26 Aug 2017, 15:31
ސިފައިންގެ ސްޕެޝިއަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)އާ ބައްދަލު ކުރައްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ދެއްކެވި ވާހަކަތަކުގެ އޯޑިއޯ ލީކުވި މައްސަލައާ ގުޅިގެން ވެސް އަދި އެ ނޫންވެސް މައްސަލައަކާ ގުޅިގެން ސިފައިންގެ މީހަކު ވަޒީފާއިން ވަކިކޮށްފައިނުވާނެ އެމްއެންޑީއެފްއިން ބުނެފިއެވެ.
އާދަމް ޝަރީފު ވާހަކަ ދައްކަވާ އޯޑިއޯއެއް މި މަހުގެ ދެ ވަނަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔައެވެ. އެ އޯޑިއޯގައި ދައްކަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ވާހަކަ އެވެ.
އެކަމާއި ގުޅިގެން އޭރު ބައެއް އެސްޕީޖީގެ އޮފިޝަލުން ސިފައިންގޭގައި ބަންދުކޮށް ފޯނު އަތުލާފައިވާ ކަމަށް ބުނެ ސޯޝިއަލް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ. އަދި މިއަދު ވަނީ އޭގެ ތެރެއިން ސިފައިންގެ މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެއީ ދޮގެއް ކަަމަށާއި އެއްވެސް ސިފައިންގެ މީހަކު ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށެވެ.
" ސިފައިންގެ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައެއް ނުވޭ،" އާޒިމް ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފުގެ އޯޑިއޯގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ސިފައިންނަށް ސިފައިންގެ އިސްވެރިން ގާނޫނާ ހިލާފު ކަމެއް ހިންގަން ނާންގާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ސިފައިންގެ ކެތްތެރިކަމުގެ ވާހަކަ ފާހަގަ ކުރައްވައި އާދަމް ޝަރީފު ވިދާޅުވެފައި ވަނީ 31 ޖުލައި ވީ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގެ އަމަން ބެލެހެއްޓެވުމަށް އޭނާ ވަޑައިގެންނެވި ނަމަ "އެތަނުން މީހެއްގެ ދަތްދޮޅި ދުއްވާލެވުނީސް،" ކަމަށެވެ.
އެ އޯޑިއޯއާ ގުޅިގެން، ޑިފެންސް މިނިސްޓަރު ވަކިއެއްޗެއް އަދި ވިދާޅުވެފައެއް ނުވެ އެވެ. އާދަމް ޝަރީފަށް ގުޅައި، މެސެޖު ކުރެއްވުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.