27 Aug 2017, 17:12
ދިވެހިންނަކީ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާ އަހުލުވެރި އަދި ނިސްބަތުން ސްމާރޓް ފޯނު ގެންގުޅޭ މީހުން ގިނަ ޤައުމެކެވެ. ނަމަވެސް ސްމާޓް ފޯނުގެ އެންމެ ފުރިހަމަ ބޭނުން ހިފޭނެ ފުރުސަތުތަށް ރާއްޖޭގައި އަދި މަދެވެ.
އޮޅުވާލައިގެން އާއްމުންގެ އަތުން ރާސްޓަސް އަދި ރީލޯޑް ހޯދުމުގެ މައްސަލަތައް ފެންމަތިވެގެން 2016 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ވަނީ ކުރިން އޭޓީއެމް ތަކުންނާއި އިންޓަރނެޓް ބޭންކިން އަދި އެ ޚިދުމަތް ފޯރުކޮށްދިން ކުންފުނިތަކުގެ ވެބްސައިޓުން ކުރެވެމުންއައި ރީޗާޖް ޚިދުމަތް ހުއްޓާލާފައެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވިއެވެ.
މީގައި ވިސްނާލަންޖެހޭ ތަންކޮޅަކީ ފިހާރައަކަށް ގޮސްގެން ކުރިއަސް މީހުންގެ ހޭލުންތެރިކަން ދަށްކަމުގައި ވާނަމަ މިކަހަލަ މައްސަލަތަކާ ކުރިމަތިލާންޖެހޭނެކަމެވެ. ހަމަ ގުޅާލާފައި މިއީ މިވެނި ކުންފުންޏެއްގެ ޕްރޮމޯޝަނެކޭ ރީޗާޖްކުރީމަ އަގުހުރި އިނާމުތައް ލިބޭނެއޭ ބުނީމަ އެވާހަކަ ވެރިފައި ނުކޮށް ޤަބޫލުކޮށްގެން ފިހާރައަކަށްގޮސް ރީޗާޖްކުރިއަސް އޮންލައިންކޮށް ރީޗާޖްކުރިއަސް ހަމަޖެހޭނީ އެއްތާކުކަން ޔަޤީނެވެ.
މަދު ބަޔެއްގެ ފަރުވާކުޑަކަމާ ވިސްނާލުމެއްނެތުމުގެ ސަބަބުން އޭގެ އުނދަގޫ އެކަހަލަ ކަންކަމަށް ސަމާލުވެތިބެ އެޚިދުމަތް ހޯދި ގިނަ ބަޔަކަށް ތަހައްމަލުކުރަން ޖެހުމަކީ އިންސާފެއްވެސް ނޫނެވެ.
ކްރިއޭޓިވް ސޮލިއުޝަންސްއިން 2016 ވަނަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރެޕިޑް ރީޗާޖް ލޯންޗްކުރީ މިފަދަ ފަރާތްތަކަށް ވެފައިވާ އުނދަގުލަށް ޙައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ. އޮންލައިންކޮށް ރީލޯޑް ރާސްޓަސް ކުރެވޭ ގޮތަށް ތަޢާރަފްކުރި މި ޚިދުމަތަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގިނަބައެއްގެ މަޤބޫލުކަން ހޯދި ޚިދުމަތެކެވެ. އޮންލައިންކޮށް ރީޗާޖްކުރުމަށް ޚާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ އެޕްލިކޭޝަނެއް ނެރުންވެގެންދިޔައީ އިންޤިލާބީ ކަމަކަށެވެ.
ފުރަތަމަ ރިލީޒް ކުރިއިރު ހަމައެކަނި ރާސްޓަސް ރީލޯޑް ކުރެވުނަސް މަޑުމަޑުން މި އެޕް ތަރައްޤީކޮށް އެޕްގައި މިހާރުވަނީ އާފީޗަރތައް ހިމަނާފައެވެ. އޭގެތެރޭގައި އުރީދޫ ޑޭޓާ އަދި ވޮއިސް ޕެކޭޖްތައް ނެގުމާ، އުރީދޫ ފޯނު ބިލް ދެއްކުމާ، އަދި އުރީދޫ އެމް ފައިސާ ވޮލެޓަށް ފައިސާ އެޅުންވެސް ހިމެނެއެވެ. އެމް ފައިސާ ވޮލެޓަށް ފައިސާ ޖަމާކޮށްގެން ކަރަންޓު ބިލާ، ފެންބިލާ އަދި މީޑިއާނެޓް ބިލްފަދަ ޔުޓިލިޓީ ބިލްތައް ދައްކާލެވޭނެކަންވެސް ފާހަގަކޮށްލެވެއެވެ.
