މެންޗެސްޓާ ޔުނައިޓަޑްގެ ކުޅުންތެރިންނާ މެދު ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށާއި، އިއްޔެ ލެސްޓާ ސިޓީއާ ދެކޮޅަށް ދެއްކި ކުޅުމަށް ތައުރީފުކުރާ ކަމަށް ޔުނައިޓަޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އިއްޔެ ކުޅުނު މެޗުގައި ޔުނައިޓަޑުން ލެސްޓާގެ މައްޗަށް 0-2ގެ ނަތީޖާއަކުން ކުރި ހޯދާފައި ވާއިރު، މި މެޗުގައި ޔުނައިޓަޑުގެ ފުރަތަމަ ގޯލު ފެނިގެން ގޮސްފައި ވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ޒުވާން ތަރި މާކަސް ރަޝްފޯޑެވެ. ދެވަނަ ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މަރުއާނޭ ފެލައިނީ އެވެ.

މި މޮޅާއެކު ތިން މެޗުން ފުރިހަމަ ނުވަ ޕޮއިންޓުން ޔުނައިޓަޑު ޕްރިމިއަރ ލީގު ތާވަލުގެ އެއް ވަނައިގަ އޮތް އިރު، މޮރީނިއޯ ބުނީ އޭނާގެ ޓީމުން ދެއްކި ކުޅުމާއި ޕާފޯމެންސާ ދޭތެރޭ ހިތް ހަމަ ޖެހޭ ކަމަށާއި، މިދިޔަ ސީޒަނަށް ވުރެ ޓީމުގެ ކުޅުން ރަނގަޅު ވެފައިވާ ކަމަށެވެ.

"ޓީމުގެ ކުޅުން ވަރަށް ރަނގަޅު. އަހަރެންނަށް ޓީމާ ދޭތެރޭ ފުރިހަމަ އިތުބާރު އެބައޮތް، ގިނަ ޕާސްތަކެއް ޖަހައި ކައުންޓާ އެޓޭކުގައި ޓީމު ވަރަށް ނުރައްކާ،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ މެޗު ވަރަށް އުނދަގޫ ކަމަށާއި ލެސްޓާގެ ޑިފެންސް ވަރަށް ވަރުގަދަ ކަމަށެވެ. އެހެންކަމުން ޓީމުން ޖެހުނީ ވަރަށް ކެތްތެރި ކަމާއެކު ކުޅެ އެ މީހުންގެ ޑިފެންސް ފޫއަޅުވާލަން ކަމަށް އޭނާ ބުންޏެވެ.

"ފުރަތަމަ ތިން މެޗުން ނުވަ ޕޮއިންޓު ހޯދުމަކީ އާ ކަމެއް ނޫން. މިދިޔަ ސީޒަނުގައި ވެސް އަހަރެން އެކަން ކުރިން. މީގަ ތަފާތަކީ ޓީމުގެ ޕާފޯމެންސް، ފުޓުބޯޅައިގެ ކޮލިޓީ މިފަހަރު ވަރަށް ވެސް ތަފާތު، ރަނގަޅަށް ކުޅެ މޮޅު ނުވި ނަމަވެސް އަހަރެން ހިތްހަމަޖެހޭނެ،" މޮރީނިއޯ ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ޔުނައިޓެޑް މޮޅުވެފައިވާއިރު އެޓީމު ކޮޅަށް އަދި ގޯލެއް ވަދެފައިނުވާކަން ފާހަގަކޮށްލެވެއެވެ.