މާލޭ ދެކުނު ފަރާތުގެ ނެރަށް އަނެއްކާ ވެސް ދޯންޏެއް ލައްވެ، ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަލަށް ކެނޑި ނެރުމައްޗަށް މިރޭ 10:40 އެހާކަންހާއިރު އަރާފައި ވަނީ މުދާ އުފުލާ ދޯންޏެއް ކަމަށެވެ. "މޯފާ 301" ނަމަކަށް ކިޔާ އެ ދޯނި ނެރަށް އެރިއިރު އެ ދޯނީގައި ދަތުރުކުރަމުން ދިޔައީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ދޯނިން ދަތުރުކުރި ދެ މީހުން ވެސް އަނިޔާއެއް ނުލިބި ސަލަމާތްވި ނަމަވެސް ދޯނި ވަނީ ވަރަށް ބޮޑަށް ނެރު މައްޗަށް އަރައިފަ އެވެ.

ދޯނި ނެރުމައްޗަށް އެރުމާ އެކު އެ ދޯނީގެ ފަޅުވެރިންނާއި އެ ސަރަހައްދުގައި އުޅުނު އާންމުންގެ ގިނަ ބައެއް ވަނީ ވަލެއް ޖަހައިގެން ދޯނި ފުން ކުރެވޭތޯ މަސަތްކަތް ކޮށްފަ އެވެ. ނަމަވެސް އާންމުންގެ އެހީތެރިކަމާ އެކު ދޯނި ފުންނުކުރެވުމުން ވެރިފަރާތުން އަންނަނީ އެހެން އުނޅަދެއްގެ އެހީގައި ދޯނި ފުން ކުރެވޭތޯ މަސަތްކަތް ކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ އަލަށް ކެނޑި ނެރަށް ލޯންޗަކާއި ޑިންގީއެއް އަރައި ބޮޑެތި ގެއްލުންތަކެއްވެ ބައެއް މީހުނަށް އެކިވަރުގެ އަނިޔާތައް ވެފަ އެވެ.

މާލޭ ދެކުނު ފަރާތުން ނެރު ކެނޑިފަހުން އެ ތަނަށް އަންނަނީ އާންމުގޮތެއްގައި އުޅަދުތައް އަރައި އަދި ވަދެ ނިކުތުމުގައި ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވަމުންނެވެ. ނަމަވެސް މިއަދާ ހަމައަށް އެކަމަށް އަދި ވަނީ ހައްލެއް ލިބޭ ގޮތް ނުވެފަ އެވެ.