27 Aug 2017, 09:09
ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސް އެނބުރި ދިޔަ ފަހުން ގިނަ ދުވަސްތަކެއް ވެފައިވީނަމަވެސް އަދިވެސް ރާއްޖެ ހަނދާން ވާކަމަށް އޭނާ ބުނެފި އެވެ.
ސޮނާކްޝީ ރާއްޖެ އައިސްފައި ވަނީ މީގެ ހަ ވަރަކަށް މަސް ކުރިންނެވެ. ހަފްތާއެއްހާ ދުވަހަށް އޭނާ ޗުއްޓީ ހޭދަކޮށްފައި ވަނީ ކޮކޯ ބޮޑު ހިތި ރިސޯޓުގައެވެ.
ރާއްޖެ އައިސް މޫދު ކުޅިވަރުތަކުގައި ބައިވެރިވުމަށް ފަހު ސޮނާކްޝީ އެނބުރި އިންޑިއާ އަށް ދިޔައީ މީހާ އެއްކޮށް "ރީޗާޖް" ކޮށްލައިގެންނެވެ.
ނަމަވެސް އިއްޔެ ސޮނާކްޝީ ވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައެވެ. ދޯންޏެއްގެ ދިރުބާކޮޅުގައި އޮއްސެމުން ދިޔަ އިރާއި އެކު ނަގާފައިވާ ފޮޓޯ އާއެކު ރާއްޖެ ހަނދާން ވާކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ.
ސޮނާކްޝީ ބުނަނީ އޭނާ އަކީ މޫދާއި ގޮނޑުދޮށަށް ވަރު ހުންނަ "ވޯޓާ ބޭބީ" އެއް ކަމަށެވެ. އެހެން ކަމުން ރާއްޖެ އަކީ އޭނާ އަށް ދުނިޔެމަތީގައި ލިބޭ ސުވަރުގެ އެކެވެ. ރާއްޖެ އަކީ ސޮނާކްޝީ އަށް އެންމެ ކަމުދާ މަންޒިލެވެ.