އިނގިރޭސި ޕްރިމިއަރ ލީގަކީ އެންމެ އުނދަގޫ ލީގު ނޫން ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސިޓީ އާއެކު ދެވަނަ ސީޒަން ހޭދަކުރަމުން ދާއިރު، ގާޑިއާލޯ ބުނީ ޔޫރަޕުގައި އިނގިރޭސި ކުލަބުތަކުން ހޯދަމުންދާ ކާމިޔާބީތަކަށް ބަލާއިރު ޕްރިމިއަރ ލީގަކީ މިވަގުތު އޮތް އެންމެ އުނދަގޫ ލީގު ކަމަށް ނުބެލެވޭ ކަމަށެވެ.

ގާޑިއޯލާ އޭނާ ކޯޗިން ކެރިއަރު ފަށާފައި ވަނީ ސްޕެއިންގެ ބާސެލޯނާ އާ އެކުއެވެ. އޭނާ ވަނީ ބާސެލޯނާގައި ތިން ފަހަރު ސްޕެއިން ލީގު ކާމިޔާބުކޮށް ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. އަދި އޭގެ ފަހުން ޖާމަނީގެ ބަޔާން މިއުނިކުގެ ކޯޗު ކަމާ ހަވާލުވެ ގާޑިއޯލާ ވަނީ ތިން ފަހަރު ޖަރުމަން ލީގު ވެސް ކާމިޔާބު ކޮށްފައެވެ.

އިނގިރޭސި ކުލަބަކަށް ޔޫއެފާ ޗެމްޕިއަންސް ލީގު އެންމެ ފަހުން ކާމިޔާބު ކުރެވިފައި ވަނީ 2012 ވަނަ އަހަރު ޗެލްސީ އަށެވެ. އޭގެ ފަހުން ސްޕެއިންގެ ހަ ޓީމެއް، ޖަރުމަނުގެ ދެ ޓީމެއް އަދި އިޓަލީގެ ދެ ޓީމެއް ވަނީ އެ މުބަރާތުގެ ފައިނަލަށް ދަތުރު ކޮށްފައެވެ.

ގާޑިއޯލާ ބުނީ އެންމެން ވެސް ބުނާގޮތުގައި ޕްރިމިއަރ ލީގަކީ އެންމެ އުނދަގޫ ލީގެވެ. ނަމަވެސް އޭނާ ދެކޭ ގޮތުގައި ޕްރިމިއަރ ލީގަކީ އެންމެ ގިނައިން ބަލާ ލީގު ކަމަށެވެ.

"އަހަރެން ނުބުނަން ޕްރިމިއަރ ލީގު އުނދަގޫ ނޫނެކޭ، ނަމަވެސް ފާއިތުވި 10 ވަރަކަށް އަހަރު ސްޕެއިންގެ ޓީމުތައް ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި ބޮޑު ކަމިޔާބީތަކެއް ހޯދާފައި. ސެވިޔާ ވަނީ ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައި،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ މިގޮތަށް އިނގިރޭސި ކުލަބުތަކުން ޔޫރަޕުގެ މުބާރާތްތަކުގައި ބޮޑު ނުފޫޒެއް ފޯރުވާ ދުވަހަކުން ޕްރިމިއަރ ލީގަކީ އެންމެ އުނދަގޫ ލީގޭ ބުނެވިދާނެ ކަމަށެވެ.