28 Aug 2017, 00:48
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަތުން ފަސޭހަކަމާއެކު ލިވަޕޫލް މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރި ހޯދާފައި ވަނީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އާސެނަލް ކޮޅަށް ފުރަތަމަ ލަނޑުޖަހާ ލީޑު ހޯދައިފަ އެވެ. ޖޯ ގޮމޭޒް ނަގައިދިން ހުރަހަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވަޑް ރޮބާޓޯ ފާމީނޯއެވެ.
އެ ލަނޑަށްފަހު ވެސް ފުރަތަމަ ހާފުގެ ތެރޭގައި ލިވަޕޫލްގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔައެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ ސާޑިއޯ މާނޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ފާމީނޯ ދިން ބޯޅައަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ލިވަޕޫލުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައިވެއެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 57 ވަނަ މިނެޓުގައެވެ. ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިސީޒަނުގައި އެ ޓީމާ ގުޅުނު މުހައްމަދު ސަލާހުއެވެ.
ލިވަޕޫލްގެ ހަތަރުވަނަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ 77 ވަނަ މިނެޓުގައެވެ. މޮޅު ކުޅުމަކާއެކު ސަލާހު ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑެނިއެލް ސްޓަރިޖްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޅެން ނުކުތްތާ ތިން މިނެޓް ތެރޭގައެވެ.
އެ މޮޅާއެކު ލިވަޕޫލް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ ދެވަނާގައި ލިވަޕޫލް އޮތީ ގޯލުގެ ތަފާތުންނެވެ. ލިވަޕޫލްގެ ފަހަތުގައި ވިއްދާފައި އޮތް ހަޑާސްފީލްޑާއި މެންޗެސްޓާ ސިޓީ އަދި ވެސްޓް ބްރޮމްއަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، މިރޭގެ މެޗުން ބަލިވި އާސެނަލް އޮތީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.