އެކޯހޮޓެލްސްއާ ހަވާލުކޮށްގެން ގއ. ކޫއްޑޫގައި ތަރައްގީ ކުރި ރިސޯޓު "މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް" އަށް ފަތުރުވެރިން އަންނަން ފަށައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑައިރެކްޓުކޮށް ދެވޭ ކޫއްޑޫ އެއާޕޯޓު އޮންނަ ރަށުގެ އަނެއް ފަރާތުން ތަރައްގީ ކޮށްފައިވާ އެ ރިސޯޓަކީ 68 ވިލާ ހުންނަ ރިސޯޓެކެވެ. އޭގެ ތެރޭގައި 43 ވޯޓާ ވިލާއާއި 25 ބީޗް ވިލާ ހިމެނެއެވެ. އޭގެ ތެރެއިން 20 ވިލާއެއްގައި 6x3 މީޓަރުގެ ސްވިމިން ޕޫލް އޮވެއެވެ.

މާކިއޯ އަކީ އެކޯހޮޓެލްސްގެ މިޑްސްކޭލް ބްރޭންޑެކެވެ. ފްރާންސަށް ނިސްބަތްވާ އެކޯހޮޓެލްސްއަކީ ދުނިޔޭގެ 58 ގައުމެއްގައި 700 އަށްވުރެ ގިނަ ޕްރޮޕަޓީސްތައް ހިންގާ ކުންފުންޏެކެވެ.

"ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މާކެޓު އިތުރުވާ ދަނޑިވަޅެއްގައި އެއާޕޯޓެއް އޮތް ރަށެއްގައި ރިސޯޓެއް ތަރައްގީކޮށް އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ތަނަކަށް މިތަން ވެގެންދާނެ ކަމަށް ގަބޫލު ކުރަން. އެކަމާ އަޅުގަނޑުމެން ފަޚުރުވެރިވަން،" އެކޯހޮޓެލްސްގެ ޗީފް އޮޕަރޭޓިން އޮފިސަރ، ޕެޓްރިކް ބެސެޓް ވިދާޅުވިއެވެ.

މި ރިސޯޓުގެ މޫދުގައި 50 މީޓަރުގެ ސުވިމިން ޕޫލެއް ހިމެނޭއިރު، ރިސޯޓުގައި އެންމެ ރަނގަޅު ފެންވަރުގެ ފިޓްނަސް ސެންޓަރަކާއި ސުވަދިވާ ސްޕާގެ ނަމުގައި ހަދާފައިވާ އެންމެ ފެންވަރު ރަނގަޅު ސްޕާއަކާއި، ޓެނިސްކޯޓެއް، ކިޑްސް ކްލަބެއްގެ އިތުރުންވެސް ވަރަށް ތަފާތު ގިނަ ޚަރަކާތްތައް ކުރިއަށް ގެންދެވޭނޭ ވަސީލަތްތައް ގާއިމުކޮށްފައި ވެއެވެ.

އެ ރިސޯޓަށް ގެސްޓުން އަންނަން ފަށާފައިވާއިރު، ރިސޯޓު ރަސްމީކޮށް ހުޅުވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.