ކްރިމިނަލް ކޯޓަށް ކުރިން ދެ ގާޒީން ހޯދަން އިއުލާނު ކޮށްފައި ވަނިކޮށް އަނެއްކާވެސް އިތުރު ދެ ގާޒީން ބޭނުންވާ ކަމަށް އިއުލާނުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓަށް ގާޒީން ބޭނުންވާ އަދަދު ދެއަކުން ހަތަރަކަށް އިތުރުކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރުކަމަށް އެދި ކުރިމަތިލާ ފަރާތަކީ ގާނޫނީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

އަދި ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގެ ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ގާޒީއެއްގެ އަސާސީ މުސާރައާއި އެލަވަންސްތަކާ އެކު ޖުމްލަ 48،000 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ގާޒީން ބޭނުންވާ އަދަދު ހަތަރަކަށް އިތުރުކޮށްފައިވާއިރު ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ވަނީ މިދިޔަ ހަފްތާގައި ސަސްޕެންޑް ކޮށްފައެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި އަހުމަދު ރަޝީދު ސަސްޕެންޑު ކޮށްފައި ވަނީ މިއަދު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމުގައެވެ. އެ މައްސަލައިގެ ތަފްސީލު އަދި ނުލިބެއެވެ.