ފަހުގެ ތާރީޚެއްގައި ވެރިރަށް މާލޭގައި ތަރައްގީކުރަމުންދާ އެންމެ ބޮޑު ސަރަހައްދަކީ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދެވެ. ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދަނީ، މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުން ގުދަންތަކާއި ގަރާޖްތައް ފަދަ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ތަންތަން އާންމުން ނޫޅޭ ހިސާބުތަކަށް ބަދަލު ކުރުމުގެ ހެޔޮ ނިޔަތުގަ އެވެ. ރައްޔިތުންނަށް ފަސޭހައަކަށެވެ. އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދާތާ ދުވަސްކޮޅެއްވެއްޖެ އެވެ.

މާލޭ އިންޑަސްޓްރިއަލް ސަރަހައްދު ގާއިމް ކުރުމަށް ހިއްކި ސަރަހައްދާ މާދުރު ނޫން ހިސާބެއްގައި ވަނީ ނެރެއް ކަނޑައިފަ އެވެ. ސްޓޭޑިއަމް ސަރަހައްދަށް ވާގޮތަށް، ކުރީގެ އެއް ނަންބަރު ކުނިކޮށްޓާ ދިމާއަށް ކަނޑާފައިވާ އެ ނެރަކީ މާލޭގެ ދެކުނު ފަރާތު ފަޅަށް ދޯނި ފަހަރު ވަދެ ނުކުމެ ހަދަންއޮތް ހަމައެކަނި ދޮރޯއްޓެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަނޑާފައިވާ އެ ނެރަކީ ހެޔޮނިޔަތެއްގައި ކުރި މަސައްކަތެކެވެ. ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރި ކަމެކެވެ. އެހެން ނަމަވެސް އެ ނެރު ބޭނުންކުރާން ފެށީތާ މާގިނަ އިރުތަކެއް ނުވަނީސް، ނެރުގެ ފަސޭހައަށް ވުރެ އުނދަގޫތައް އިތުރުވި އެވެ. އެ ސަރަހައްދުން ވަދެ ނުކުމެ ހަދާ އޮޑި ދޯނިފަހަރަށް ނުރައްކާ ތެރި ތަނަކަށް އެ ނެރު ވެއްޖެ އެވެ. ނެރުމައްޗަށް އަރާ އުޅަނދުފަހަރު ގިނަވީ އެވެ. ފުލުފުލުގައި މިފަދަ ހާދިސާތައް ހިނގައި އެންމެ ފަހުން މިކަން ރައްޔިތުންގެ ބޮލުގެ ރިހުމަކަށް ވީއެވެ. ފަސޭހައަކަށް ކެނޑި ނެރު، ރައްޔިތުންނަށް "ތުރާލަކަށް" ބަދަލުވެ އާންމުން ދަނީ ތަފާތު ޕްލެޓްފޯމްތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އާނެރު ނެރު ކެނޑި ފަހުން މިހާތަނަށް ފުރާނައަށް ނުރައްކާ ފަދަ 10 ވަރަކަށް ހާދިސާ ހިނގައިފަ އެވެ. މިދިޔަ ހަފްތާތެރޭގައި ވެސް ވަނީ އެއް ދުވަހެއްގެ މަތިން ދެ ހާދިސާ ހިނގައިފަ އެވެ. މީގެ ހަތަރު ދުވަސްކުރިން ނެރުން ވަންނަން އުޅުނު ލޯންޗެއް ބަންޑުން ޖަހާލާފައިވާ އިރު އެ މަންޒަރު ސޯޝަލް މީޑިއާގައި ބަޔަކު އާންމު ކުރުމުން ރައްޔިތުންގެ މެދުގައި އެ ނެރާމެދު ވަނީ ބިރުވެރިކަން އިތުރުވެފަ އެވެ. އަދި ރޭގެ ވަގުތެއްގައި ވެސް ވަނީ އެ ނެރުން ވަންނަން އުޅުނު ދޯންޏެއް ނެރު މައްޗަށް އަރައިފަ އެވެ.

މައްސަލަ އަކީ ފުއްޓަރު ފަރާތުގައި ނެރު ހެދުން

ފުއްޓަރު ފަރާތަކީ ކޮންމެ ރަށެއްގައި ވެސް އެންމެ ބޮޑެތި ބިޔަ ރާޅުތައް ބިންދާ ފަރާތެވެ. މާކަނޑުން އަންނަ ބިޔަ ރާޅުތައް އެެއްވެސް ނިވަލެއްނެތި ބިންދަނީ ފުއްޓަރަށެވެ. ފުއްޓަރަކީ ރަށުގެ ނިވާފަތްގަނޑެވެ. ތަޖުރިބާ ކާރުން ބުނާ ގޮތުން ފުއްޓާރުފަރާތުން ނެރު ކެނޑުމަކީ މިހާރު މިދިވާ ހާދިސާތައް ދިމާވާން މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ.

