މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ 25 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ހަ ވަނަ މެޗު ކިންގްސް ބީސީ އިން ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ހަ ވަނަ މެޗު ކިންގްސް ބީސީ އިއްޔެ ކާމިޔާބު ކޮށްފައި ވަނީ ސްޓިންގާސް ބީސީ އާ ވާދަކޮށް 54-105 ޕޮއިންޓުންނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކިންގްސް ބީސީ އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ހިސާމް ދާއޫދެވެ. އޭނާ ވަނީ އެ ޓީމަށް 19 ޕޮއިންޓް ހޯދައިދީފަ އެވެ. ސްޓިންގާސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެ ޓީމަށް 13 ޕޮއިންޓް ހޯދައިދިން ޝައުފް އިންތާޒު މުހައްމަދެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގެ ތިންވަނަ މެޗުގައި ވާދަ ކޮށްފައި ވަނީ ސައިކްލޯން ބީސީ އާއި ޓީރެކްސް ސްޕޯޓްސް އެކަޑެމީ އެވެ. އެ މެޗު 08-108 ޕޮއިންޓުން ކާމިޔާބު ކޮށްފައި ވަނީ ސައިކްލޯން ބީސީ އެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ސައިކްލޯން ބީސީ އަށް 15 ޕޮއިންޓު ހޯދައިދިން ފާތިމަތު ރިޝްމާ އެވެ.

އެ މުބާރާތުގައި މިއަދު އަންހެން ޑިވިޝަންގެ މެޗަކާއި ފިރިހެން ޑިވިޝަންގެ މެޗެއް ކުރިއަށްދާނެ އެވެ. މިއަދު ހަވީރު 4:30ގައި ކުޅޭ އަންހެން ޑިވިޝަންގެ މެޗުގައި ބައްދަލު ކުރާނީ ޓައިޓަންސް އެފްސީ އާއި ރައިވެރިޔާ އެވެ. އަދި މިރޭ 8:30ގައި ކުޅޭ ފިރިހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރާނީ އެލްކިއު ސްޕޯޓްސް އާއި ދަ ބޮވްސް އެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަން ވެސް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފިރިހެން ޑިވިޝަންގެ ގްރޫޕް އެކެއްގައި ހިމެނެނީ ކިންގްސް ބީސީއާއި ރެޕްޓާސް ބީސީއާއި ސްޓިންގާސް ބީސީ އަދި ރެޑްވިންގްސް ބީސީ އެވެ. އެ ޑިވިޝަންގެ ގްރޫޕް ދޭއްގައި ހިމެނެނީ ޓީރެކްސް ބީސީއާއި އެލްކިޔު ސްޕޯޓްސްއާއި ކްލަބު އެޗްޑީސީ އަދި ދަ ބައުސް އެވެ.

އަންހެން ޑިވިޝަންގެ ގްރޫޕް އެކެއްގައި ހިމެނެނީ ޓައިޓަންސް އެސްސީއާއި ރެޑްވިންގްސް ބީސީއާއި ރައިވެރިޔާ އަދި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އެވެ. އެ ޑިވިޝަންގެ ގްރޫޕް ދޭއްގައި ހިމެނެނީ ސައިކްލޯން ބީސީއާއި ޔޫތު އެސްސީ އަދި ޓީރެކްސް ސްޕޯޓްސް އެކަޑަމީ (ޓީއެސްއޭ) އެވެ.