އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާ ދެކޮޅަށް ކުޅޭ މެޗަކީ މިހާތަނަށް ކޮލެފައިންގައި ކުޅޭ އެންމެ އުނދަގޫ މެޗަށްް ވާނެ ކަމަށާއި ނަމަވެސް ބޭނުން ވަނީ މޮޅު ކުޅުމެއް ދައްކައި އޮމާން ހައިރާން ކޮށްލުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.

ކޮލެފައިން ގްރޫޕުގައި ތިން ޕޮއިންޓާ އެކު ގްރޫޕުގެ ދެވަނާގައި އޮމާން އޮތް އިރު، ހަމަ އެ އަދަދަށް ޕޮއިންޓު ލިބިގެން ތިން ވަނައިގައި އޮތީ ރާއްޖެ އެވެ. ގްރޫޕުގެ އެއްވަނާގައި ފަލަސްތީނަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ.

ކޮލިފައިން ކޮންމެ ގްރޫޕަކުން ދެ ޓީމަކަށް އޭޝިއަން ކަޕްގެ ޖާގަލިބޭ އިރު، އޮމާން މެޗުން ރަނގަޅު ނަތީޖާއެއް ނެރިގެން ނޫނީ އެކަން ހާސިލުވާން ނެތް ކަމަށް ސްޓެވާޓް ބުންޏެވެ.

އޮމާން މެޗަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ބާއްވާ ޓްރެއިނިން ކޭމްޕަށް މިއަދު ގައުމީ ޓީމު ފުރާފައިވާ އިރު، ސްޓެވާޓް ބުނީ އޮމާންގައި ވާދަވެރި ކުޅުމެއް ދައްކައި އެ ޓީމު ރާއްޖެ އައިސް ކުޅެން ޖެހިލުންވާ ވަރުގެ ކުޅުމެއް ދައްކަން ބޭނުންވާ ކަމަށެވެ.

"ހަތް ދުވަސް ގަތަރުގައި ރަނގަޅު ތަމްރީންތަކެއް ހޯދައި އޮމާން މެޗަށް ވިހާ ވެސް ބޮޑަށް ތައްޔާރުވުން ބޭނުމަކީ. އަހަރެމެން މެޗަށް ނިކުންނާނީ އޮމާން ރާއްޖެ އައިސް ކުޅެން ޖެހިލުންވާ ފަދަ ނަތީޖާއެއް ހޯދުމަށް،" ސްޓެވާޓް ބުންޏެވެ.

ސްޓެވާޓް ބުނީ ގްރޫޕުގެ ފޭވަރިޓުންނަކީ ފަލަސްތީނު ކަމަށާއި ނަމަވެސް ދެވަނަ ޖާގަ ހޯދުމަށް އޮމާން އެކޭ އެއްވަރަށް ރާއްޖެއަށް ވެސް ފުރުސަތު އެބައޮތް ކަމަށެވެ. އަދި ރާއްޖެ އަށް ވުރެ އޮމާން އަށް އޮތް ޕްރެޝަރު ބޮޑު ކަމަށް އޭނާ ބުންޏެވެ.

ގައުމީ ސްކޮޑަށް ކުޅުންތެރިން ނަގާ ގޮތާ މެދު ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން ސްތެވާޓް ބުނީ މިއީ މިވަގުތު ނެގެން އޮތް އެންމެ ރަނގަޅު ސްކޮޑު ކަމަށެވެ.

"މި ސްކޮޑުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ފެންވަރުގެ ކުޅުންތެރިން އެބަތިބި. ނަމަވެސް އަނިޔާގެ ސަބަބުން އަސަދުއްﷲ އަށް ނުކުޅެވުމަކީ ލިބޭ ހީނަރު ކަމެއް. އެތަން ފޫބައްދަން ދެން ތިބި ކުޅުންތެރިން މަސައްކަތް ކުރާނެ ކަމާމެދު ޝައްކެއް ނެތް،" ސްޓެވާޓް ބުންޏެވެ.

ކަކުލަށް ލިބުނު އަނިޔާއަކާ އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް މި މެޗުގައި ނުކުޅެވުނު ނަމަވެސް އަނިޔާ އިން ސަލާމަތް ވެފައިވާ އަލީ އަޝްފާގް(ދަގަނޑޭ) އަށް މި މެޗުގައި ގައުމީ ޓީމަށް ކުޅޭނެ އެވެ.