ނުފޫޒެއްނެތި މިނިވަން ކަމާ އެކު ކޯޓުތަކުގެ މަސަތްކަތް ކުރުމުށް ފުރުސަތު ދިނުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ގޮވާލައިފި އެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވީ ސަރުކާރުން ދަނީ ކޯޓްތަކަށް ނުފޫޒު ފޯރުވަމުން ކަމަށާއި ހާއްސަކޮށް ސިޔާސީ މީހުންގެ މައްސަލަތައް ވަކިގޮތަކަށް ނިންމުމަށް ބާރު އަޅާ ކަމަށް ތުހުމަތުކުރެއްވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު ބަންޑާރަ ނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވެދެވަޑައިގަތް ކަމަށް އިބޫ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"މިނިވަންކަމާ އެކުގައި ކޯޓުތަކުގެ މަސަތްކަތް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަށް ބަންޑާރަ ނައިބަށާއި ރައިސުލްޖުމްހޫރިއްޔާ އަށާއި އަދި ސަރުކާރަށް އަޅުގަނޑުމެން އިލްތިމާސްކުރަން،" އޭނާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބްގެ އަމަލްތައް ހުރި ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އިބޫ ވިދާޅުވީ މަޖިލީހުން އެ މައްސަލަ ބޭރުކޮށްލީ ގާނޫނާއި ގަވާއިދާ އަދި އުސޫލުތަކާއި ވެސް ހިލާފަށް ކަމަށެވެ.

"މަޖިލީހުގެ ރައީސް ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމެއް އައުމާ ގުޅިގެން ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރީމާ އެ މައްސަލަ ބެލެން ނެތް ކަމަށް ވިދާޅުވެ މައްސަލަ ބޭރުކޮށްލެއްވީ،" ހިންނަވަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލެއްގެ ސަބަބުން ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައެއް ބޭރުކޮށްލަން ޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެ މައްސަލަ ބޭރުކޮށްނުލާ ގަވާއިދަށް ބަދަލު ގެންނަން ޖެހޭ ނަމަ އެކަން ކުރުމަކީ މަޖިލީހުގެ ރައީސްގެ މައްސޫލިއްޔަތެއް ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެފައި ވަނީ، ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި އެއް މެންބަރަކު ދެ ފަހަރު ސޮއިކުރައްވާފައިވާ ކަމަށާއި އަދި އެ މައްސަލަ ބޭރުކޮށްލީ ސުުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން މަޖިލީހުގެ ގަވާއިދަށް ގެންނަން ޖެހޭ ބަދަލެއް ގެނައުމަށް ކަމަށެވެ.