ތިމާވެށީގެ މައްސަލައަކީ، ބިޔަ ކަނޑުތައް ވަށާލެވިފައިވާ މިކުޑަކުޑަ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މިރާއްޖޭގެ ކަނޑު ތަކާއި ފަރުތައް، އަދި ގޮނޑުދޮށްތަކާއި ރަށުތެރެ ހިމާޔަތްކޮށް ރީތިކޮށް ބެލެހެއްޓުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް މެދުވެރިވެފައިވާ ކަންތައްތަކެވެ. ސަބަބަކީ އާންމުންނަށް، މި ކަމުގެ ނުރައްކާތެރިކަން ރަނގަޅަށް އިހްސާސްކޮށްދެވިފައި ނުވުމެވެ.

ރާއްޖޭގެ ތިމާވެށި ސާފުތާހިރު ކަމާއެކު ރައްކާތެރިކޮށް ބޭއްވުމަށް އެކި ފަރާތްތަކުން ތަފާތު މަސައްކަތްތައް ކުރަމުންދެއެވެ. އެގޮތުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އަކީ، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭން، ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

"އެމްޑަބްލިޔުއެސްސީ ރީސައިކަލްސް"ގައި ބައިވެރިކުރި ހުށަހެޅުމެއް. ތައްޔާރުކޮށްފައި ވަނީ ބޭނުން ނުކޮށް އުކާލާފައިވާ ޕްލާސްޓިކުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތްތަކަކީ ކުންފުނިން ފޯރުކޮށްދޭ މައިގަނޑު ޚިދުމަތްތައް ކަމުގައި ވީނަމަވެސް، ތިމާވެށި ހިމާޔަތްކުރުމަކީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ އެއް ކަންތަކެވެ. "ރިވެތި ރާއްޖެ، މަގޭ ރާއްޖެ" މި ޝިއާރުގެ ދަށުން ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމްޑަބްލިއުއެސްސީން ދަނީ މިހާރުވެސް ގިނަގުނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން، ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އޯގަސްޓް 23-25 އަށް ބޭއްވި "އެމްޑަބްލިޔުއެސްސީ ރީސައިކަލްސްމައުރަޒަކީފާހަގަކޮށްލެވޭ ހަރަކާތެކެވެ.

އެމްޑަބްލިއުއެސްސީ ރިސައިކަލްސް އަކީ، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވި ފަރާތްތަކުން ވަނީ ޕްލާސްޓިކް (ޕްލާސްޓިކް ފުޅި، ޕައިޕް، ޕީވީސީ، ޔޫޕީވީސީ، ޕްލާސްޓިކް ރެޕަރ/ކޮތަޅު، ޝްރިންކް ފިލްމް/ރެޕަރ، ޕޮލިމަރ) ފަދަ ތަކެތި ބޭނުން ކޮށްގެން ތަފާތު އުފެއްދުންތައް ހުށަހަޅައިފައެވެ.

"އެމްޑަބްލިޔުއެސްސީ ރީސައިކަލްސް"ގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލުކުރުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ތިމާވެއްޓަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމްޑަބްލިއުއެސްސީން ބޭއްވި މައުރަޒުގައި ގިނަ ފަރާތްތަކެއް ބައިވެރި ކުރުވުމަށް އަގުބޮޑު ފައިސާގެ އިނާމުތަކެއްވެސް ހުށަހެޅިއެވެ. އެގޮތުން އެ މައުރަޒުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ހުށަހަޅާފައިވާ ޖުމުލަ ފައިސާގެ އަދަދު 820،000 ރުފިޔާއަށް އަރާއިރު މައުރަޒަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަން އެ ކުންފުނިން ފާހަގަކުރެއެވެ.

"އެމްޑަބްލިޔުއެސްސީ ރީސައިކަލްސް"ގައި ބައިވެރިކުރި ހުށަހެޅުމެއް. ތައްޔާރުކޮށްފައި ވަނީ ބޭނުން ނުކޮށް އުކާލާފައިވާ ޕްލާސްޓިކުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

މިވަގުތު ރާއްޖޭގައި ތިއްބެވި މަޝްހޫރު ތިން ފަންނުވެރިން ކަމުގައިވާ އަޙްމަދު ސުވޭބް، އިސްމާއީލް އާސިފް އަދި އަބްދުالله ނަޝާތު ފަނޑިޔާރުކަން ކޮށްދެއްވި "އެމްޑަބްލިޔުއެސްސީ ރީސައިކަލްސް" ގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ދިޔަ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމާއި ހަނދާނީ ލިޔުންވެސް މިހާރު ވަނީ ހަވާލުކޮށްފައެވެ.

"މި މުބާރާތަކީ މިގޮތަށް ބޭއްވިގެންދިޔަ، އެންމެ އަގުހުރި އިނާމުތަކެއް ހުށަހަޅައިގެން ބޭއްވި އެންމެ ބޮޑު އެއް މުބާރާތް. އެންމެނަށް ހުޅުވާލައިގެން މިފަދަ މުބާރާތެއް ބޭއްވުމަށް އެމްޑަބްލިއުއެސްސީ އިން އިސް ނެންގެވީތީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުންފުންޏަށް ތައުރީފްކޮށް ޝުކުރު ދަންނަވަން،" ޖަޖުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވިދާޅުވިއެވެ.

