ރަހުމަތްރިކަމުގެ ދަތުރެއްގައި ޗައިނާ ނޭވީގެ ތިން މަނަވަރެއް ރާއްޖެ މިއަދު އަތުވެއްޖެ އެވެ.

މިއަދު ހެނދުނު އައި ތިން މަނަވަރީ، ޗައިނީސް ނޭވީގެ ޗެން ޗަން އާއި، ޖިންގް ޒޫ އަދި ޗައޮ ހޫ އެވެ. އޭގެ ތެރެއިން މިއަދު މާލޭ ކޮމާޝަލް ހާބަރުގައި ބަނދަރު ކޮށްފައި ވަނީ ޗެން ޗަން ނަމަކަށް ކިޔާ މަނަވަރެވެ.

އެ ތިން މަނަވަރަކީ ޗައިނާގެ ރައީސް ޒިން ޖިންގްޕިންގުގެ ސުލްހައިގެ އެންވޯއީގެ ދަށުން މި އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު ފެށި މިޝަން އެއްގައި އުޅޭ ތިން މަނަވަރެވެ. އެ މިޝަންގައި ކުރާ ދަތުރުގައި 23 ގައުމަކަށް ގޮސް، އެ ގައުމުގެ އަސްކަރިއްޔާއާ ގުޅިގެން މެރިޓައިމް ތަމްރީންތައް ހިންގާނެ އެވެ.

ރާއްޖެ މިއަދު އައި ޗައިނާގެ އަސްކަރީ މަނަވަރަށް ކާނަލް މުހައްމަދު އިބްރާހިމް ޒިޔާރަތްކުރެއްވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަސް ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރާ އެ ދަތުރުގައި އެ މަނަވަރުތަކަށް ރާއްޖެ އިން މަރުހަބާ ކިޔާފައި ވަނީ ކޯސްޓްގާޑް ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމާއި ކޯސްޓްގާޑުގެ އިސްވެރިންނެވެ. އޭގެ އިތުރުން ރާއްޖޭގައި އެކި ކަހަލަ ޕްރޮޖެކްޓްތައް ހިންގާ ޗައިނާގެ ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވި އެވެ.

ޕޯޓްގައި ބަނދަރުކުރި މަނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޯސްޓްގާޑް ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ކާބަފައިންގެ ފަރާތުން އައިސްފައިވާ ގުޅުމެއް ކަމަށާއި އެ ގުޅުން ކުރިއަށް ގެންދަން މުހިއްމު ކަމަށެވެ.

ރާއްޖެ މިއަދު އައި ޗައިނާގެ އަސްކަރީ މަނަވަރަށް ކާނަލް މުހައްމަދު އިބްރާހިމް ޒިޔާރަތްކުރެއްވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތިމާވެއްޓަށް އަންނަ ނޭދެވޭ އަސަރުތައް ކަން ފާހަގަކޮށް ކާނަލް އިބްރާހިމް ވިދާޅުވީ، އެކަންތައްތަކުން އަރައި ގަތުމަށް ޗައިނާއާ އެކު އެހެން ގައުމުތަކުން ރާއްޖެއަށް ދެމުންގެންދާ އެއްބާރުލުމުގެ އަގު ވަޒަން ކުރާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ރާއްޖެއަށް ކުރާ ދަތުރުގައި މަނަވަރުގެ ސެއިލަރުންނާ ގުޅިގެން ދިވެހި ސިފައިން ތަމްރީނު ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ އިރު، ގިރިފުށީ ޓްރޭނިން ސެންޓަރަށާއި އެމްއެންޑީއެފްގެ ބައެއް އޭރިއާގެ ހެޑްކްއޯޓަޒްތަކަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެ މިއަދު އައި ޗައިނާގެ އަސްކަރީ މަނަވަރަށް ކާނަލް މުހައްމަދު އިބްރާހިމް ޒިޔާރަތްކުރެއްވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ބައެއް ކުޅިވަރު ހަރަކާތްތައް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.