މިއަހަރުގެ ހައްޖު މޫސުމުގައި ސައުދީ ހޮސްޕިޓަލުތަކުން ހައްޖުވެރިންނަށް 14،000 ސާޖަރީ ހަދައިދީފައިވާ ކަމަށް ސައުދީ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން މިއަހަރުގެ ޖުލައި 21 އިން އޮގަސްޓް 22 އަށް 147 ހިތުގެ ބައިޕާސް ސާޖާރީ އާއި އަދި ހަތް އޯޕަން ހާޓް ސާޖަރި ހަދައިދިފައިވާ ކަމަށް ސައުދީ ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި ބުނީ 901 ކިޑްނީ ޑައިލިސިސް އާއި 42 އެންޑޮސްކޯޕީ އާއި އަދި 307 ސާޖަރީ ހަދައި ދީފައިވާ ކަމަށެވެ.

ސައުދީ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މައްކާގެ އިމަޖެންސީ ސެންޓަރުތަކުން 11837 ހައްޖުވެރިން ހިދުމަތް ހޯދައިފައިވާ ކަމަށާއި އަދި މައްކާ އާއި މަދީނާގެ ހެލްތު ސެންޓަރުތަކަށް ޒިޔާރަތް ކުރި ހައްޖުވެރިންގެ އަދަދު 139281 އަށް އަރައިފައިވާ ކަމަށެވެ.

ސައުދީ ހެލްތު މިނިސްޓްރީން ސްޕެޝަލިސްޓުންގެ ހިދުމަތް ހައްޖުވެރިންނަށް ދެނީ އެއްވެސް އަގަކާ ނުލައި މުޅިން ހިލެއެވެ. އެގޮތުން ސައުދީން ދޭ ހިދުމަތްތަކުގެ ތެރޭގައި އޯޕަން ހާޓް ސާޖަރީއާއި، ބައިޕާސް އޮޕަރޭޝަނާއި، ޑައިލަސިސްގެ ހިދުމަތްތަކާއި އެންޑޯސްކޮޕީއާއި އަދި ވިހެއުމުގެ ހިދުމަތް ހިމިނެއެވެ.

ސިއްހީ ހިދުމަތްތައް ހައްޖުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި 100 އެމްބިއުލެންސް ސައުދީން ވަނީ މިއަހަރު އިތުރަށް ނެރެފައެވެެ. އޭގެ އިތުރުން 29000 ސިއްހީ ހިދުމަތްދޭ ފާރާތްތައް ވެސް ވަނީ ހައްޖުވެރިންނަށް 24 ގަޑިއިރު ހިދުމަތް ދިނުމަށްޓަކައި ނެރެފައެވެ.