ބޯޓު ފަރުމާ ކުރުމާއި ބޯޓު ބަނުމުގައި ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަދި މެރިން ދާއިރާއިން ކިޔަވާވިދާޅުވެފައިވާ، ރާއްޖޭގެ އެންމެ ބޮޑު އޮޑިދޯނި ފަހަރު ބަންނަ އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް މެރިން ސާވިސްގެ މެނޭޖިންގް ޑައިރެކްޓަރު އަލީ ހަސަން ވެސް ވިދާޅުވީ، މައްސަލައަކިީ އެއީ ކަމަށެވެ.

"ފުއްޓަރު ފަރާތަކީ ރާޅު އެންމެ ބޮޑު ސަރަހައްދު. މައްސަލައަކީ ނެރު ފުއްޓަރު ފަރާތުން ކެނޑުން. އެ ސަރަހައްދަށް ބިންދާ ރާޅުތަކަކީ ސީދާ މާކަނޑުން އެއްވެސް ނިވަލެއް ނެތި އަންނަ ރާޅުތައް. އެހެންވީމަ އެ ތަނުން އަންނަ ރާޅުތައް ބޮޑުވާނެ. ނެރާ ދިމާލުން އެހާ ބޮޑެތި ރާޅުތައް ނަގާ ނަމަ އެ ނެރަކީ ރައްކާތެރި ތަނަކަށް ނުވާނެ،" އަލީ ހަސަން ވިދާޅުވި އެވެ.

މިއަދު އިރުއޮއްސެނިކޮށް މާލޭ ދެކުނު ފަރާތު ނެރަށް އުރުނު ލޯންޗު --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އަލީ ހަސަން ވިދާޅުވީ، އެފަދަ ހިސާބަކުން ނެރު ކެނޑުމަކީ ރާއްޖޭގެ އެއްވެސް ހިސާބެއްގައި މިހާތަނަށް ކޮށްފައިވާ ކަމެއް ނޫންކަމަށެވެ. ފުއްޓަރު ފަރާތުން ނެރެއް ކެނޑުމަކީ އޭގެ ސަބަބުން ނުރައްކާތެރި ކަންކަން ކުރިމަތިވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަންޒަރު ފެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޖަޕާނު ސަރުކާރުގެ އެހީގައި މާލެ ވަށައިގެން ގައު ޖަހާފައި ހުރި އިރު ވެސް ދެކުނު ފަރާތުގައި މިހުރީ ވަރަށް އުސްކޮށް ގައު ޖަހާފައި. ސަބަބަކީ އެ ސަރަހައްދަކީ ބޮޑެތި ރާޅު ބިންދާ ސަރަހައްދެއް ވީމަ. ބަލަންވާ ވަރަށް ނުބެލި ނެރު ކެނޑިފައިވާކަން ފާހަގަ ކުރެވޭ. އަދި ހަމަ އެގޮތަށް އެ ތަނުން ނެރެއް ނުކަނޑައި ދޫކޮށްލުމަކީ މާލޭގެ އެހެން ޖެޓީތަކަށް ބާރު ބޮޑުވެ ކޮންޓްރޯލް ނުވާ ހިސާބަށް ކަންކަން ހިނގާދާނެ ކަމެއް،" އަލީ ހަސަން ވިދާޅުވި އެވެ.

ނެރުން ވަންނަ އިރު ކައްޕިން މިހާރަށް ވުރެ ބޮޑަށް ސަމާލު ވާން ޖެހޭ

އަލަށް ކެނޑި ނެރާ ދިމާލުން ދޯންޏެއް ފަރަށް އަރާފައި--ސަން ފޮޓޯ

އަލީ ހަސަން ވިދާޅުވީ، ނެރު ކަނޑާފައިވާ ހިސާބުގެ ގޮތުން ނުރައްކާތެރިކަން ބޮޑުވެފައިވާ އިރު މި ދުވަސްކޮޅު މޫސުން ހުރި ގޮތުން ވެސް އެ ކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެގެންދާ ކަމަށެވެ. އެހެންކަމުން އެ ނެރު ބޭނުން ކުރާ އޮޑި ދޯނި ފަހަރުގެ ކައްޕިންވެސް މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހޭ ކަަމަށް އޭނާ ވިދާޅުވި އެވެ.

"ކައްޕިން އެބަޖެހޭ މިހާރު ވަރަށް ބޮޑަށް ސަމާލުވާން. އެ ސަރަހައްދަށް ބޮޑެތި ރާޅު ޖަހާއިރު ވަރުނުލާ އަންނަ ރާޅު މައިތިރިވީމާ މި ޖެހެނީ އެތެރެއަށް ވަންނަން މަސައްކަތް ކުރަން. ވަރުނުލާ އަންނަ ރާޅުތަކުގެ ތެރެއިން ލާފައި އެތެރެއަށް ވަންނަން އައިމަ އެފަދަ ހާދިސާތައް އެ ދިމާވަނީ،" އަލީ ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދަކީ ފައިބަރު އުޅަނދު ފަހަރު ގިނައިން ވަދެ ނުކުމެ އުޅޭ ސަރަހައްދަކަށް ވާއިރު އެފަދަ އުޅަނދުތަކަކީ ލުއި އުޅަނދުތަކަކަށް ވީތީ އެ އުޅަނދުތައް ދުއްވާ ކައްޕިން އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ.

