28 Aug 2017, 08:51
އިންޑިއާ އާއި ޗައިނާއާ ދޭތެރޭ މިހާރު ހޫނުވެފައިވާ މައްސަލައިގައި ޗައިނާއިން އިންޑިއާއާ ކުރިމަތިލައި ހަނގުރާމައެއް ނުފަށާނެ ކަމަށް ހީކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ޗައިނާގެ ސްޓޭޓް ނިއުސް އޭޖެންސީ ގްލޯބަލް ޓައިމްސް އިން ބުނެފިއެވެ.
ގްލޯބަލް ޓައިމްސްއަކީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓްޕާޓީއާ ވަރަށް ބޮޑަށް ގުޅިފައިވާ ނޫހެކެވެ.
"އިންޑިއާއިން ޗައިނާގެ އިމުގެ ތެރޭގައި ހިމެނޭ ސަރަހައްދަށް ވަދެ އޮންނަތާ މިހާރު 70 ދުވަސް ވީ. ސުލްހަވެރިކޮށް އެ މައްސަލަ ހައްލުކުރާކަށް މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ކޮޅެއްގައި ޖެހިފައެއް ނެތް،" ގްލޯބަލް ޓައިމްސްގައި ބުނެފައެިވއެވެ.
ގްލޯބަލް ޓައިމްސްގައި ބުނެފައިވާ ގޮތުގައި އިންޑިއާއަށް ޗައިނާގެ ހުރިބާރާއި އަދި ކެރޭކަން ހަމަ ރަނގަޅަށް ވެސް އިހްސާސު ނުކުރެވެއެވެ. އަދި އިންޑިއާއަށް ހީވަނީ ޗައިނާގެ އިމުގެ ސަރަހައްދުގެ ތެރެއަށް ވަދެ ކިތަންމެ ދުވަހަކު އޮތް ކަމުގައިވިޔަސް ޗައިނާއިން އަބަދުވެސް އެ މައްސަލަ ހައްލުކުރަން ބޭނުން ކުރާނީ ޑިޕްލޮމެޓިކް އުސޫލުތަކެއް ކަމަށާއި އަދި ޗައިނާއިން އިސްވެ އޮވެ ހަނގުރާމައެއް ނުފަށާނެ ކަމަށެވެ.
ޗައިނާއާ އިންޑިއާއާ ދެމެދު ހަނގުރާމަ އެންމެ ފަހުން ކޮށްފައި ވަނީ 1962 ވަނަ އަހަރުއެވެ. އެ ފަހަރުވެސް ހަނގުރާމަ ކޮށްފައި ވަނީ އިންޑިއާއާ ޗައިނާއާ ދެމެދު އުފެދުނު ބޯޑަރުގެ މައްސަލައިގައެވެ. އޭގެ ފަހުން ދެގައުމުން ވެސް އެއްވެސް ވަރަކަށް ހަނގުރާމައެއް ކޮށްފައެެއް ނުވެއެވެ.
ޗައިނާ އާއި އިންޑިއާ ދެމެދު މިދަނީ އަނެއްކާ ވެސް ވަރުގަދަ ކުރިމަތިލުމަކަށް ދާން އުޅޭކަމުގެ ކޮޅުމަތި ފެންނަމުންނެވެ. މިފަހަރު މައްސަލަ ހޫނުވެފައި ވަނީ ޗައިނާގެ ދޮކްލާމް ސަރަހައްދުގެ މައްސަލައިގައެވެ. ދޮކްލާމް ސަރަހައްދަކީ އިންޑިއާ އަދި ބޫޓާނާ ދެމެދު މިލްކުވެރިކަމުގައި މައްސަލަޖެހިފައިވާ ހިސާބެކެވެ. ބޫޓާނަކީ އިންޑިއާ އާދެމެދު ޑިފެންސް އެގްރީމަންޓް އޮންނަ ގައުމެކެވެ. އަދި މިއެގްރިމަންޓުގެ ދަށުން އިންޑިއާގެ ސިފައިން ބޫޓާނުގައި ގާއިމުވެގެން ތިބެއެވެ.

