27 Aug 2017, 20:02
ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަކީ މޮނާކޯގެ ޒުވާން ފޯވަޑް އެމްބާޕޭއަށް އެންމެ ރަނގަޅު ކްލަބު ކަމަށް ޕީއެސްޖީގެ މިޑްފީލްޑަރު އެޑްރިއެން ރާބިއޮޓް ބުނެފިއެވެ.
މެންޗެސްޓާ ސިޓީ އަދި ރެއާލް މެޑްރިޑާއެކު އުމުރުން 18 އަހަރުގެ ފޯވަޑް އެމްބާޕޭ ހޯދުމަށް ޕީއެސްޖީން ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ފްރާންސް ލީގުގައި މިދިޔަ ހަފްތާ މެޓްޒްއާ ދެކޮޅަށް ކުޅުނު މެޗުގައި މޮނާކޯ ޓީމުން އެމްބާޕޭ ނުފެނުނު ނަމަވެސް، މިއަދު މާސޭއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި އޭނާ ވަނީ ހިމަނައިފައެވެ. ރާބިއޮޓް ގަބޫލުކުރާ ގޮތުގައި، ޕީއެސްޖީއާ ގުޅިއްޖެނަމަ އެމްބާޕޭއަށް ފައިދާތަކެއް ކުރާނެއެވެ.
"އަހަރެން އަދި ޕީއެސްޖީއަށް ވެސް އެއީ ރަނގަޅު ކަމަކަށް ވާނެ. އެމްބާޕޭއަކީ ޕެރިސް ސަރަހައްދަށް ނިސްބަތްވާ ޒުވާން ކުޅުންތެރިޔަކަށް ވުމުން އޭނާއަކީ ޕީއެސްޖީގެ އިމޭޖަށް ވެސް ވަރަށް ރަނގަޅު ކުޅުންތެރިޔަކަށް ވާނެ. އޭނާއަކީ ހުނަރުވެރި ކުޅުންތެރިއެއް،" ފްރާންސް ފުޓްބޯޅަ ޕްރޮގްރާމެއް ކަމަށްވާ ޓެލެފުޓްއަށް ދިން އިންޓަވިއުއެއްގައި ރާބިއޮޓް ބުންޏެވެ.
ދުނިޔޭގެ ރެކޯޑު އަގަކަށް ޕީއެސްޖީއަށް ނޭމާ ގެންދިއުމާއެކު އެމްބާޕޭ ހޯދުމުގެ މަސައްކަތް ދޫކޮށްލާނެ ކަމަށް ކުރިން ބެލެވިފައިވެއެވެ. ބާސާއިން 222 މިލިއަން ޔޫރޯގެ އަގަކަށް ޕީއެސްޖީއާ ގުޅުނު ބްރެޒިލް ތަރި ނޭމާ ދަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ރާބިއޮޓް ވަނީ ނޭމާގެ ކުޅުމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކައިފައެވެ.
"ނޭމާއާއެކު ކުޅެން ވަރަށް ފަސޭހަ. އަހަރެމެން އޭނާއަށް ބޯޅަ ދިނީމަ، އަވަހަށް އެނބުރި އަހަރެމެންނަށް އޭނާ ބޯޅަ ދޭނެކަން އެނގޭ. އަހަރެމެން އޭނާގެ މާޒީއާ ގުޅޭގޮތުން ވާހަކައެއް ނުދައްކަން. އަހަރެމެން ބާސާއާ ގުޅޭގޮތުން އޭނާއާ ވާހަކައެއް ނުދައްކަން. ޕީއެސްޖީއަށް ނޭމާ ސޮއިކުރިކަން އެނގުމުން ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް އުފާކުރި،" އޭނާ ބުންޏެވެ.