27 Aug 2017, 11:59
ދިއްލީ (އޮގަސްޓް 27): އިންޑިއާ، ނޭޕާލް އަދި ބަނގުލަދޭޝްއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ގައުމުތަކުން މަރުވި މީހުންގެ އަދަދު 1،200 އަށް އަރައިފި އެވެ.
އިންޑިއާގައި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސްޓޭޓް ކަމަށްވާ ބިހާރުގެ އޮފިޝަލުން ބުނި ގޮތުގައި ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެސްޓޭޓުން 379 މީހަކު މަރުވެފައިވެ އެވެ. އަދި އެތައް ހާސް މީހުންގެ ގެދޮރު ހަލާކުވުމުގެ ސަބަބުން އެމީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.
ބިހާރުގެ އިތުރުން ވިއްސާރައިގެ ސަބަބުން ފެންބޮޑުވި އުއްތަރަ ޕްރަދޭޝް އިން 88 މީހަކު މަރުވެފައިވާ އިރު، އިންޑިއާގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފާއިތުވި މަސް ތެރޭގައި އެގައުމުގެ ހަ ސްޓޭޓަކުން މަރުވި މީހުންގެ އަދަދު 850 އަށް އަރަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބިހާރުގެ ފެންބޮޑުވެފައިވާ ސަރަހައްދު މަތިންދާބޯޓަކުން ބައްލަވާލައްވައި، އެގައުމުގައި ތިބި ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް 78 މިލިއަން ޑޮލަރުގެ ފަންޑެއް އިއުލާން ކުރައްވައިފަ އެވެ.
މީގެ އިތުރުން، ނޭޕާލް އަދި ބަންގުލަދޭޝްއަށް އެހީ ފޯރުކޮށްދެމުންދާ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ބުނި ގޮތުގައި ވިއްސާރައިގެ ސަބަބުން ނޭޕާލް އިން 150 މީހަކު މަރުވެ، 90،000 ގެ ހަލާކުވެފައިވެ އެވެ. އަދި ބިން ތިރި ގައުމެއްކަމަށްވާ ބަންގުލަދޭޝްގެ ތިން ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއް ފެނު އަޑީގައިވާ އިރު، އޭގެ ސަބަބުން 134 މީހަކު މަރުވެފައިވާ ކަމަށް އެހީ ފޯރުކޮށްދޭ ޖަމްއިއްޔާތަކުން ބުންޏެވެ. (އަލްޖަޒީރާ)