25 Jul 2011, 13:39
ވިޔަފާރި އަށް ގެއްލުން ނުވާ ގޮތަށް ސަރުކާރުން ބޭނުންވާ އިސްލާހުތައް ބޯޑާ ކޮންޓްރޯލް ސިސްޓަމަށް ގެނެސްގެން އެ މަސައްކަތައިގެން ކުރިއަށްދާން ތައްޔާރަށް އޮތް ކަމަށް ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރަން ހަވާލުކޮށްފައިވާ މެލޭޝިޔާގެ ނެކްސްބިޒް އިން މިއަދު ބުނެފި އެވެ.
ނެކްޒްބިޒްއާ އެކު ވެފައިވާ އެ އެގްރިމެންޓްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަން ]އޭސީސީ[ އިން އެ ޕްރޮޖެކްޓް އަލުން ބިޑުކުރުމަށް އެންގި ނަމަވެސް ސަރުކާރުން މިހާރު ނިންމާފައި ވަނީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓް އިސްލާހުކޮށްގެން "އަލުން" ނެކްސްބިޒާ އެކު ކުރިއަށް ދިޔުމަށެވެ.
އެ ނިންމުމާ ގުޅިގެން ނެކްސް ބިޒް އިން މިއަދު އާންމު ކުރި ދެ ސޮފުހާގެ ނޫސްބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ އެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި ވިޔަފާރި އަށް ގެއްލުންނުވާނެ ގޮތަށް އެއްބަސްވުމުގެ ތެރެއިން ސަރުކާރުން ބޭނުންވާ އިސްލާހުތައް ގެނެވިދާނެ ކަމަށާއި އެކަން މިހާރު ސަރުކާރަށް ވެސް އަންގާފައިވާ ކަމަށެވެ.
"ކެބިނެޓުގެ ނިންމެވުން ވަނީ މި ކުންފުންޏަށް ލިބިފަ އެވެ. ސަރުކާރާ އެކު މިހާރު މި ކުންފުނިން ވެސް އެއްބަސްވެފައި ވާނީ ވިޔަފާރި އަށް ގެއްލުން ނުވާގޮތަށް ބޭނުންވާ އިސްލާހުތަށް ގެނައުމަށެވެ. އަދި ޕްރޮޖެކްޓަށް އިތުރު ބަދަލުތަކެއް ގެންނާނީ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގެ ތެރެއިންނެވެ،" ނެކްސްބިޒްގެ ނޫސްބަޔާނުގައިވެ އެވެ.
ކޮންޓްރޯލާ އޮފް އިމިގުރޭޝަން އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ޕްރޮޖެކްޓުގައި ހުރި ކަންބޮޑުވާ ކަންތައްތައް އިސްލާހުކުރަން ނެކްސް ބިޒް އިން އެއްބަސްނުވެއްޖެ ނަމަ "އެއްބަސްވުން އުވާލުން ނޫން އިތުރު ގޮތެއް ނޯންނާނެ" ކަމަށެވެ.
ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް މީކުރިން މަޑުޖައްސާލަން ޖެހުނު ނަމަވެސް އެ ކުންފުނިން ޕުރޮޖެކްޓަށް ބޭނުންވާ ތަކެތި މިހާރު ރާއްޖެ ގެނެސް ޑިއުޓީ ވެސް ދައްކާފައިވާ ކަމަށް ނެކްސްބިޒް އިން މިއަދު ބުންޏެވެ.
އެ ނޫސްބަޔާނުގައި މީޑިޔާގައި ފެތުރިފައިވާ ތަފާތު ވާހަކަތަކަށް ވެސް ވަނީ ނެކްސްބިޒް އިން ރައްދުދީފަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، އެ ޕްރޮޖެކްޓަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވިފައިވާ ނަމަވެސް، އެމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދިޔަ އިންޓަނޭޝަނަލް ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ފުރިހަމަ ދިރާސާއެއް ކުރުމަށް ފަހު ކަމަށެވެ.
އަދި ކުންފުނިން ބުނީ 39 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓަކީ 20 އަހަރު ދުވަހަށް ބޯޑާ ކޮންޓްރޯލް ސިސްޓަމް ބެލެހެއްޓުމާއި މެއިންޓަނެންސް ހިމެނޭ ގޮތަށް ވެފައިވާ އެއްބަސްވުމަކަށް ވުމުން އެކަމަށް ސަރުކާރުން އިތުރު ހަރަދުތަކެއް ކުރަން ނުޖެހޭނެ ކަމަށާއި ސަރުކާރަށް ވާނީ ފައިދާ ކަމަށެވެ.
