27 Aug 2017, 10:37
ސްޕެނިޝް ލަލީގާގައި ރޭ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗު 0-2ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފި އެވެ.
އަލަވޭސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ބާސާ އަށް ލީޑު ނަގާނެ ރަނުގެ ފުރުސަތެއް ވަނީ ލިބިފަ އެވެ. މެޗުގެ 39 ވަނަ މިނެޓްގައި ބާސާގެ ލޮއިނަލް މެސީ ފޮނުވާލި ޕެނަލްޓީ ވަނީ އަލްވޭސްގެ ކީޕަރު ދިފާއު ކޮށްފަ އެވެ.
ފުރަތަމަ ހާފު 0-0ގެ ނަތީޖާ އަކުން ނިމުނު އިރު، ދެވަނަ ހާފްގެ ކުރީކޮޅު މެސީ ވަނީ ސްޕެނިޝް ލީގުގައި މެސީ ކާމިޔާބުކުރި 350 ވަނަ ގޯލާ އެކު ބާސާ އަށް ްލީޑު ނަގައި ދީފަ އެވެ. އަދި މެޗުގެ 66 ވަނަ މިނެޓްގައި މެސީ ވަނީ އިތުރު ގޯލެއް ޖަހައި ބާސާގެ ލީޑު ފުޅާ ކޮށްފަ އެވެ.
މީގެ އިތުރުން މެސީ އަށް ވަނީ މެޗުގައި ހެޓްރިކް ހެދުމަށް ލިބުނި ރަނގަޅު ފުރުސަތެއް ބޭކާރު ކޮށްލައިފަ އެވެ.
މިއީ ލީގުގައި ބާސާއިން ކުޅުނު ދެވަނަ މެޗަށްވާ އިރު، ފުރަތަމަ މެޗު ވެސް އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 0-2 ގެ ނަތީޖާ އަކުންނެވެ.
ސްޕެނިޝް ލަލީގާ ގައި ރޭ އެތްލެޓިކޯ މެޑްރިޑް ވެސް ވަނީ ލަސް ޕަލްމަސްއާ ބައްދަލުކޮށް 1-5ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ.