޭތެރޭ ސައުދީ އަރަބިއްޔާއިން ކަންތައްކުރާގޮތާ އަދި އޭނާގެ ދަތުރުގެ އިންތިޒާމްތައް ހަމަޖައްސައިފައިވާ ގޮތާ ދޭތެރޭ ވަރަށް ހިތްހަަމަޖެހޭ ކަމަށެވެ.

ސައުދީގެ އޮފިޝަލުން މާރިޢާ އަށް މަރުހަބާ ދެންނެވުމަށް ޖިއްދާގެ އެއާޕޯޓުގައި
މާރިއާ އެއާޕޯޓަށް އައުމާއެކު އޭނާގެ ސިއްހީ ހާލަތު ސައުދީ އަރަބިއްޔާގެ ސިއްހީ އޮފިޝަލުންވަނީ ބަލައިފައެވެ.
ސިއްހީ ހިދުމަތްތައް ހައްޖުވެރިންނަށް ފޯރުކޮށްދިނުމަށް 100 އެމްބިއުލެންސް ސައުދީން ވަނީ މިއަހަރު އިތުރަށް ނެރެފައެވެެ. އޭގެ އިތުރުން 29،000 ސިއްހީ ހިދުމަތް ދޭ ފާރާތްތައް ވެސް ވަނީ ހައްޖުވެރިންނަށް 24 ގަޑިއިރު ހިދުމަތް ދިނުމަށް ނެރެފައެވެ.