ރައްޔިތުންގެ މަޖިލީހުގެ މ. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާއާ ގުޅޭ ލިޔުންތައް ދައުލަތުން އޭނައާ މިއަދު ހަވާލުކޮށްފިއެވެ.

ލިޔުންތައް ހަވާލުކޮށްފައި ވަނީ ފާރިސް މިއަދު މެންދުރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދާއި އިބްރާހީމް ޝަމީލްގެ ހާޒުރުގައެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން އަދި ތާވަލްކޮށްފައެއްނުވެއެވެ.

ފާރިސްގެ މައްޗަށް އެ ދައުވާ އުފުލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ފާރިސް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓުގެ ނަތީޖާ ބަދަލުކޮށްލުމަށް ޓަކައި މަޖިލިސް މެމްބަރުނަންނަށް ރިޝްވަތުދިން ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މަޖިލިސް މެމްބަރުންނަށް ފާރިސް ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވެސް އަމުރުކޮށްފަ އެވެ.

ފާރިސް ދިރިއުޅުއްވާ މއ. ސުނޯރޯސްގެ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، އެގޭގެ ސީސީޓީވީ ފްޓޭޖްގެ ރެކޯޑިން ވެސް ގެންގޮސްފަ އެވެ.

ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާއިރު، ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުން އަންނަނީ ހިންގަމުންނެވެ.