28 Aug 2017, 10:59
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ)ގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ މިރޭ 21:00ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާގެ ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މިރޭ 20:15 އިން 20:55އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
އެމްޓީޑީސީން ބުނީ، މި ޖަލްސާގައި ބައިވެރި ވެވޭނީ، 27 އޯގަސްޓް 2017 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން ރަޖިސްޓްރޭޝަނަށް ވަޑައިގަންނަވާއިރު، ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅެއްގެ އައިޑީ ކާޑު ގެންދަން ޖެހޭނޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އަހަރީ އާންމު ޖަލްސާއަށް ވަޑައިގެންނެވެން ނެތް ހިއްސާދާރުންނަށް، ޕްރޮކްސީއެއް އައްޔަންކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ. އެގޮތުން ޕްރޮކްސީ ހުށަހެޅުމާ ބެހޭ މައުލޫމާތު، އެމްޓީޑީސީގެ އޮފީހުންނާއި، އެ ކުންފުނީގެ ވެބްސައިޓުންވެސް ލިބެން ހުންނާނޭކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އެމްޓީޑީސީން މިރޭ ބާއްވާ އަހަރީ އާންމު ޖަލްސާގައި، އެ ކުންފުނީގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރާނެއެވެ. އަދި 2016 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓު ފާސްކުރުންވެސް އޮންނާނެއެވެ. 2017 ވަނަ އަހަރަށް އެ ކުންފުނީގެ އޮޑިޓަރުން އައްޔަންކުރުމާއި އުޖޫރަ ކަނޑައެޅުންވެސް އޮންނާނީ މިރޭގެ ޖަލްސާގައެވެ.
އެމްޓީޑީސީން ބުނީ، މިރޭ ބާއްވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، ހިއްސާދާރުންނަށް ބަހާނޭ ފައިދާއާ ގުޅޭގޮތުން، ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުންވެސް އޮންނާނޭ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ ޑިރެކްޓަަރުންގެ ބޯޑަށް ޑިރެކްޓަރު އައްޔަންކުރުން ވެސް މިރޭގެ ޖަލްސާގައި އޮންނާނޭ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ވީހާވެސް ގިނަ ހިއްސާދާރުން ބައިވެރިވެ ޚިޔާލުފާޅުކުރުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެއްކަމަށް އެމްޓީޑީސީން ބުންޏެވެ.