އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސާ އަދި ޖެންޑަ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހަތް މަސް ފަހުން ދޫކޮށްލާފި އެވެ.

ޝިދާތާ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ 211 ދުވަސް ވަންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. ވޭތުވެދިޔަ ހަތް މަސް ޝިދާތާ ސިފަކުރައްވާފައި ވަނީ ރާއްޖޭގައި ބަންދުކޮށްފައި ބެހެއްޓި ގޮތަށެވެ.

"...މިމުއްދަތުގެ ތެރޭގައި އެއްވެސް އަސާސެއް ނެތި ވަނީ ގައުމުގައި ބަންދުކޮށްފައި،" ޝިދާތާގެ ޓުވީޓްގައި ވިދާޅުވި އެވެ.

ޝީދާތާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ސިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އިން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އެދުމަށް ކަމަށެވެ.

އެނގިފައިފާ ގޮތުގައި ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގަ އެވެ. ނަމަވެސް އެ މައްސަލާގައި ސިދާތާގެ މައްޗަށް ދައުވާކޮށްފައެއް ނުވެ އެވެ.

އިބްތިހާލަށް އަނިޔާކުރިކަން ޖެންޑާ މިނިސްޓްރީ އަށް ބަޔަކު ހުށަހެޅުމުން އެ މައްސަލަ އެ މިނިސްޓްރީ އިން ބެލި އެވެ. ހިއުމަންރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ އިބްތިހާލު ސަލާމަތް ކުރުމުގައި ޖެންޑާ މިނިސްޓްރީ އިން އިހުމާލުވެފައިވާ ކަމަށެވެ.