ސ. ހުޅުމީދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި އޮތް އަންހެން ކުއްޖަކަށް ބަޔަކު ރޭ ބިރުދައްކައި ގޯނާ ކުރަން މަސައްކަތް ކޮށްފި އެވެ.

ފުލުހުން ބުނީ އެ ރިޕޯޓް ލިބުމާ ގުޅިގެން އަންހެންކުއްޖާއަށް ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެނޫން އެއްވެސް މައުލޫމާތެއް ނުދެ އެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ފަތުހުﷲ ނަސީރު މިއަދު ވިދާޅުވީ ހުޅުދޫ އަށް ނިސްބަތްވާ ތިން މީހަކު، އަންހެން ކުއްޖާ އޮތް ވޯޑު ތެރެއަށް ރޭ މެންދަމު 2:00 ޖަހާކަންހާއިރު ވަދެ އެ ކުއްޖަކާ ދިމާކޮށް ތަފާތު ގޯނާތައް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ ހާދިސާ ހިނގިއިރު، ކުއްޖާގެ ބެލެނިވެރިޔަކަށް އިން އާއިލާގެ މެންބަރު ހުރީ ހޮސްޕިޓަލުގެ އެހެން ތަނެއްގެ ތެރޭގައި ކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ.

ފަތުހުﷲ ވިދާޅުވީ ހޮސްޕިޓަލަށް ވަދެގަތް މީހުން ދިމާކޮށްލުމުން އެކުއްޖާ ހަޅޭލަވައިގަތް އަޑަށް ނަރުހަކާއި އަންހެން ކުއްޖާގެ އާއިލާގެ މެންބަރު އެތަނަށް ދިއުމުން ވެސް ދިމާކޮށް ހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށެވެ. އެމީހުން ދިމާކޮށް ބިރު ދައްކާފައި ވަނީ ހުން އައިސްގެން އެޑްމިޓް ކުރި، 16 އަހަރުގެ ކުއްޖަކާ އެވެ.
"އެކުއްޖާ ހަޅޭއްލަވަން ފެށީމަ ނަރުސް ކުއްޖާ ވެސް )ކުއްޖާގެ( ދައްތަ ވެސް ދިޔަ. އެމީހުންނާ ދިމާއަށް ވެސް ހަޅޭއްލަވައި ހެދި. އެވަގުތު އެޑްމިޓްކޮށްފައި އޮތް ބަލިމީހެއްގެ ގާތު ހުރި ފުލުހަކު ގޮސް ނަސޭހަތްދީގެން ބޭރުކުރީ،" ފަތުހުﷲ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެމީހުން ހޮސްޕިޓަލުން ބޭރުކުރުމުން ވެސް ދެތިން ފަހަރެއްގެ މަތިން ހޮސްޕިޓަލަށް ވަން ކަމަށާއި ތިން ވަނަ ފަހަރު ވަންނަން އުޅުނީ އިތުރު ބަޔަކުވެސް ގޮވައިގެން ކަމަށެވެ.

ބޭރުގައި ސެކިއުރިޓީން ބައިތިއްބައިގެން ފޯރި މަރާ ސިއްހީ މަރުކަޒަށް ބަޔަކު ވަދެ އަންހެން ކުއްޖާއާ ދިމާކޮށް ބިރު ދައްކާފައި ވަނީ ކީއްވެގެން ކަމެއް ސާފެއް ނުވި އެވެ.