މައްސަލަ ހައްލު ކުރެވިދާނެ ނަމަވެސް ބޮޑެތި ހަރަދުތައް ހިނގާނެ

މިހާތަނަށް އެތައް ސަތޭކަ އޮޑި ޑިޒައިންކޮށް ކަނޑުދަތުރު ފަތުރު ކުރުމުގެ އާޖުފާޖު ވަރަށް ބޮޑަށް ދަންނަ އަލީ ހަސަން ވިދާޅުވީ، އެ ނެރުގެ މައްސަލަ ހައްލުކުރެވޭނެ ވަރުގެ ވަސީލަތްތައް އެބަހުރި ކަމަށެވެ. ނަމަވެސް އެ ވަސީލަތްތަކަކީ ވަރަށް ބޮޑު ހަރަދެއް ހިނގާނެ ވަސީލަތްތަކެއް ކަމަށާއި ދުނިޔޭގެ ބައެއް ހިސާބުތަކުގައި އެކަހަލަ ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަށް ބަލާއިރު މިއީ އަދި ކުޑަ މައްސަލައެއް. ދުނިޔޭގެ ބައެއް ހިސާބުތަކުގައި މިފަދަ މައްސަލަތައް އަދި މާބޮޑު. ނަމަވެސް އެބަހުރި މިހެން ދިމާވާ މައްސަލަތައް ހައްލު ކުރެވޭނެ ވަސީލަތްތައް. ފުދޭ ވަރަކަށް ހަރަދު ހިނގާނެ އެފަދަ ވަސީލަތްތައް ގާއިމު ކުރުމަށް،" އަލީ ހަސަން ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ބުނި ގޮތުގައި އެ ނެރު އޯވާ ލެޕުވުން، ނޫނީ ދެ ފައިކަށި ދެ ވަރުވާވަރު ބޮޑު ކުރުމުން ވެސް މައްސަލަ އަށް ހައްލެއް ލިބިދާނެ އެވެ.

ހައުސިން މިނިސްޓްރީން ދަނީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން

މާލޭ ދެކުނު ފަރާތުގައި އަލަށް ހެދި ނެރުމައްޗަށް ދޯންޏެއް އަރާފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ދެކުނު ފަރާތުގައި އަަލަށް ކެނޑި ނެރުގެ ސަބަބުން ދިމާވާ މައްސަަލަތައް ހައްލު ކުރުމަށް ހައުސިން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ ސަންއަށް ޔަގީންކޮށްދެއްވައިފަ އެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ފަންނީ މާހީރުންގެ ލަފާ ހޯދަމުންދާއިރު އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ ފަސޭހަ އަކަށް ކެނޑި ނެރުން އެތައް ބަޔަކަށް މާލީ އަދި ޖިސްމާނީ ގެއްލުންތައް ކުރިމަތިވަމުންދާ އިރު އެ ނެރު ބަންދުކޮށްގެން ވެސް ހައްލެއް ލިބޭކަށް ނެތެވެ. ދެކުނު ފަރާތު ފަޅުގައި ސިނާއީ ސަރަހައްދުން ފެށިގެން ފަތާ ޓްރެކާ ހަމައަށް އެތައް ސަތޭކަ އުޅަނދު އަޅާފައިވާއިރު އެ ނެރު ބަންދުކޮށްގެން އެ ހުރިހާ އުޅަނދެއް ބާއްވާނެ ޖާގައެއް ވެސް މާލޭގެ އެއްވެސް ފަޅަކު ނެތެވެ.

އަލަށް ކެނޑި ނެރާއި ދިމާއަށް ބަންޑުން ޖަހާލި ލޯންޗުން، މޫދަށް ވެއްޓުނު މީހަކު ހާލު ދެރަވެފައި-- ސަން ފޮޓޯ

ސަރުކާރުން ކުރާ މިފަދަ ކޮންމެ މަސައްކަތަކީ ވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާ މަސައްކަތްތަކެވެ. ތަރައްގީގެ އުޖާލާ މަންޒަރުތަކާ އެކު ރައްޔިތުންގެ ފަސޭހައަކަށް މުޅި މާލޭގެ މަލަމަތި ބަދަލު ކޮށްލަމުން ދާއިރު، ރައްޔިތުން ތިބީ މިފަދަ މައްސަލަތައް ހައްލުވެ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ފޮނި މީރުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ ކަމުގެ އުންމީދުގަ އެވެ.

އެތައް ބައިވަރު ފައިސާ ހަރަދުކުކޮށްގެން ރައްޔިތުންގެ ފަސޭހައަކަށް ހަދާ މިފަދަ ތަންތަން ބޮލުގެ ރިހުމަކަށް ވާކަށް އެ ރައްޔިތުން ނޭދެ އެވެ. ރައްޔިތުން ތިބީ އުންމީދުގަ އެވެ. ރައްޔިތުންގެ އެދުމަކީ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ.