27 Aug 2017, 14:55
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއީ)ގެ ސީއީއޯ ހަސަން މަނިކު އިސްތިއުފާ ދެއްވައިފި އެވެ.
އެމްއެސްއީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސީއީއޯ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ކުންފުނީގެ ބޯޑަށް ފަންނީ ލަފާދީ ސްޓޮކް އެކްސްޗޭންޖުގެ މަސައްކަތް ފުޅާ ކުރުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
ހަސަން މަނިކު އެމްއެސްސީގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވުމުން އެ ކުންފުނީގެ ޗެއާމަން އަލާއު ޢަލީ ވިދާޅުވީ ހަސަން މަނިކު ސީއީއޯގެ މަގާމުގައި ހުންނަވައިގެން އެ ދާއިރާ ދުވަހަކު ވެސް ދެކެފައިނުވާ މިންވަރަށް ކުންފުނީގެ މަސައްކަތްތައް ތަރައްގީކޮށްދެއްވާފައިވާ ކަމަށެވެ. އަދި މި ރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްގީ ކުރުމުގައި މަނިކުގެ ފަންނީ އެހީތެރިކަން ހޯދަމުން ދާނެ ކަމަށް ވެސް އަލާއު ވިދާޅުވި އެވެ.
އިސްތިއުފާ ދެއްވަން ނިންމެވުމާ ބެހޭ ގޮތުން، މަނިކު ވިދާޅުވީ ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯގެ މަގާމަކީ އޭނާގެ ހަޔާތުގައި ލިބިގެން ދިޔަ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި ފުރުއްވި އެންމެ މުހިއްމު މަގާމު ކަމުގަ އެވެ.
"ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ވިޔަފާރިތައް އިތުރުވަމުން އަންނަ މިންވަރަށް ބަލާލާއިރު، ސްޓްކް އެކްސްޗޭންޖެއްގެ ދައުރު ވަރަށް ބޮޑު. އަދި މި ދާއިރާ ހަރުދަނާކުރުމަށް އޮތް ޖާގަ ވެސް ބޮޑު. މާލީ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް އެބޭފުޅުންގެ ހުނަރާއި، ކްރިއޭޓިވިޓީ އަދި ޓެކްނިކަލް ނޮލެޖް ތަންފީޒުކުރުމަށް ސްޓޮކް އެކްސްޗޭންޖުންލިބިގެންދާނެ،" މަނިކު ވިދާޅުވި އެވެ.
ހަސަން މަނިކު އިސްތިއުފާ ދެއްވުމާ އެކު އެ މަގާމަށް ކުރިމަތިލެއްވުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަކީ 2008 ވަނަ އަހަރު ޕްރައިވެޓް ސެކްޓާ ސްޓޮކް އެކްސްޗޭންޖެއްގެ ގޮތުގައި، ސީއެމްޑީއޭ އިން ލައިސަންސްކޮށްފައިވާ ފަރާތެކެވެ.