28 Aug 2017, 12:11
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ 25 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ހަތް ވަނަ މެޗު ދަ ބައުސް އިން ކާމިޔާބުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ އެ މުބާރާތުގެ ރޭ ކުޅެވުނު މި މެޗު ދަ ބޮވްސް އިން ކާމިޔާބު ކުރީ އެލްކިއު ސްޕޯޓްސް އާ ވާދަކޮށް 49-94 ޕޮއިންޓުންނެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބައުސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އިބްރާހިމް ނަސީމް އެވެ. އޭނާ ވަނީ އެ ޓީމަށް 20 ޕޮއިންޓް ހޯދައިދީފަ އެވެ. އެލްކިއު އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެ ޓީމަށް 15 ޕޮއިންޓް ހޯދައިދިން ޝަހުރޫން ހަސަން އެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގެ ހަތަރުު ވަނަ މެޗުގައި ވާދަ ކޮށްފައި ވަނީ ޓައިޓަންސް ސްޕޯޓްސް ކްލަބާއި ކްލަބް ރައިވެރިޔާ އެވެ. އެ މެޗު 17-63 ޕޮއިންޓުން ކާމިޔާބު ކޮށްފައި ވަނީ ޓައިޓަންސް އެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޓައިޓަންސް އަށް 24 ޕޮއިންޓު ހޯދައިދިން އައިމިނަތު ޝިއުރާ އެވެ.
އެ މުބާރާތުގައި މިއަދު ވެސް އަންހެން ޑިވިޝަންގެ މެޗަކާއި ފިރިހެން ޑިވިޝަންގެ މެޗެއް ކުރިއަށްދާނެ އެވެ. މިއަދު ހަވީރު 4:30ގައި ކުޅޭ އަންހެން ޑިވިޝަންގެ މެޗުގައި ބައްދަލު ކުރާނީ ރެޑްވިންގްސް ބިސީ އާއި ޑީއެސްސީ އެވެ، އަދި މިރޭ 8:30ގައި ކުޅޭ ފިރިހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރާނީ ރެޕްޓާސް ބީސީ އާއި ރެޑްވިންގްސް ބީސީ އެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަން ވެސް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފިރިހެން ޑިވިޝަންގެ ގްރޫޕް އެކެއްގައި ހިމެނެނީ ކިންގްސް ބީސީއާއި ރެޕްޓާސް ބީސީއާއި ސްޓިންގާސް ބީސީ އަދި ރެޑްވިންގްސް ބީސީ އެވެ. އެ ޑިވިޝަންގެ ގްރޫޕް ދޭއްގައި ހިމެނެނީ ޓީރެކްސް ބީސީއާއި އެލްކިޔު ސްޕޯޓްސްއާއި ކްލަބު އެޗްޑީސީ އަދި ދަ ބައުސް އެވެ.
އަންހެން ޑިވިޝަންގެ ގްރޫޕް އެކެއްގައި ހިމެނެނީ ޓައިޓަންސް އެސްސީއާއި ރެޑްވިންގްސް ބީސީއާއި ރައިވެރިޔާ އަދި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އެވެ. އެ ޑިވިޝަންގެ ގްރޫޕް ދޭއްގައި ހިމެނެނީ ސައިކްލޯން ބީސީއާއި ޔޫތު އެސްސީ އަދި ޓީރެކްސް ސްޕޯޓްސް އެކަޑަމީ (ޓީއެސްއޭ) އެވެ.