25 Jul 2011, 15:46
ކުރީގެ އީޕީއެސް ސްކޫލް ހުރި މއ. ޗާނދަނީގޭގައި އިމާރާތް ކުރަން ފެށި އަރަބިއްޔާ ސްކޫލުގެ ހަތް ބުރީގެ އައު އިމާރާތުގެ މަސައްކަތް ހުއްޓާލުމުން އަލުން ބީލަމަށް ލާން ނިންމައިފި އެވެ.
އެޑިޔުކެޝަން މިނިސްޓްރީގެ ނައިބު ޑރ. އަބްދުﷲ ނަޒީރު މިއަދު ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތީ ޑޮލަރުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން އެ މަސައްކަތް ހަވާލުކުރި މާލާ ހައިރައިޒިން އަށް އެ މަސައްކަތް ކުރިއަށް ނުގެންދެވިގެން ކަމަށެވެ.
"ރުފިޔާގެ އަގު ދައްވީމާ އެބޭފުޅުން ޑިމާންޑް ކުރައްވަން ފެށީ އެ ބަޖެޓުގެ ތެރެއިން އެބޭފުޅުންނަށް އެ މަސައްކަތް ނުކުރެވޭނެ ވާހަކަ. ދެން އަޅުގަނޑުމެން ދެންނެވިން ކޮންޓްރެކްޓެއް ކުރެވިފައި އޮތް ކަމެއްވީމާ އަޅުގަނޑުމެންނަށް ދެވޭނެ ލުޔެއް ނެތޭ. ދެންވެސް ޑިމާންޑް ކުރެއްވީމާ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކާފައި ކޮންޓްރެކްޓް ޓާމިނޭޓް ކޮށްލީ،" ޑރ. ނަޒީރު ވިދާޅުވި އެވެ.
އެ ސްކޫލުގެ މަސައްކަތް ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މާލާ ހައިރައިޒިންއާ 29 މިލިއަން ރުފިޔާ އަށް ހަވާލުކުރީ މާޗް ދެ ވަނަ ދުވަހު އެވެ.
ޑރ. ނަޒީރު ވިދާޅުވީ އެ ސްކޫލް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަންނަ ހަފްތާގައި އިއުލާން ކުރާނެ ކަމަށެވެ. އަންނަ އަހަރުގެ ދިރާސީ އަހަރު ފެށެންވާއިރަށް ސްކޫލްގެ މަސައްކަތް ނުނިމުނު ކަމުގައި ވިޔަސް ދެ ވަނަ ޓާމަށް އެ ސްކޫލްގެ މަސައްކަތް ނިމޭނެ ކަމަށް ވެސް ޑރ. ނަޒީރު ވިދާޅުވި އެވެ.
"މިއަދު ޓެންޑާ ބޯޑަށް ފޮނުވައިފިން އަލުން އިއުލާންކުރަން. މިބަލަނީ އަންނަ އަހަރު އެ މަސައްކަތް ނިންމައި އަރަބިއްޔާ ކުދިންނަށް އެ އިމާރާތުގައި ކިޔެވޭނެ ކަމަށް. ދެވަނަ ޓާމަށްވާ އިރަށް އަޅުގަނޑުމެން މިބަލަނީ ކިޔެވޭ ވަރު ވާނެ ކަމަށް،" ޑރ. ނަޒީރު ވިދާޅުވި އެވެ.
އަރައްބިޔާގެ އައު އިމާރާތަކީ 850 ކުދިންގެ ޖާގައިގެ 28 ކްލާސްރޫމް ހިމެނޭ ސުކޫލެއް ކަމަށް ވެސް އެޑިޔުކޭޝަނުން ބުންޏެވެ. އެ އިމާރާތުގައި ނަމާދުކުރާ ތަނަކާއި ހޯލަކާއި ކޮމްޕިއުޓަރު ލެބާއި ލެބޯޓްރީއެއް ވެސް ހުންނާނެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ އިންތިޒާމާއި އަރައި ފޭބުމަށް ލިފްޓް ވެސް ހުންނާނެ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.