27 Aug 2017, 12:24
ކ. އަތޮޅު ގުރައިދޫ ފަޅު ތެރޭގައި އޮތް ސަފާރީ އަކަށް އަރައި ބަޔަކު މާރާމާރީ ހިންގައިފި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮަތުގައި އެހާދިޘާ ހިނގީ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ.
ސަފާރީން ސަން އާ ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ އިރު އޮއްސުނު އިރު ބަޔަކު ގުޅާ ރާފުޅިއެއް ދިނުމަށް ސަފާރީގެ ކައްޕި ކިބައިން އެދުނު ކަމަށެވެ. އެކަމަށް ކައްޕި އިންކާރު ކުރުމުން އޭގެ އިރުކޮޅެއް ފަހުން ޑިންގީއެއްގައި ބަޔަކު އައިސް ސަފާރީ އަށް އަރަން މަސައްކަތް ކުރި ކަމަށެވެ.
ސަފާރި އަށް އަރަން ތިން މީހުން މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް ސަފާރީގެ ފަޅުވެރިން މަސައްކަތް ކުރުމުން މާރާމާރީ ހިންގައި ބައެއް ފަޅުވެރިންނަށް ހަމަލާދީފައިވާ ކަމަށް ވެސް މަންޒަރު ދުއް މީހަކު ވަނީ ކިޔައިދީފަ އެވެ.
އެ ތިން މީހުން ސަފާރީއަށް އަރަން އުޅުނު ވަގުތަކީ ސަފާރީގައި ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް ތިބި ވަގުތެއް ކަމަށާއި އެމީހުންގެ އެ އަމަލުގެ ސަބަބުން ފަތުރުވެރިންނަށް ބޮޑު ބިރުވެރިކަމެއް ކުރިމތިވެފައިވާ ކަމަށް އެ ސަފާރިން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީޑއާ އޮފިސަރު ވިދާޅުވީ އެފަދަ މައްސަލައަކާ ގުޅިގެން ރޭ 8 ޖަހާއެހާކަންހާއިރު ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށާއި އަދި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.