މާތްވެގެންވާ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ދެ މިލިއަން މުސްލިމުން މައްކާއަށް ޒިޔާރާތްކުރާނޭ ކަމަށް ސައުދީ އަރަބިއާގެ ކަމާގުޅޭ ފަރާތްތަކުނެ ހާމަކޮށްފިއެވެ.

ސައުދީގައި ހައްޖުގެ ކަންތައްތަކާ ހަވާލުވެވަޑައިގެން ހުންނަވާ ޑައިރެކްޓަރު އަބްދުލްމަޖީދު އަލް އަފްގާނީ އެސޯސިއޭޓަޑް ޕްރެސްއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، " މިއަހަރުގެ ހައްޖުގައި ދެ މިލިއަން ހައްޖާޖީން ބައިވެރިވާނެ ކަމަށް އަހަރުމެން އަންދާޒާ ކުރަން،" ކަމަށެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް އެންމެ ގިނަ ހައްޖުވެރިން ގޮސްފައިވަނީ އިންޑޮނީޝިއާ އިންނެނެވެ. އިންޑޮނީޝިއާއަކީ މުސްލިމުންގެ އެންމެ ބޮޑު އާބާދީ ހިއްސާކުރާ ގައުމު ވެސް މެއެވެ.

މި އަހަރުގެ ހައްޖުގައި އީރާނުގެ ހައްޖާޖީން އަނެެއްކާވެސް ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރު އުމްރާގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި އިރާނުގެ އެތައް ބަޔަކު މަރުވުމުން އުފެދުނު މައްސަލައިގައި އިރާނުގެ ހައްޖާޖީން މި ދިޔަ އަހަރުގެ ހައްޖުގައި ބައިވެރި ވަފައެއް ނުވެއެވެ.

މިދިޔަ އަހަރު އުމްރާގައި ހިނގި ހިތާމަވެރި ހާދިސާގައި 2300 މީހުން މަރުވިއިރު އޭގެ ތެރޭގައި އިރާނުގެ 464 މީހުން ވެސް ހިމެނެއެވެ.

މި އަހަރުގެ ހައްޖު ކުރިމަތިލާއިރު މިދިޔަ އަހަރެކޭ އެއްގޮތަށް ސައުދީ އަރަބިއްޔާ ވަނީ ސިޔާސީ ގޮތުން ވަރަށް ހޫނު މަސްރަހަކަށް ވެއްޓިފައެވެ. އެގޮތުން ސައުދީ އަރަބިއްޔާއާއި ގަތަރާ ދެމެދު ވަނީ މިއިން ޒަމާނަކުވެސް މައްސަލަ ގޯސް ނުވާވަރަށް ގޯސްވެ ހުރިހާ ގުޅުމެއް ކަނޑާލައިފައެވެ. ނަމަވެސް ގަތަރުގެ ހައްޖާޖީން ސައުދީ އަރަބިއްޔާއަށް ވަނުމަށްޓަކައި ބޯޑަރުތައް އެންމެ ފަހުން ވަނީ ހުޅުވައިލައިފައެވެ.