28 Aug 2017, 09:06
އިންޑިއާގެ ހައިދަރު އާބާދުގެ އަންހެނުންނާ އަރަބިން ކައިވެނިކުރުމުގެ ގަވައިދުތަކަށް ބަދަލު ގެެނެސް ހަރުކަށި ގާނުނުތަކެއް ފާސްކުރުމަށްޓަކައި އިންޑިއާގެ ހައިދަރުއާބާދުގެ ތެލަންގާނާގެ ސަރުކާރުން ބިލެއް ހުށައެޅުމަށް ތައްޔާރުވެއްޖެއެވެ.
މިއީ އަރަބި ގައުމުތަކުގެ ފިރިހެނުން ހައިދަރުއާބާދުގެ ޅަކުދިންނާ ކައިވެނި ކުރުން ހުއްޓުވުމުގެ ގޮތުން ހުށަހަޅާ ގާނޫނެއް ކަމަށްވެސް ތެލަންގާނާ ސަރުކާރުން ބުންޏެވެ.
އަލަށް އެކުލަވައިލާ ގާނޫނުގެ ދަށުން ކައިވެނިކުރެވޭ ޅަ ކުދިންގެ މައިންބަފައިންނާއި، އަދި އަރަބިންނާ ކައިވެނިކޮށްދިނުމަށް މެދުވެރިއެއްގެ ބައި އަދާކޮށްދޭ މީހުންނަށްވެސް ދައުވާ ކުރެވޭނެއެވެ.
އަލަށް ފާސްކުރަމަށް ތައްޔާރުވަމުންދާ ބިލުގައި، އަރަބިންނާ ހައިދަރުއާބާދުގެ އަންހެނުންނާ ކައިވެނިކޮށްދިނުމަށްވެސް ވަނީ ވަރަށް ގިނަ ޝަރުތުތަކެއް ކުރިމަތިކޮށްފައެވެ. އެގޮތުން ކައިވެނި ކުރާ ފިރިހެނުންގެ އުމުރު އަންހެނުންނަށްވުރެ ދިހަ އަހަރު ދޮށިވެގެން ނުވާނެކަމަށް އޮވެއެވެ.
އަދި އޭގެ އިތުރުން ދިހަ ލައްކަ ރުފިޔާގެ ޑިޕޮސިޓެއް ބެހެއްޓުމާއި އަދި ފިރިހެންމީހާގެ އަނބިން ތިބިނަމަ އަންހެނުންނާއި އަދި މުދަލުގެ މައުލޫމާތު ހުށަހަޅަން ޖެހެއެވެ. އޭގެ އިތުރުން ކައިވެނިކުރުމަށްފަހު އިންޑިއާގެ އެމްބަސީގެ އޮފިޝަލުންނާ ކޮންމެ ތިން މަހަކުން ބައްދަލުކުރަން ވެސް ޝަރުތުތަކުގައި ހިމެނެއެވެ.
އަރަބި ފިރިހެނުން އިންޑިއާއަށް ގޮސް މުސްލިމު އަންހެން ކުދިންނާ ދުވަސް ކޮޅަކަށް ކައިވެނިކުރުމަކީ ވަރަށް އާންމުކަމެކެވެ. މިއީ ދީނުގައިވެސް ނަހީ ކުރައްވައިފައި ވާކަމެކެވެ.