ބައިކް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް)ގެ "އެނުއަލް ޖޫނިއަރ ބައިކް ޓުއަރ" ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

ކުޑަކުދީންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މިއަހަރުގެ ޖޫނިއަރ ބައިކް ޓުއަރގައި އެކި އުމުރު ފުރައިގެ 20 ކުއްޖަކު ބައިވެރިވިއެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް ތިން މަންޒިލަކަށް، ކުޑަކުދީންތަކެއް ބައިސްކަލް ހިފައިގެން ގޮސް އެތަންތަނުގައި ހުރި ބައެއް މުހިއްމު ތަންތަނަށް ޒިޔާރަތްކުރާ ގޮތަށް ކުރިއަށް ގެންދިޔަ މި ޓުއަރ އޮތީ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން އެ ދުވަހު ހަވީރު 6:00އަށެވެ.

ބައިކް މޯލްޑިވްސްގެ އެނުއަލް ޖޫނިއަރ ބައިކް ޓުއަރގެ ތެރޭން-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ބައިކް މޯލްޑިވްސްގެ އެއް ފައުންޑަރ އަހްމަދު ޙަސަންދީދީ ވިދާޅުވީ، މި ޚަރަކާތަކީ "ރައްކާތެރި ކަމާއެކު އެއްތަނުން އަނެއްތަނަށް، ބައިސްކަލުގައި ދިއުމަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޚަރަކާތެއް،" ކަމަށެވެ.

ބައިސްކަލް ދުއްވަން ޝައުގުވެރިވާ ކުދީންނަށް އެ ހުނަރު ދަސްކޮށްދީ ތަރައްގީ ކުރުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ކުދީން ބޭތިއްބުމަކީ ބައިކް މޯލްޑިވްސްއިން މިފަދަ ޚަރަކާތްތައް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް އަހްމަދު ހަސަންދީދީ ވިދާޅުވިއެވެ.

ބައިކް މޯލްޑިވްސްގެ އެނުއަލް ޖޫނިއަރ ބައިކް ޓުއަރގެ ތެރޭން-- ފޮޓޯ: ބައިކް މޯލްޑިވްސް

ހޮނިހިރު ދުވަހު ހެނދުނު މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށި ޖޫނިއަރ ބައިކް ޓުއަރގައި އެ ހަރަކާތުގެ ބައިވެރީން ވަނީ، މާލޭގައި ޕެކެޓުގައި ހަކުރު ބަންދުކުރާ ފެކްޓަރީއަކަށާއި، ހުޅުމާލޭގައި ހުންނަ ރެޖިފޯމް ފެކްޓަރީއަކަށް ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން ވިލިމާލޭގައި ކުރިއަށް ގެންދިޔަ ތިމާވެށި ސާފުކުރުމުގެ ޚަރަކާތެއްގައި ބައިވެރިވުމަށް ފަހު، ހުޅުމާލޭ ސެންޓްރަލް ޕާކްގައި ވެސް އެ ކުދީން ވަނީ ޚަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ބައިކް މޯލްޑިވްސްގެ އެނުއަލް ޖޫނިއަރ ބައިކް ޓުއަރގެ ތެރޭން-- ފޮޓޯ: ބައިކް މޯލްޑިވްސް

ބައިކް މޯލްޑިވްސްގެ ޕްރެޒިޑެންޓް އަދި ފައުންޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ޒުލޭހާ ހަސަންދީދީ (ދަލޭ) ވިދާޅުވީ، މިއަހަރުގެ ޖޫނިއަރ ބައިކް ޓުއަރއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ކުރިއަށް އޮތްތާނގައި ވެސް މިފަދަ އިތުރު ޚަރަކާތްތައް އެ ޖަމިއްޔާއިން ކުރިއަށް ގެންދާނޭ ކަމަށެވެ.

ބައިކް މޯލްޑިވްސްގެ އެނުއަލް ޖޫނިއަރ ބައިކް ޓުއަރގެ ތެރޭން-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ބައިކް މޯލްޑިވްސް އަކީ، ބައިސްކަލުގެ ވަސީލަތް ބޭނުންކޮށްގެން ތިމާވެށި ހިމާޔަތް ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމާއެކު، ދުޅަހެޔޮ ސިއްހަތަކަށް ބައިސްކަލުގެ ބޭނުން ކޮށް، ކަސްރަތު ކުރުމުގެ އާދަ އަށަގެންނެވުމަށް، 2015 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.

ވޭތުވެދިޔަ ތިން އަހަރު ދުވަހު ބައިކް މޯލްޑިވްއިން ވަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިމާވެއްޓާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުވުމަށް ތަފާތު ޚަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ބައިކް މޯލްޑިވްސްގެ އެނުއަލް ޖޫނިއަރ ބައިކް ޓުއަރގެ ތެރޭން-- ފޮޓޯ: ބައިކް މޯލްޑިވްސް

މިދިޔަ އަހަރުގެ ބޮޑު އީދުގައި ފުވައްމުލަކުގައި ބައިސްކަލް ދުއްވުމުގެ ޚަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު، 2015 ވަނަ އަހަރުގެ އާރތުޑޭ ފާހަގަކުރުމަށް ވެސް ފުވައްމުލައް ސިޓީގައި ހަރަކާތެއް ކުރިއަށް ގެންދިޔައެވެ. އަދި މިއަހަރު ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ލ. ލިންކު ރޯޑުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވާއިރު މީގެ ކުރީން ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ވެސް އެ ޖަމިއްޔާއިން ވަނީ ބައިސްކަލް ދުއްވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ބައިކް މޯލްޑިވްސްގެ އެނުއަލް ޖޫނިއަރ ބައިކް ޓުއަރގެ ތެރޭން-- ފޮޓޯ: ބައިކް މޯލްޑިވްސް

އިންޖީނުލީ އުޅަނދުފަހަރުގައި އަންދާ ތެލުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް މީހުން ހޭލުންތެރިކުރުވުމަށް ވެސް ބައިކް މޯލްޑިވްސްއިން ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ފަތިސް ނަމާދަށް ފަހު، ހުޅުމާލޭގައި ބައިސްކަލް ދުއްވުމުގެ ޚަރަކާތެއް އެ ޖަމިއްޔާއިން ކުރިއަށް ގެންދެއެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ބައިސްކަލް ރޭހެއް ނުބާއްވާތާ ދިގު މުއްދަތެއް ވެފައި ވަނިކޮށް، ފަހުގެ ތާރީޚެއްގައި މާލޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ބައިސްކަލް ރޭސް ކާމިޔާބުކަމާއެކު، ބައިކް މޯލްޑިވްސް އިން ވަނީ މިއަހަރުގެ މޭމަހުގެ ތެރޭގައި ބާއްވައިފައެވެ.