ހދ. ހަނިމާދޫގެ 21 މަގެއްގައި ތާރުއަޅުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން އިއްޔެ ފަށައިފި އެވެ.

އެމްއާރްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެންމެ އުތުރުގައި އެއާޕޯޓް އޮންނަ ހަނިމާދޫގެ މަގުތަކުގައި ތާރުއެޅުމަށް ހޮޅިވަޅުލުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.

އަދި އެ މަޝްރޫއުގެ ދަށުން އެ ރަށުގެ 21 މަގެއްގައި ތާރުއަޅަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަނިމާދޫގައި ތާރުއެޅުމަށް ބޭނުންވާ ޕްރީކާސްޓް މެޓީރިއަލްސް އަދި މެޝިނަރީޒް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްއާރުޑީސީ އިން ބުންޏެވެ.

ހަނިމާދޫގައި 16 ކިލޯ މީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް، 84 ޓަނުގެ އާރްއޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.