އިކޮނޮމިކް މިނިސްޓްރީ އާއި އޫއެންޑީޕީ އަދި ޓެޗްސްޓާ ގުޅިގެން ޒުވާން ވިޔަފާރިވެރިން ތަމްރީނުކުރާނެ ބަޔަކު އުފެއްދުމަށް ޓްރެއިނިން އޮފް ޓްރެއިނާސްގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

ތިރީސް ފަސް ކޮމިއުނިޓީ ލީޑަރުންނާއެކު ދެ ދުވަހުގެ މުއްދަތަށް ސޯލްޓް ކެފޭ ކޮންފަރެންސް ރޫމްގައި ކުރިޔަށް ގެންދާ އެ ތަމްރީން ޕްރޮގްރާމަކީ ޓެޗްސްޓާ ފަދަ ބައިނަލް އަގުވާމީ ޖަމްއިއްޔާއަކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އިން ބާއްވާ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮންޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، އެ ތަމްރީން ޕްރޮގްރާމަކީ ޒުވާނުން ތަމްރީނުކުރުމުގައި ރާއްޖޭގެ އެކި ހިސާބުތަކުން ޓްރެއިނަރުން ގެނެސް އެމީހުން ތަމްރީން ކުރުމަށް ހިންގަމުންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ތަފާތު ވިޔަފާރިތައް ފެށުމަށް ބާރުއެޅުވުުން ކަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސް ވިދާޅުވިއެވެ.

އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައިވާ މިނިސްޓްރީގެ ވިޔަފާރި މަރުކަޒުތަކުން ކުރިއަށްއޮތްތަނުގައި "ސްޓާޓަޕް ވީކެންޑް"ގެ ނަމުގައި ގިނަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދަން ހަމަޖެހިފަވާކަމަށް ވެސް މަރިޔަމް ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމްތަކުގެ ސަބަބުން ގިނަ ބަޔަކަށް ރާއްޖޭގެ ވިޔަފާރީގެ މައިދާނުގައި ބައިވެރިވާނެގޮތާއި އެ އިރަކު އާންމުން އެންމެ ބޭނުންވާ ޚިދުމަތްތަކާއި މުދާތައް ފޯރުކޮށްދިނުމަށް ފަށާނެ ވިޔަފާރިތަކަކީ ކޮބައިކަން އެނގިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޓެޗްސަޓާ ކަހަލަ ފަރާތްތަކަކީ ޒުވާނުންގެ ހުންނަ ތަފާތު ޚިޔާލުތައް ކުރިޔަށް ގެންދާނެ ގޮތް އޮޅުންފިލުވައިދީ ދެން އެ ވިޔަފާރި ފެއްޓުމަށްފަހު އާންމުންނާ ހަމައަށް ގޮސް ފައިސާ ހޯދައިގެން ކުންފުންޏަކުން އެ ކުރާ ވިޔަފާރިއެއް ކުރިއެރުވުމަށް ކަނޑައްތު ކުރަންޖެހޭނެ މަރުހަލާތަކާ ބެހޭގޮތުން މައުލޫމާތު ދިނުން މީގެ މައިގަނޑު މަގްސަދަކީ،" މަރިޔަމް ވިދާޅުވިއެވެ.

ޓެޗްސްޓާ އަކީ 2006 ވަނަ އަހަރުން ފެށިގެން ވިޔަފާރިވެރިން އުފައްދައި ތަމްރީން ކުރަމުން އަންނަ ބައިނަލް އަގުވާމީ ޖަމްއިއްޔާއެކެވެ.