ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ދައުލަތުން ކުރި މީހެއްގެ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ދައުލަތުން ފިޔާޒުގެ މައްޗަށް އެ ދައުވާ ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލިއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން ސްޓޭޑިއަމް ސަރަހައްދުގައި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި އޭނާ ޖަހާފައިވާ ކަމަށް ބުނެއެވެ.

ގާޒީ އާދަމް އާރިފް އިއްވި ހުކުމްގައި ވަނީ ހެކިބަސްދިން ތިން ފުލުހުންގެ ބަހާއި ދިފާއުގައި ހެކިބަސްދިން މީހުންގެ ހެކިބަސް ކަނޑައެޅިގެން ދިމާނުވާ ކަމަށެވެ.

ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހިންގެ މޭމަތީގައި ފިޔާޒު ޖެހި ކަމަށް ބުނެ ދައުވާކޮށްފައިވާއިރު، އެ މައްސަލާގައި ފިޔާޒާ ދެކޮޅަށް ހެކިބަސްދިނީ ޝާހީން އާއި އިތުރު ދެ ފުލުހެކެވެ. ޝާހީންގެ އިތުރުން ހެކިބަސްދިން ދެ ފުލުހުން ބުނެފައި ވަނީ ޝާހީންގެ މޭމަތީގައި ޖަހައި ކޮއްޕާލާ ކަހަލަގޮތަކަށް ފިޔާޒު އަމަލުކުރި ކަމަށެވެ. ނަމަވެސް އެއާ ދެކޮޅަށް ފިޔާޒު އަށް ހެކި ހުށަހެޅިއެވެ.

ހެކީގެގޮތުގައި ހުށަހެޅި މީހުންގެ ތެރެއިން ހާޒިރުކޮށްފައި ވަނީ ރާއްޖެ ޓީވީގެ ތިން ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ވިސާމާއި މުރުޝިދު އަބްދުލް ހަކީމެވެ. އެ ތިން މީހުންނަކީ ވެސް ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ތިބި ބައެއްކަން ސާފުކޮށް އެނގެން އޮންނައިރު، އެމީހުންނަށް ނުފެންނަ މަންޒަރެއް ހެކިބަސްދިން ފުލުހުންނަށް ފެނުނުކަމުގެ އިހްތިމާލެއް ނެތް ކަމަށް އެ ހުކުމްގައިވެއެވެ.

ހާދިސާ ހިނގި ވަގުތު ރާއްޖެ ޓީވީން ގެނެސްދިން ލައިވް ކަވަރޭޖްގައި ވާހަކަދައްކަމުން އެ ސަރަހައްދުން ނޫސްވެރިއަކަށް ހަމަލާދިން ކަމަށް މުރުޝިދު ބުނާއިރު، ޕޮލިސް ކޯޕްރަލް ޝާހީން، ފިޔާޒުގެ ކަރުގައި ހިފި ކަމަށް ހެކިބަސްދިން ނޫސްވެރިން ކަމަށްވާ ލީވާނާއި ވިސާމް ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

އެހުރިހާ ކަންކަމަށް ބަލާއިރު، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްގައިވެއެވެ.

އެ ހުކުމްގައި ވަނީ ހާދިސާ ހިނގި ސަރަހައްދަށް ފިޔާޒު ދިޔައީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ކަމުގައިވާއިރު، ގާނޫނު އަސާސީގެ 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާ އިން ތަނަވަސްގޮތެއްގައި ނޫސްވެރިންކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ހައްގު ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށް އެ ހުކުމްގައިވެއެވެ.