27 Aug 2017, 15:25
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބާއްވާ ސަރަހައްދީ ކޮމެޓީ ބައްދަލުވުމަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބު ބައްޗަން ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ.
އަމީތާބަކީ ހެޕްޓައިޓިސްއާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހުޅަނގު އިރުމަތީ އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ގުޑްވިލް އެމްބެސެޑަރެވެ.
އަދި އަމީތާބު ރާއްޖެ އަންނާނީ އަންނަ ސެޕްޓެމްބަރު މަހު 6-10 އަށް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމެޓީގެ 70 ވަނަ ބައްދަލުވުމަށެވެ.
ނަމަވެސް އަމީތާބު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ކޮން ދުވަހު ކަމެއް އަދި ނޭނގެ އެވެ.
ޑަބްލިއުއެޗްއޯގެ އޮފިޝަލަކު ވިދާޅުވީ، ޕެރެޑައިޒް އައިލޭންޑް ރިސޯޓުގައި ބާއްވާ އެ ބައްދަލުވުމުގައި ހެޕްޓައިޓިސްއާ ބެހޭ ގޮތުން އަމީތާބު މައުލޫމާތު ދެއްވާނެ އެވެ.
ރާއްޖޭގައި ބާއްވާ ސަރަހައްދީ ކޮމެޓީ ބައްދަލުވުމުގައި 11 ގައުމެއްގެ ހެލްތު މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާއިރު ޑަބްލިއުއެޗްއޯ އާއި އިރުމަތީ އޭޝިއާ ރީޖަނަލް އޮފީހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، މިއަހަރުގެ ސަރަހައްދޫ ކޮމެޓީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ އެކިއެކި ކަންކަމާ ގުޅިގެން އެޅެންހުރި ފިޔަވަޅުތަކުގެ މައްޗަށެވެ.
އަދި އެ ކަންތައްތަކަށް ބަލައި ހެލްތު ނިޒާމެއް ގާއިމް ކުރުމުގެ މަޝްވާތަކެއް ކުރެވިގެންދާނެ އެވެ. އެ މަޝްވާރަތަކުގައި މިހާރު ސިއްހީ ގޮތުން އިސްކުރަންވި ކަންތައްތަކާއި އަދި ކުރިއަށް އޮތް ތަނުގައި ސިއްހީ ނިޒާމް އެކުލަވާލުމުގައި މުހިއްމުކަން ދޭންޖެހޭ ކަންތައްތަކަށް އަލިއަޅުވާލާނެ އެވެ.