ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ގޮނޑި ގެއްލުން ކަމަށް ދޭހަވާ އެއްވެސް އިބާރާތެއް ނެތް ކަމަށް މެމްބަރުންގެ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމާ ގުޅިގެން ހުކުމުގައި ބުނާ އެއްޗެއްގެ ތަފްސީލު މީޑިއާއާ ހިއްސާ ކުރެއްވުމަށް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވިދާޅުވީ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ސުޕްރީމް ކޯޓުގެ ހުކުމުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

އެ ހުކުމުގައި މެމްބަރުންގެ ގޮނޑި ގެއްލުން ކަމަށް ބުނެފައިވާ އެއްވެސް ތަންކޮޅެއް ނެތް ކަމަށް ހިސާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ.

ހިސާން ވިދާޅުވީ އަބަދުވެސް ސަރުކާރުން ބޭނުންވާ ގޮތަށް ކޯޓުތަކުގެ ހުކުމްތައް ތަރުޖަމާ ކުރައްވަމުން ގެންދަވާ ކަމަށެވެ. ހުކުމްތަކުގެ އެއްބަޔަށް އަމަލުކުރައްވާފައިބާކީ ބައި ނެތް އެއްޗަކަށް ހައްދަވާތަން ފެންނަމުންދާ ކަމަށް ހިސާން ވިދާޅުވި އެވެ.

"ކުރީ ދުވަހެއްގެ ދަންވަރެއްގައި ކުރި ހުކުމަކާ ގުޅިގެން ވެސް ދިވެހި ސަރުކާރުން މި އަމަލު ކުރައްވަނީ އެގޮތަށް. ދިވެހި ސަރުކާރުން އޭގެ އެއް ފަޅިއަށް އަމަލު ކުރައްވާފައި އަނެއް ފަޅިއަށް އަމަލެއް ނުކުރައްވާ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ސުޕްރީމް ކޯޓުގެ ހުކުމުން އެބޭފުޅުން ބޭނުންވާ މާނައެއް ނެރުމަށް ކަމަށެވެ.

ނަމަވެސް ހުކުމް ކިޔުމުން މަޖިލީހުގެ އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ދޭހަވާ އެއްވެސް ތަންކޮޅެއް ހުކުމުން ނުފެންނަ ކަމަށް ހިސާން ވިދާޅުވި އެވެ.

"މީގަ މި އޮންނަނީ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތަކަށޭ މި ހުކުމް ތަތުބީގު ކުރެވޭނީ. އެ ތާރީހުގެ ކުރިން އެއްވެސް އިޖުރާއަތެއް ހިނގާފައިިވާނަމަ ސުޕްރީމް ކޯޓުގެ ހުކުމް އޭގެ މައްޗަށް ނުހިންގޭނެއޭ" ހިސާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ރަނގަޅު ކަމަށް ބާރު ލިބިދޭ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާ ކަމަށާއި އެހެންވީމަ އިލެކްޝަންސް ކޮމިޝަނުން މެމްބަރުންގެ ގޮނޑި ގެއްލުނީ ކަމަށް ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް ހިސާން ވިދާޅުވި އެވެ.

ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފު އަހުމަދާއި ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންނެވެ.

ސުޕްރީމް ކޯޓުން ދިން މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންގް މައްސަލާގައި ކޮށްފައިވާ ހުކުމާއި އެ ހުކުމާއި ގުޅިގެން ނެރެފައިވާ އަމުރުގައި މެމްބަރުންގެ ގޮނޑިއާ މެދު ކަން ހިނގާނެ ގޮތް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނެފައިވާ އަމުރުގައިވާ ގޮތުން ޕާޓީން ވަކި ވެގެން ނުވަތަ ޕާޓީން ވަކިކޮށްގެން ނުވަތު ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލޭނީ 13 ޖުލައި 2017ގެ ފަހުން އޭން އެއްވެސް ކަމެއް ހިނގާފައިވާ ނަމަ އެވެ.

އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުން ކަމެއް ނުވަތަ ނުގެއްލޭ ކަމެއްވެސް ސުޕްރީމް ކޯޓުގެ ނިންމުމުގައި ކަނޑައެޅިގެން ބަޔާންކޮށްފައެއް ނުވެ އެވެ.

ނިންމުމުގައި ބުނެފައި ވަނީ އެ މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެއްވިފައިވާ މައްސަލައެއް ކަމުން އެ މައުޟޫއާ ގުޅިގެން އިތުރު ހުކުމެއް ކުރަން ނުޖެހޭނެ ކަމަށެވެ.