ލޯކަލް ގަވަންމަންޓް އޮތޯރިޓީ )އެލްޖީއޭ( ގެ މެންބަރު ކަމުން މާލޭ ސިޓީގެ ކައުންސިލްގެ މެންބަރު އަދި މާލޭގެ މޭޔަރު، މައިޒާން އަލިމަނިކު )މައިޒާން އަލިބެ( އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ފަލާހު އިންތިހާބްކޮށްފި އެވެ.

އެލްޖީއޭ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ އޮތޯރިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލިބެ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް އިންތިހާބްވެވަޑައިގަތުމާ ގުޅިގެން އެލްޖީއޭ އިން އިސްތިއުފާދެއްވައިފައިވާ ކަމުގެ ސިޓީ އެ އޮތޯރިޓީއަށް އިއްޔެ ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އެމަގާމަށް އެހެން މީހަކު އިންތިހާބު ކުރެއްވިކަން އަދި އޮތޯރިޓީއަށް ކައުންސިލުން އަންގާފައި ނުވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ އެލްޖީއޭއަށް ފަލާހު އިންތިހާބްކޮށްފައި ވަނީ އިއްޔެ އެކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ މަސައްކަތް ވިލަރެސް ކުރަން އުފައްދާފައިވާ އެލްޖީއޭގައި އަށް މެންބަރުން ހިމެނިވަޑައިގަންނަވާއިރު މަދަނީ ޖަމިއްޔާތަކުން އެބޯޑަށް އިންތިހާބު ކުރަންޖެހޭ މެންބަރު ނޫން އެހެން ހުރިހާ މެންބަރުން ވަނީ އިންތިހާބްކޮށް ނިމިފަ އެވެ.