28 Aug 2017, 00:11
ޑީ ބާސްކެޓްބޯލް ކްލަބް (ޑީބީސީ)ގެ ފަރާތުން ބޭއްވި ކޯސްޓް ބާސްކެޓްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ އެ މުބާރާތުގައި 292 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. އެ މުބާރާތް ކުރިއަށްދިޔައީ ޑީބީސީގެ ހަތަރު ހައުސް ކަމަށްވާ ރެޑް އީގަލްސްއާއި ޔެލޯ ލެޕާޑްސްއާއި ގްރީން ޑްރެގަންސް އަދި ބްލޫ ޝާކްސްގެ މެދުގައި ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ.

ޑީބީސީގެ ފަރާތުން ކުރިއަށްގެންދިޔަ ކޯސްޓް ބާސްކެޓްބޯޅަ މުބާރާތުގެ ތެރެއިން: އެ މުބާރާތުގައި 292 ކުޅުންތެރިން ބައިވެރިވެފައިވޭ --- ފޮޓޯ/ ޑީބީސީ
މުބާރާތް ކުރިއަށްދިޔަ އުމުރުފުރާތަކަކީ އަށް އަހަރުން ދަށް، ދިހަ އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރައެވެ.
ޑީބީސީގެ މަސްއޫލުވެރިޔާ މުހައްމަދު ހާޝިމް (ޑޭވިޑް ކޯޗް) ވިދާޅުވީ، މިއަހަރުގެ މުބާރާތުގައި އަށް އަހަރާއި ދިހަ އަހަރުން ދަށުގެ އުމުރުފުރާ ކުރިއަށްގެންދިޔައީ އަންހެން އަދި ފިރިހެން މިކްސްކޮށް ކަމަށާއި އެއީ ޑީބީސީގެ މާލޭގެ އެކަޑަމީއާއި ހުޅުމާލެ އަދި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ދަރިވަރުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ ބޭނުމުގައި މިފަހަރު ރޭވި ގޮތް ކަމަށެވެ.

ޑީބީސީގެ ފަރާތުން ކުރިއަށްގެންދިޔަ ކޯސްޓް ބާސްކެޓްބޯޅަ މުބާރާތުގެ ތެރެއިން: އެ މުބާރާތުގައި 292 ކުޅުންތެރިން ބައިވެރިވެފައިވޭ --- ފޮޓޯ/ ޑީބީސީ
ޖުމްލަ 45 މެޗު ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުތައް ކުރިއަށްދިޔައީ އިއްޔެއެވެ. އެ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ބީއެޗްއެމް ޓްރޭޑާސްގެ މާކެޓިން އެންޑް ސޭލްސް މެނޭޖަރު އިބްރާހިމް ޝަރީފެވެ. އެ މުބާރާތުގެ ވަނަވަނައަށް ހޮވުނު ޓީމުތަކުގެ އިތުރުން ކޮންމެ އުމުރު ފުރާއަކުން އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ވެސް އިނާމު ހަވާލުކޮށްފައިވެއެވެ.
ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއަރުވައި، ހުނަރުވެރި ބާސްކެޓް ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި 2008 ވަނަ އަހަރު އެފެދުނު ޑީބީސީގައި މިހާރު 500އެއްހާ ކުދިން ތަމްރީން ހާސިލު ކުރަމުންދެއެވެ.