25 Jul 2011, 15:26
ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ގަޔަށް ޕެޓްރޯލް ހަމެއް އަޅާލައިގެން ފިހުނު ކަމަށް ފުލުހުން ބުނާ އެރަށު ފުލޫނިޔާގޭ އިބްރާހިމް އަފްޒަލް 22، ގެ މަރުގެ ހާދިސާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން )އެޗްއާރުސީއެމް( އިން ފެށި ތަހްޤީޤަށް އަހަރެއް ވީއިރުވެސް އެ ރިޕޯޓް ލިބިފައިނުވާ ކަމުގެ ޝަކުވާ އާއިލާ އިން ކުރަން ފަށައިފި އެވެ.
އަފްޒަލްގެ އެއްބައްޑު އެއްބަފާ ބޭބެ، އަހުމަދު ތޮލާލު މިއަދު ބުނީ އެ ހާދިސާ ހިނގުމާއެކު އެކަމުގައި އިހުމާލުވެފައިވާ ފަރާތެއް ހޯދަން އާއިލާގެ ފަރާތުން އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެ ކޮމިޝަނުގެ ރިޕޯޓް ލިބުމުން މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން އެމައްސަލައިގެ ރިޕޯޓް ހޯދަން އާއިލާއިން ކުރަމުން އައި މަސައްކަތް މިހާތަނަށް ބޭކާރުވެފައިވާ ކަމަށެވެ. އަދި ބުނީ ރިޕޯޓް ހޯދަން ކޮމިޝަނަށް މިއަދު ދިއުމުން ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ރިޕޯޓް ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
" އެއްއަހަރާއި އެއްމަސް ދުވަސް ވެގެން ދިޔައިރު ވެސް ޚަބަރެއް ނުވޭ، މީގެ ހަފްތާއެއް ކުރިން ދިޔައީމަ ބުނީ ރިޕޯޓް ނިމިފައޭ އޮތީ، ކޮމިޝަނުން ލިބުނީމައޭ ދެވޭނީ، އެހެންވެ ރިޕޯޓްދޭނެ ކަމުގެ ޔަޤީން ކަމެއް ނެތް،" ތޮލާލު ބުންޏެވެ.
އެޗްއާރުސީއެމްގެ ރައީސާ މަރިޔަމް އަޒުރާ ވިދާޅުވީ އެމައްސަލާގައި މިއަދު އެ ކޮމިޝަންގެ މެންބަރަކު އާއިލާއާ ބައްދަލުކޮށްފައިވާ ކަމަށާއި އަންނަ މަހުގެ ފުރަތަމަ ހަފްތާގައި އާއިލާއާ ރިޕޯޓް ހަވާލުކުރާނެ ކަމަށެވެ. އެ ރިޕޯޓް ނުނެރެވި ދިގުލައިގެންދިޔައީ އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށްވެސް އަޒުރާ ވިދާޅުވި އެވެ.
"އުސޫލެއްގެ ގޮތުން އެހެން ފަރާތަކުން އެ މައްސަލައެއް ތަހްޤީޤް ކުރާނަމަ އަޅުގަނޑުމެން މަޑުކުރަން، އަދި އެމައްސަލާގައި އެފަރާތުން ކުރަމުން ގެންދާ ތަހްޤީޤްގައިވެސް އިތުރަށް ބަލަންޖެހޭ ކަމެއް ހުރެއްޖެނަމަ އެކަމެއްވެސް ބަލަން، އެހެންވެ ލަސްވެގެންދިޔައީ،" އަޒުރާ ވިދާޅުވި އެވެ.
އަފުޒަލްގެ މަރުގެ މައްސަލަ ތަހްޤީޤް ކުރުމަށްފަހު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އެކަމުގައި ފުލުހުން ޒިންމާ އުފުލަން ޖެހޭ ކަމަށެވެ. އަފުޒަލް ބަންދުކޮށްފައި ހުރި ތަނުގައި ޕެޓްރޯލު ހުރުމަކީ ފުލުހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ.