އިނގިރޭސި ޕްރިމިއާ ލީގުގައި ސްޕެއިން ކުޅުންތެރިންގެ އެހީތެރިކަމާއެކު އެވަޓަން އަތުން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި އެވަޓަންގެ މައްޗަށް ޗެލްސީ ކުރި ހޯދާފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އެވަޓަން ކޮޅަށް ލަނޑުޖަހާ ލީޑު ހޯދައިފައެވެ. ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ ދިން ބޯޅައަކުން ޗެލްސީއަށް ލީޑު ހޯދައިދިނީ ޓިއެމޯ ބަކަޔޯކޯގެ ބަދަލުގައި ކުޅެމުންދިޔަ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސްއެވެ.

ޗެލްސީން ލީޑު ފުޅާކުރީ މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ސްޕެއިން ޑިފެންޑަރު ސެސާ އަޒްޕްލިކުއެޓާ ނަގައިދިން ރީތި ހުރަހަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެ ޓީމާ ގުޅުނު ފޯވަޑް މޮރާޓާއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ޗެލްސީއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ޗެލްސީގެ ސްޕެއިން ވިންގާ ޕެޑްރޯއާއި އެވަޓަންގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

ލީގުގައި ޗެލްސީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައިވާއިރު، ދެ މެޗުން ވަނީ މޮޅުވެފައެވެ. އެވަޓަން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެ ޓީމު ބަލިވެފައިވަނީ ހަމައެކަނި މިއަދު ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.