28 Aug 2017, 16:02
ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގެ ދަށުން ވ. އަތޮޅުގެ ތިން ރަށެއްގައި މި ހިދުމަތް ގާއިމް ކޮށްފިއެވެ.
ދިރާގުން ބުނީ، ވ. ކެޔޮދޫ، ވ. ފުލިދޫ އަދި މީގެ ތެރޭގައި ދިވެހި ރާއްޖޭގައި އެންމެ އާބާދީ މަދު އެއް ރަށް ކަމުގައިވާ ވ. ތިނަދޫގައި ވެސް ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް ގާއިމް ކޮށްފައިވާކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑެތި ރަށްތަކުން ފެށިގެން ކުދި ރަށްތަކަށްވެސް ފަހުގެ ޓެކްނޮލޮޖީ އަށް ބިނާވެފައި އޮންނަ މުވާސަލާތުގެ ހިދުމަތް ފޯރުކޮށްދިނުން އެއީ ދިރާގުން އެންމެ އިސްކަންދެމުން އަންނަ ކަމެއްކަމުގައިވެސް ދިރާގުން ބުންޏެވެ.
ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފު ކުރުމުގެ ގޮތުން ހިންގާ ޚާއްޞަ ޕްރޮމޯޝަންގެ ދަށުން އެ ޚިދުމަތަށް އެދޭ ފަރާތްތަކަށް، ފައިބަރ ބްރޯޑްބޭންޑް ގުޅައިދިނުމުގެ ފީ މުޅިން ހިލޭ ފޯރުކޮށްދެވިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ފައިބަރ ބްރޯޑްބޭންޑަކީ، ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސްއާއި ހަމަޔަށް ހިމެނޭ އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްވެސް އެކުލެވިގެންވާ ޚިދުމަތެވެ.