މެގާ މޯލްޑިވްސް އަށް ދެ ވަނަ އަދި ތިން ވަނަ މަތިންދާ ބޯޓެއް ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ދަތުރުތައް ކުރުމުގެ ދައުވަތު ރަޝިޔާ އާއި އިޓަލީ އާއި މެދުއިރުމައްޗާއި ޖަޕާން ކޮރެއާ އަދި ޗައިނާގެ އިތުރު މަންޒިލްތަކުން ލިބެމުން އަންނަ ކަމަށް މެގަމޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިން އަށާއި ޝަންހާއީ އަށް ދަތުރުތައް ފެށުމުގެ އުފަލުގައި މެގަ މޯލްޑިވްސް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި މަޑުކޮށްފައިދާ ގޮތަށް އޮސްޓްރޭލިއާ އާއި ދެކުނު އެފްރިކާއާ ދެމެދު ތަރުކުރުމަށް މިހާރު ޕްރޮޕޯސަލް ވެސް ލިބިފައިވާ ކަމަށެވެ.

އަދި އެގޮތަށް މަސައްކަތް ކުރެވެން ފެށުމުން މުސްތަގުބަލްގައި ރާއްޖެ ވާނީ ހަމަ އެކަނި މައިގަނޑު މަންޒިލެއްގެ އިތުރުން އިންޑިޔާ ކަނޑު ހުރަސްކޮށް ކުރާ ދަތުރުތަކުގައި ކުރިއަރަމުން އަންނަ ހަބެއްގެ ގޮތުގައި ކަމަށް ވެސް މެގަ މޯލްޑިވްސް އިން ބުންޏެވެ.

މެގަ މޯލްޑިވްސް އިން ޝަންހާއީ އަށާއި ބެއިޖިންއަށް ޑައިރެކްޓް ޝެޑިއުލް ފްލައިޓްތައް މިހާރު ފަށާފައިވާ އިރު އެއެއާލައިންގެ ދަތުރުތައް ކޮރެއާގެ އިންޗިއަން އަށް އަންނަ ސެޕްޓެމްބަރު މަހު ފަށާނެ ކަމަށް އެ އާލައިނުން ބުންޏެވެ.
މެގަ މޯލްޑިވްސް އިން އައްޑުއަށް ކުރާ ދަތުރުތަކުގައި މިހާތަނަށް 4000 މީހުން ދަތުރުކޮށްފައިވާ ކަމަށާއި އެ އެއާލައިން އިން މަލްޓިއޭރޯއާ ގުޅިގެން ފަށާފައިވާ ކާގޯގެ ޚިދުމަތުގައި ރާއްޖެ އިން ހޮންކޮންގް އަށް މިހާތަނަށް 17620 ކިލޯގެ ކާގޯ އުފުލާފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

މެގަ މޯލްޑިވްސް އިން ޝަންހާއީ އަށާއި ބެއިޖިންއަށް ދަތުރު ފަށާފައި ވާއިރު އެއެއާލައިންގެ ފްލައިޓްތައް ދަތުރުކުރަނީ ދިވެހި ދިދައާ އެކު ގައެވެ.