"އިތުރަށް ސަރުކާރުން އެކަމަށް ފައިސާ ހަރަދުކުރާކަށް ނުޖެހޭނެ އެވެ. އެހެން ގައުމެއްގެ އެހީތެރިކަމާ އެކު އެކަން ކުރިނަމަވެސް ފަހުން އެ ނިޒާމު ބެލެހެއްޓުމާއި ގެންނަން ޖެހޭ އެހެން ބަދަލުތަށް ގެންނަން ޖެހޭނީ ސަރުކާރުން ހަރަދުކޮށްގެންނެވެ. ނަމަވެސް ނެކްސްބިޒްގެ ނިޒާމުން އެ ހަރަދުތައް ނުކޮށް ރާއްޖޭގެ ބޯޑަރު ބަލެހެއްޓޭނެ ސަލާމަތީ ގޮތުން ވަރުގަދަ ނިޒާމެއް ގާއިމް ކުރެވޭނެ އެވެ. ރާއްޖެ ފަދަ އިންފުލޭޝަނަށް ބޮޑަތި ބަދަލުތަކެއް އަންނަ ގައުމެއްގައި ސަރުކާރުން ހަރަދުތައް ކުރަން ނުޖެހުމުން އިންފުލޭޝަންގެ ބިރުވެރިކަމެއް ވެސް ރާއްޖެ އަކަށް ނެތެވެ." ނެކްޒްބިޒްގެ ބަޔާން ބުނެ އެވެ.
ނެކްސްބިޒްގެ ނިޒާމުގެ ސަބަބުން ރާއްޖެ އަންނަ މީހުންގެ ވިސާ ފައިސާގެ އަގު ބޮޑުވުމަކީ މައްސަލައެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ސަބަބެއްކަމަށް އެ ކުންފުނިން ބުނަނީ ސަރުކާރުން ސީދާ ޕްރޮޖެކްޓަށް ހަރަދެއް ކުރަން ނުޖެހޭތީ ކަމަށާއި ފައިސާ ނަގަނީ އެ ސިސްޓަމް މެދުވެރިކޮށް އެތެރެވާ ބިދޭސީންގެ އަތުން ނަގައި ފީއަކުން ކަމަށްވާތީ އެވެ.
އަދި ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ވިސާގެ ކަންކަން ކުރިއަށްގެންދާ ޔޫރަޕުގެ ބައެއް ގައުމުތަކުގައި އެންޓްރީ ވިސާއަށް 465 ޑޮލަރު ނަގާ ކަމަށާއި އެކަމުން އެއްވެސް ބަޔެއްގެ ޝަކުވާ އެ ގައުމުތަކަށް އަމާޒުވެފައި ނުވާ ކަން ވެސް ނެކްސްބިޒް އިން ފާހަގަކުރެ އެވެ.
"އެގައުމުތަކުގައި ވިސާފީ ދައްކާ ފަރާތްތަކުން ވެސް ތިބެނީ އެމީހުންނަށް ލިބޭ ފެންވަރު ރަނގަޅު އަވަސް ހިދުމަތްތަކާ މެދު ހިތްހަމަޖެހިފަ އެވެ. އެހެންކަމަށް ވުމުން ވިސާފީގެ މައްސަލައަކަށް އެ ގައުމުތަކުގައި ވެސް ވެފައެއް ނެތެވެ. އަދި އެގައުމުތަކުގެ ސަރުކާރުންތަކުން ވެސް އެކަމަށް މައްސަލަތަކެއް ނުޖައްސަ އެވެ،" އެ ބަޔާނުގައިވެ އެވެ.
ޝާހިދު މީގެ ކުރިން ވިދާޅުވެފައި ވަނީ ނެކްސްބިޒް އާ އެކު އެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް އެންމެ އުނދަގޫވަނީ 20 އަހަރަށް ބަހައިލައިގެން އެ ޕްރޮޖެކްޓުގެ އަގުކަމަށްވާ 39 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދެއްކުމަށް ރާއްޖެ އަންނަ އަދި ފުރާ ކޮންމެ ބޭރު މީހެއްގެ އަތުން ދެ ޑޮލަރު ނަގަން ޖެހޭތީ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެދެ ޑޮލަރު ނެގުމަށް އެގްރިމެންޓުގައި ހިމަނާފައި ވަނީ ރައްޔިތުންގެ މަޖިލީހުން އެ ޓެކްސް ފާސްކޮށްގެން ކަމަށް ނުވާތީ އެ މައްސަލަ ވެސް ކުރިމަތިވާ ކަމަށާއި ވޯކް ވިސާ ކާޑު ހައްދާ ކޮންމެ ފަހަރަކު ނެކްސްބިޒް އަށް 15 ޑޮލަރު ދައްކަން ޖެހޭ ގޮތަށް އޮތުމާ މެދު ވެސް ހިތްހަމަނުޖެހޭ ކަމަށެވެ.