ކޮކްސް ބާޒާރު (އޮގަސްޓް 27) :މިޔަންމާގެ ބައިމަދު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ދޭ ހަމަލާތަކަށް ކެތް ނުކުރެވިގެން ރެފިއުޖީންގެ ގޮތުގައިއަވަށްޓެރި ބަންގްލަދޭޝް އަށް ދާމީހުން ސަރަހައްދީ ރޮނގު ހުރަސްކޮށް ވަނުން ބަންގްލަދޭޝް ސަރުކާރުން މަނާކޮށްފި އެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގެ ވެރިޔާގެ ނައިބު މުހައްމަދު އަލީ ޙުސައިން ވިދާޅުވީ ރޮހިންޔާ ދަރިކޮޅުގެ އަންހެނުންނާ ކުޑަކުދިން ހިމެނޭ ގޮތަށް ހާހަކަށް ވުރެ ގިނަމީހުން ކޮކްސް ބާޒާރު ކައިރީގައިވާ އެގައުމުގެ ސަރަހައްދީ ރޮނގުގެ ކައިރިއަށްޖަމާވެ އެބަތިބި ކަމަށާ އެމީހުން ބަންގަލަދޭޝް އަށް ނުވައްދާނެ ކަމާއި އެމީހުންނަށް އޮތީ އެނބުރި މިޔަންމާއަށް އަލުން ދިޔުންކަން އަންގާފައިވާނެ ކަމުގައެވެ.

މިޔަންމާއިން ލިބޭ ޚަބަރުތައް ބުނާގޮތުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންގައި ސަތޭކައަށްވުރެ ގިނަ ރޮހިންޔާ މުސްލިމުންވަނީ މަރާލާފަ އެވެ. އަދި އެތަށްބަޔަކުވަނީ ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފަ އެވެ.

މިޔަންނާގެ ސަލާމަތީ ބާރުތައް ބުނާގޮތުން މިއޮޕަރޭޝަން ކުރިޔަށް ގެންދަނީ ރޮހިންޔާ މުސްލިމުންގެ ހައްގުތައް ހޯދުމަށް ދާދިފަހުން އުފެއްދި ޖަމާއަތަކާ ދެކޮޅަށެވެ. އެޖަމާއަތަކީ އާދައިގެ ބަޑިއާއި ވަޅި ފަދަ ތަކެތިން ހަތިޔާރުއަޅައިގެން ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ޚާއްސަކޮށް އަންހެނުން ރޭޕްކުރާތީ އަންހެނުންގެ ދިފާއުގައި އެކަމާ ކުރިމަތިލުމަށް ރޮހިންޔާ ޒުވާނުން ގުޅިގެން އުފައްދާފައިވާ ކުޑަ ޖަމާއަތެކެވެ.

އެޖަމާއަތާ ދެކޮޅަށް ކަމަށްބުނެ މިޔަންމާގެ ސިފައިންނާއި ފުލުހުން ހިންގާ އަމަނާބެހޭ އޮޕަރޭޝަންގައި އެޖަމާއަތުގެ ހަނގުރާމަވެރިއެއް ނޫނީ ރޮހިންގާގެ އާންމުންގެ މީހަކަށް ބެލުމެއްނެތީ ގެންދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން މިޔަމްނާގެ ސިފައިން ގެންދަނީ ރޮހިންޔާ މުސްލިމް އާއިލާތައް ދިރިއުޅޭ ފޭލިގެތަކާއި ފަނުން ހަދާފައިވާ ޖިފުޓިތަކަށް ވެސް ހަމަލާދެމުންނެވެ. އެތަންތަނަށް ހަމަލާދީ ހުޅުޖެހުމުގައި ހަރުކަށި ބުޑިސްޓުންވެސް ބައިވެރިވާ ކަމަށްވެއެވެ.

ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވި ރޮހިންޔާ ރެފިއުޖީން ބުނގޮތުން މިޔަންމާގެ ސަލާމަތީ ބާރުތަކުން ދަނީ ރޮހިންޔާ މުސްލިމުންނަށް ހަމަލާދީ އެމީހުންނަށް އަނިޔާކޮށް، އަންހެނުން ރޭޕްކޮށް، ވަކި މީހަކަށް ބެލުމެއް ނެތި މީހުން މަރަމުންނެވެ.

ނަމަވެސް އެ އަނިޔާތަކުން ސަލާމަތްވުމަށް ޓަކައި އިތުރު ގޮތެއް ނެތިގެން ބަންގުލަދޭޝަށް ފިލަން ދާ ރެފިއުޖީންނަށް ރައްކާތެރިކަން ނުދެވޭނެކަމަށް ވިދާޅުވެ ބަންގްލަދޭޝްގެ އެތަށް މަސްއޫލުވެރިނެއް ވަނީ ހަރުކަށި ގޮތަކަށް ބަޔާންތައް ދެއްވާފަ އެވެ. އަދި ރޮހިންޔާ ރެފިއުޖީ މުސްލިމުން ސަރަހައްދީ ރޮނގު ހުރަސްކޮށް އެތެރެއަށް ވަދެފާނެތީ ބަންގްލަދޭޝް ސަރުކާރުންވަނީ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް ސަރަހައްދީ ރޮނގު ހުރަސް ނުކުރެވޭ ފެންވަރަށް އެސަރަހައްދު ބަލަހައްޓަން ފަށައިފަ އެވެ. ސަރަހައްދީ ރޮނގުގައި ތާށިވެފައިވާ ރޮހިންގާ ރެފިއުޖީން ތިބީ ކާނެ އެއްޗެއް އަދި ބޯނެ އެއްޗެއް އަދި ހިޔާވަކިކަމެއް ވެސް ނެތިކަމަށާ އެމީހުން ފައިމަގުގައި އެތަށް ކިލޯ މީޓަރަކަށް ހިނގާފައި އައުމުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

މިޔަންމާ ސަރުކާރުގެ ސިޔާސީ އެންމެ އިސް ލީޑަރު ކަމަށްވާ ޚާރިޖީ ވަޒީރު އަދި ކުރީގެ އިދިކޮޅު ލީޑަރު އަންގް ސަންގް ސޫޗީ ވެސް ވަނީ ރޮހިންގްޔާ މުސްލިމުންގެ އިންސާނީ ހައްގުތަކުގެ މައްސަލައަށް އަޅާނުލައްވައި ދޫކޮށްލައްވާފަ އެވެ. އަންގް ސަންގް ސޫޗީއަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާތީ ދުނިޔޭގެ ސުލްހައިގެ ނޯބަލް އިނާމު ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މިޔަންމާގެ ސަރުކާރުންވަނީ ބައިމަދު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް އެދި އދ. ން ހުށަހެޅި ހުށަހެޅުންތަކަށް ވެސް ދެކޮޅު ހަދައިފަ އެވެ. އަދި ރޮހިންޔާ މުސްލިމުންނަކީ ބަންގްލަދޭޝް އިން ކުރީ ޒަމާނުގައި ހިޖްރަކުރި ބައެއްކަމަށްބުނެ އެމީހުންނަށް މިޔަންމާގެ ރައްޔިތުކަން ދިނުމަށް ވެސް މިޔަންމާ ސަރުކާރުންވަނީ ދެކޮޅު ހަދައިފަ އެވެ. (ނޫސްއެޖެންސީތައް)