ރެޕިޑް ރީޗާޖް ފޭސްބުކް ޕޭޖްގައި އަދި ގޫގަލް ޕްލޭ ސްޓޯރުގައި މި އެޕާ ބެހޭގޮތުން ކަސްޓަމަރުން ދީފައިވާ ރިވިއުތައް ބަލާލިޔަސް އެންމެ ފާހަގަކުރެވޭ ކަމަކީ ރެޕިޑް ރީޗާޖްގެ ސަރވިސްގެ ރަނގަޅުކަމެވެ. ރަނަގަޅު ކަސްޓަމަރ ސަރވިސްއެއް ދިނުމަކީ ކްރިއޭޓިވް ސޮލިއުޝަންސްއިން ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭކަމެކެވެ. އެގޮތުން 24 ގަޑިއިރު ކަސްޓަމަރ ސަރވިސް ލިބިދޭއިރު ފޯނުން ގުޅައިގެންނާ އެސް އެމް އެސް ކޮށްގެންނާ އަދި ވައިބަރއާއި ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށްގެންވެސް ކޮންމެ ވަގުތަކުވެސް ކަސްޓަމަރ ސަރވިސްގެ ޚިދުމަތް ލިބެއެވެ. ދިރާގު ކަސްޓަމަރުންނަށް ރެޕިޑް ރީޗާޖް ހޮޓްލައިނަށް ހިލޭ ގުޅޭކަންވެސް ފާހަގަކޮށްލެވެއެވެ.
ކްރިއޭޓިވް ސޮލިއުޝަންސްގެ ފައުންޑަރ އަދި ރެޕިޑް ރީޗާރޖްގެ މޭސްތިރި ޏ. ފުވައްމުލަކު އުމުރުން 29 އަހަރުގެ މުޙައްމަދު ނިމާލު ބުނީ ރާއްޖޭގައިފިހާރަތަކެކޭ އެއް އަގެއްގައި އޮންލައިންކޮށްރާސްޓަސް އަދި ރީލޯޑްކުރެވޭ މި އެޕްގެ ޚިދުމަތަކީ އަހަރުތަކެއްވަންދެން އޭނާ ގެންގުޅުނު ޚިޔާލެއް ކަމަށެވެ.
ނިމާލް ބުނީ ރެޕިޑް ރީޗާރޖަކީ ވިޔަފާރިއަކަށްވުރެ ބޮޑަށް ރައްޔިތުންނަށް ދޭ ޚިދުމަތެއްގެ ގޮތުގައި ބަލައިގެން އޭނާ ކްރިއޭޓިވް ސޮލިއުޝަންސްގެ ދަށުން ހިންގާ އެޕެއް ކަމަށެވެ. އަދި އެންމެ ބޮޑަށް އިސްކަންދެނީ ކަސްޓަމަރުންގެ ހިތްހަމަޖެހުމާ އެމީހުންނަށް އެޕް މެދުވެރިކޮށް ދޭ ޚިދުމަތުގެ ފެންވަރަށް ކަމަށް ނިމާލް ބުންޏެވެ. ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް ރެޕިޑް ރީޗާޖް ފޭސްބުކް ޕޭޖް މެދުވެރިކޮށް ދޭތެރެ ދޭތެރެއިން ތަފާތު ޕްރޮމޯޝަންތައްވެސް ކުރިއަށްގެންދެއެވެ.
މި އެޕް މިހާ ހިސާބަށް އައި އެންމެ ބޮޑު ސަބަބަކީ ކަސްޓަމަރުން ކަމުގައި ނިމާލް ފާހަގަ ކުރެއެވެ.
"ކަސްޓަމަރުންގެ އިތުބާރާއި، ތަރުޙީބާއި، އެއްބާރުލުމާއި އެކު މި އެޕް މިހާ މަޤްބޫލު އެޕްއަކަށް ވީ. އެކަމަށްޓަކައި ހުރިހާ ކަސްޓަމަރުންނަށް ޚާއްސަކޮށް އެޕްގެ އާ ދުވަސްކޮޅު އެޕް ބޭނުން ކުރެއްވި ހުރިހާ ކަސްޓަމަރުންނަށް މި ފުރުސަތުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ނިމާލް ބުންޏެވެ.
އަންނަ ނޮވެމްބަރު މަހު ރެޕިޑް ރީޗާޖްއަށް އަހަރެއް ފުރޭއިރު ނިމާލު ބުނީ މިހާރު އެންމެ މުހިއްމުކަމެއް ދީގެން އޭނާ ކުރާ މަސައްކަތަކީ ކުރިއަށް އޮތްތާގައި އައިއޯއެސް ކަސްޓަމަރުންނަށްވެސް ރެޕިޑް ރީޗާޖްގެ ޚިދުމަތް ފޯން އެޕްލިކޭޝަނަކުން ލިބޭނެގޮތް ހެދުންކަމަށާއި މިހާރުވެސް އައިއޯއެސް ކަސްޓަމަރުންނަށް ވެބްސައިޓް މެދުވެރިކޮށް ޚިދުމަތް ހޯދޭނެކަމަށެވެ. ވަރަށް ކައިރި މުސްތަޤްބަލެއްގައި މި އެޕަށް އަދި އިތުރު ކުރިއެރުންތައްވެސް އަންނާނެކަމަށް ނިމާލު ބުންޏެވެ.