ޗައިނާއާއި އިންޑިއާއާ ދެމެދު މައްސަލަ ހޫނު ވެފައިވާ ސަރަހައްދުގެ ޗާޓް--
މައްސަލަ ފެށުނީ ޗައިނާއިން ދޮކްލާމް ސަރަހައްދުގައި މަގުތަކެއް ހަދަންފެށުމާ އެކު އިންޑިއާ ސިފައިން އެސަރަހައްދަށް ވަން ހިސާބުންނެވެ. ޗައިނާ އިން ބުނި ގޮތުގައި މިއީ ޗައިނާގެ މިނިވަންކަމަށް އަރައިގަތުން ފަދަ ކަމެކެވެ. އަދި އިންޑިއާއާ ނުވެސް ބެހޭ މައްސަލައެއްގެ ތެރެއަށް ވަދެފައިވާތީ ޗައިނާއިން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ. ދެ ފަރާތުން ވެސް ދަނީ އެ މީހުންގެ ސިފައިން ބޯޑަރު ކައިރިޔަށް ޖަމާކުރަމުންނެވެ.
ދެ ގައުމުގެ ދެމެދުގައި ޒަމާންތަކެއް ވަންދެން ހަނގުރާމަ ކޮށްފައި ނުވާތީ އިންޑިއާގެ ގިނަ ސީނއަރ އޮފިޝަލުންނާއި އަދި މާހިރުން ވެސް ޗައިނާއިން އިސްވެ އޮވެ ހަނގުރާމަ ނުކުރާނެ ކަމަށް ހީވެފައި އޮންނަ ކަމަށްވެސް ގްލޯބަލް ޓައިމްސްގައި ލިޔެފައިވެއެވެ.
"އިންޑިއާއިން އެބަ ވިސްނަން ޖެހޭ މިއީ ކިހާ ނުރައްކާތެރި ކަމެއް ކަމެއްކަން. އިންޑިއާއިން އެ ވަނީ ބައިނަލްއަގްވާމީ ގަވާއިދުތަކަށް ގޮންޖަހަައި ރަތް ރޮނގު ހުރަސްކޮށްފައި. ހުދު އިންޑިއާއަށް ވެސް އެނގެންޖެހޭނެ އިންޑިއާގައި ނެތްކަން އަހަރެމެންނާ ކުރިމަތިލުމުގެ ގާބިލުކަމެއް. އިންޑިއާއިން ޖަޕާނާ އެމެރިކާއާ ގުޅިގެން ޗައިނާ ޕްރެޝަރަށް ވައްޓާލުމަށް ޓަކައި އެދަނީ ވަރުގަދަ ކުޅިގަނޑެއް ކުޅެމުން،" ގްލޯބަލް ޓައިމްސްގައި ބުނެފައިވެ އެެވެ.
އިންޑިއާއިން ޗައިނާގެ އިމުގެ ސަރަހައްދުގެ ތެރެއަށް ވަދެފައިވީ ނަމަވެސް ޗައިނާއިން މިހާތަނަށްވެސް އެއްވެސް ވަރަކަށް ހަމަލާއެއް ރައްދުގައި ދީފައެއް ނުވެއެވެ.
"އިންޑިއާއިން ސުލްހަވެރިކަމާއެކު އެގައުމުގެ ސިފައިން ޗައިނާގެ އިމުގެ ތެރެއިން ނުނެރެފިނަމަ ޗައިނާއަށް ނޯންނާނެ އިންޑިއާއާ އަސްކަރީ ގޮތުން ކުރިމަތިލުން ނޫން އިތުރުގޮތެއް،" ގްލޯބަލްޓައިމްސްފައި ބުނެފައިވެއެވެ.