28 Aug 2017, 15:39
ދ. ކުޑަހުވަދޫގައި 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ވަރަށް އަނިޔާވެރިކޮށް އެ ރަށު ސަމަންދަރުގޭ އަލީ ހަސަން (އައްޔުބޭ) މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
ހާދިސާ ހިނގިއިރު އުމުރުން 18 އަހަރު ފުރިފައިނުވިނަމަވެސް މިހާރު އެ ކުއްޖާ އަށް ވަނީ 18 އަހަރު ފުރިފައެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އައްޔުބޭ މަރާލުމުގައި ބައިވެރިވިކަން އެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ އަމިއްލަ އިއުތިރާފުގެ މައްޗަށް ކަމުގައިވާއިރު، އެ އިއުތިރާފުން އެކުއްޖާ ރުޖޫއަވެފައިވާ ކަމަށެވެ.
އިއުތިރާފުން އެކުއްޖާ ރުޖޫއަވިއިރު، އިއުތިރާފަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް އެ ހުކުމްގައިވެއެވެ.
ޖުވެނައިލް ކޯޓުން އެ ކުއްޖާގެ މައްޗަށް އިއްވި ހުކުމްގައި ވަނީ އައްޔުބޭގެ ވާރިސުންގެ ތެރެއިން އެކަކަށް 18 އަހަރު ނުފުރޭތީ އެ ވާރިސު ބާލިޣުވެ ތަސައްރަފް ފުރެންދެން އެކުއްޖާ ޖަލަށްލުމަށެވެ. އެ ހުކުމް އިތުރު ކުއްޖެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުން ކުރިއެވެ. ނަމަވެސް އެ ކުއްޖާ މައްސަލަ އިސްތިއުނާފުކޮށްފައެއްނުވެއެވެ.
އައްޔުބޭ މަރާލި މައްސަލައާ ގުޅިގެން ޖުވެނައިލް ކޯޓުގައި ދައުވާކުރި އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ވަނީ މީގެކުރިން ހުކުމްކޮށްފައެވެ.