26 Aug 2017, 14:50
ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިންގް ޔޫތު (ރަފީ) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ޒުވާނުންނަށް ހާއްސަ، ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށައިފި އެވެ.
ރަފީ ޖަމިއްޔާގެ ފައުންޑަރު އައިޝަތު ރަފިއްޔާ ވިދާޅުވީ ސެނަހިޔާ ހޮސްޕިޓަލުގައި މިއަދު ކުރިއަށްދާ އެ ކޭމްޕަކީ ރަފީ ޖަމިއްޔާ އާއި ސެނަހިޔާ ހޮސްޕިޓަލާ އަދި ނެޝަނަލް ބްލަޑް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ.
މިއަދު ހެނދުނު ނުވައެއް ޖަހާއިރު ކޭމްޕް ފަށާފައިވާއިރު ނިންމާލުމަށް ހަމަ ޖެހިފައިވަނީ މިރޭ އަށެއް ޖަހާއިރު އެވެ.
ރަފީ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ
މިހާތަނަށް އައިއިރު ގިނަ އަދަދެއްގެ ބަޔަކު ލޭ ހަދިޔާކޮށްފައިވާކަން ރަފިއްޔާ ފާހަގަކުރި އެވެ. އަދި އޭގެތެރެއިންވެސް އެންމެ ގިނައީ އަންހެން ކުދިން ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.
ނަމަވެސް ގިނަ އަންހެންކުދިންގެ އެޗްބީ ލެވެލް ދަށްވުމުގެ ސަބަބުން ލޭ ނުނެގޭ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ. އަދި އެއީ އަންހެންކުދިން ވިސްނަން ޖެހޭ ކަމެއް ކަމަށާއި މާދަމާ މަންމައިންނަށް ވާއިރު އެޗްބީ ލެވެލް ރަނގަޅަށް ހުރުމަކީ މުހިންމު ކަމެއް ކަމަށް ރައްފިއްޔާ ވިދާޅުވި އެވެ.
ރަފީ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ
އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި އަންހެންކުދިން ލޭ ހަދިޔާ ކުރާލެއް މަދުކަން ރައްފިއްޔާ ފާހަގަކުރި އެވެ.
ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ޕާޓްނަރުންގެ ތެރޭގައި ބްލަޑް ޑޮނާސްއާ ސެނަހިޔާގެ އިތުރުން އެލީޒާ މެޑިކަލް ސެންޓަރާއި ޑްރީމް ސެލޫން، އިސްލާމިކް ޔުނިވަސިޓީގެ ސުޓޫޑެންޓް ޔޫނިއަން، ސައިރެކްސް ކޮލެގް އަދި ޕޮލިސް ފެމިލީވެސް ހިމެނޭ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ. އަދި ރަފިއްޔާ ވަނީ އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.