"އެމްޑަބްލިޔުއެސްސީ ރީސައިކަލްސް"ގައި ބައިވެރިކުރި ހުށަހެޅުމެއް. ތައްޔާރުކޮށްފައި ވަނީ ބޭނުން ނުކޮށް އުކާލާފައިވާ ޕްލާސްޓިކުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ، "އެމްޑަބްލިޔުއެސްސީ ރީސައިކަލްސް" އަކީ ހަމައެކަނި ބޭނުން ކުރެވިފައިވާ ޕްލާސްޓިކަށް ހާއްސަކުރެވިގެން ރާއްޖޭގައި ބޭއްވި ފުރަތަމަ މައުރަޒެވެ.

ކެޓަގަރީ "އޭ" ޚާއްސަކުރީ ވަކިވަކި ފަރުދުންގެ ގޮތުގައި ބައިވެރިވުމަށެވެ. އެގޮތުން މި ކެޓަގަރީގައި ހިމެނުނީ (17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީގެ ބޭފުޅުން)، ސްކޫލް އަދި ކުންފުނިތައް (ސަރުކާރު އަދި ސަރުކާރު ޙިއްސާވާ ކުންފުނި، އަމިއްލަ ކުންފުނި، އެންޖީއޯ އަދި ރިސޯޓްސް) އެވެ. އަދި ކެޓަގަރީ "ބީ" އަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ޚާއްސަ ކެޓަގަރީއެވެ. ހަތް ބަޔަކަށް ބަހާލާފައިވާ މި ކެޓަގަރީގައި، ފެނުމުގެ ނުކުޅެދުންތެރިކަން، އިވުމުގެ ނުކުޅެދުންތެރިކަން، ދަސްކުރުމުގެ ނުކުޅެދުންތެރިކަން، ޑައުން ސިން ޑްރޯމް، އޯޓިސްޓިކް އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިވެރިވިއެވެ.

"އެމްޑަބްލިޔުއެސްސީ ރީސައިކަލްސް"ގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލުކުރުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

"އެމްޑަބްލިއުއެސްސީ ރިސައިކަލްސް" މައުރަޒުގެ ނަތީޖާ އިއުލާން ކުރުމަށް ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ ރިސައިކަލް ކުރުމަށްޓަކައި އަދިވެސް ވަރަށް ބޮޑަށް އާންމުން ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށާއި އަދި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރަން ޖެހޭ ކަމަށެވެ. އަދި އެމްޑަބްލިއުއެސްސީއިން ރައްޔިތުން ހޭލުންތެރި ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރިއައް ގެންދާނެކަމެވެ.

"ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން އުފައްދާ ކޮންމެ ބޮޓަލްއެއް އަނބުރާ ރައްދުކޮށްފިއްޔާ އޭގެ ހައްގު އަގެއް އެ ފަރާތަށް އަޅުގަނޑުމެން އަދާކުރާނަން. ފެންފުޅި ރިސައިކަލް ކުރުމުގެ އެވެއަރނެސް އަޅުގަނޑުމެން އެބަ ޖެހޭ އިތުރުކުރަން،" ފަޒުލް ވިދާޅުވި އެވެ.

"އެމްޑަބްލިޔުއެސްސީ ރީސައިކަލްސް"ގައި ބައިވެރިކުރި ހުށަހެޅުމެއް. ތައްޔާރުކޮށްފައި ވަނީ ބޭނުން ނުކޮށް އުކާލާފައިވާ ޕްލާސްޓިކުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވުނު މި މައުރަޒަށް، ސްކޫލް ތަކުންނާއި އާމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުމަކީ އެމްޑަބްލިއުއެސްސީއިން ވަރަށް ބޮޑަށް އުފާކުރާ ކަމެކެވެ. ހަމައެއާއެކު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ކެޓަގަރީތަކެއް ހިމެނިގެން ކުރިއަށް ގެންދެވުނު މި މައުރަޒުން އެ ފަރާތްތަކުގެ އެއްބާރުލުމާއި ހުނަރުވެރިކަން ފެނިގެން ދިޔަކަން ފަހުރުވެރިކަމާއެކު އެ ކުންފުނިން ފާހަގަކުރެއެވެ.

"އެމްޑަބްލިޔުއެސްސީ ރީސައިކަލްސް"ގެ ފަނޑިޔާރުކަން ކުރެއްވި ނަޝާތަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ

"އެމްޑަބްލިއުއެސްސީ ރިސައިކަލްސް" އަދި މި ނިމުނީކީ ނޫނެވެ. މިފަދަ އެހެން މައުރަޒެއް އަންނަ އަހަރު ވެސް ބޭއްވުމަށް އެ ކުންފުނިން ދަނީ މިހާރުން ފެށިގެން ވެސް ތައްޔާރުވަމުން ކަމަށް ރާއްޖޭގައި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަވެފައިވާ ކުންފުނިން ބުނެއެވެ.